ރާއްޖޭގެ ފުރަތަމަ ފިޝަރީޒް އެންޑް އޯޝަން ކްލަބު މިނިސްޓަރު ޝިޔާމް އިފްތިތާހުކޮށްދެއްވައިފި

GPYjRe9aMAAYhWW

ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގައި ގާއިމްކުރި ފިޝަރީޒް އެންޑް އޯޝަން ކްލަބް، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމް މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މިއީ ރާއްޖޭގެ ސްކޫލެއްގައި ގާއިމް ކުރި މިފަދަ ފުރަތަމަ ކްލަބެވެ.

ފިޝަރީޒް އެންޑް އޯޝަން ކްލަބް، އިފްތިތާހުކޮށްދެއްވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އޮޑިޓޯރިއަމްގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ކްލަބަކީ، މަސްވެރިކަމުގެ މާހައުލީ ނިޒާމުތަކާއި މަސްވެރިކަމުގެ އާއްމު މައުލޫމާތައް އާއްމުންނާއި ދަރިވަރުން ހޭލުންތެރިކުރުވުމުގެ މަޤުސަދުގައި އުފެއްދި ކްލަބެކެވެ.

އެ ކްލަބު އިފްތިތާހުކޮށްދެއްވައި ވާހަކަދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވީ، ސްކޫލުތަކުން އިސް ނަގައިގެން އެފަދަ ކަލްބުތައް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށާއި އެފަދަ ކަންކަމަށް މިނިސްޓްރީން އަބަދުވެސް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ، އެ ކްލަބުން މިނިސްޓްރީއާއި އެމް.އެމް.އާރް.އައި އާ ގާތް ގުޅުމެއް ބޭއްވުމަށް އެދިލައްވާފައެވެ. އަދި ކްލަބަށް ބޭނުންވާ އެހީތެރިކަން މިނިސްޓްރީއާއި އެމް.އެމް.އާރް.އައި އިން ދެއްވާނެ ކަމުގެ ޔަޤީންކަން މިނިސްޓަރ ދެއްވިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އެ ކްލަބު އުފެއްދުމުގައި އިސްކޮށް އުޅުނު ހަތަރު ދަރިވަރުންނަށް ހަނދާނީ ލިޔުން ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ