ދުނިޔޭގެ ކަނޑުގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ކުރިއަށްގެންދިޔަ މަސް ރޭހުގެ އެއް ވަނަ ފުއްލާޒް ރެކްރިއޭޝަން ކްލަބް (އެފްއާރްސީ) އިން ހޯދައިފިއެވެ.
އެ މަސްރޭހަކީ ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ކްލަބްތަކަށް ހާއްސަކޮށްގެން އިއްޔެ ކުރިއަށްގެންދިޔަ މަސް ރޭހެކެވެ.
ޖުުމްލަ 29 ޓީމް މަސް ރޭހުގައި ބައިވެރިވެފައިވާއިރު، މަސް ރޭހަށް ޓީމުތަކުން ފުރީ، ހުޅުމާލޭ، ލަކުނޑި ޖެޓީން އިއްޔެ 3:00 ގައެވެ. މަސް ބާނައިގެން ޓީމުތަކުން އައީ އެ ރޭގެ ވަގުތެއްގައެވެ.
މަސްރޭހަށް އިނާމު ކަނޑައަޅާފައިވާ ގޮތް:
އެއް ވަނަ ޓީމް : -/15000 ރުފިޔާ
ދެ ވަނަ ޓީމް: -/10000 ރުފިޔާ
ތިން ވަނަ ޓީމް: -/7000 ރުފިޔާ
އެންމެ ބަރު މަސް: -/1000 ރުފިޔާ
މަސް ރޭހުގެ ވަނަވަނަ އަށް ދިޔަ ޓީމުތަކަށް އިނާމު ހަވާލުކޮށްދެއްވީ މިނިސްޓަރ ޝިޔާމެވެ.
މަސްރޭހުގެ ވަނަވަނަ އަށް ދިޔަ ޓީމްތަކާއި ބައިވެރިން:
އެންމެ ބަރު މަސް ބޭނި ފަރާތް: ޓީމް އާރްއާރްސީގެ އިބްރާހިމް އަބްދުﷲ
އެއް ވަނަ ޓީމް: ޓީމް އެފްއާރްސީ
ދެ ވަނަ ޓީމް: ޓީމް ސްޓެލްކޯ
ތިން ވަނަ ޓީމް: ޓީމް އާރްއާރްސީ
މަސް ރޭސް ނިންމުމުގެ ރަސްމިއްޔާތުގައި، މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސް ރޭހުގައި 29 ޓީމު ބައިވެރިވުމަކީ، ބޮޑު ތަރުހީބެއް އެ ރޭހަށް ލިބުނު ކަމުގެ ހެއްކެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ، ކަނޑުރޯދިން ލިބޭ ނަފާ އިތުރުކުރުން ކަމަށާއި އެހެންވެ، ސްޕޯޓްސް ފިޝިން ތަރައްގީކުރުމަކީ އެ މިނިސްޓްރީން ހާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ. އެގޮތުން، ދިވެހިންނާއި ބޭރު މީހުންނަށް އަމާޒުކޮށްގެން ސްޕޯޓްސް ފިޝިން ހާބަރުތަކެއް ގާއިމްކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް މިހާރު އޮތީ ޑިޒައިނިން މަރުހަލާގައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްޕޯޓްސް ފިޝިން ބޮއިތައް އެޅުމުގެ މަސައްކަތްވެސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މި ސަރުކާރުން މިހާތަނަށް 17 ރަށެއްގައި ސްޕޯޓްސް ފިޝިން ބޮއި އަޅާފައިވާ ކަމަށް ވިދާޅުވިއެވެ.


