ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް
ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމް

މާލެ ދެކުނުފަރާތު ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި

ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އާއި މާލެ ސިޓީ ކައުންސިލާއި ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން މާލެ ދެކުނު ފަރާތު ފަޅުތެރެ ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ހެނދުން ފެށިގެން ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމާއި މާލޭގެ މޭޔަރު، އާދަމް އާޒިމްއާއި ވެމްކޯގެ އިސްވެރިންނާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

އެ ހަރަކާތް ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝިޔާމް ވަނީ ވަނީ ރާއްޖޭގެ ކަނޑުފަޅުތައް ސާފުކޮށް ބެހެއްޓުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ފަރުދީ ގޮތުން އެންމެން ގުޅިގެން މޫދަށް ކުނިއެޅުން ނިމުމަކަށް ގެންނަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރު ވަނީ މާލެއާއި ހުޅުމާލޭގެ ބަނދަރުތައް ވަކިން ޚާއްސަކޮށް ފަރުމަސްވެރި ކުރުމަށް ޚާއްސަ އުޅަނދުތައް އަޅާފައިވާ ސަރަހައްދުތައް ސާފުކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ޝިޔާމްގެ ވާހަކަ ނިންމަވާލައްވަމުން ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ވަކިން ޚާއްސަ މިނިސްޓްރީއެއް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމަށް އުފެއްދެވުމަކީ އެ މަނިކުފާނު އެ ދާއިރާ ކުރިއަރުވަން ވަރަށް ޚާއްސަ އިސްކަމެއް ދެއްވާކަމުގެ ހެއްކެއްކަން ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން އަންނަ އަހަރުން ފެށިގެން ދުނިޔޭގެ ކަނޑުގެ ދުވަހަކީ ގައުމީ ފެންވަރުގައި ފާހަގަ ކުރާ ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!