ނ.ވެލިދޫ އިންޑަސްޓްރިއަލް ޒޯންއިން ފައިބަރު އުޅަނދުފަހަރު ބަނދެ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުމަށް އެރަށުން ކައުންސިލުން ނިންމައިފިއެވެ.
ވެލިދޫ ކައުންސިލުން ބުނީ އެރަށު އިންޑަސްޓްރިއަލް ޒޯންއިން 7200 އަކަފޫޓުގެ 1 ބިން ފައިބަރ އުޅަނދުފަހަރު ބަނދެ ވިއްކުމަށް 30 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.
މިބިން ކުއްޔަށް ނެގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މައުލޫމާތު ސާފުކުރުން އޮންނާނީ ވެލިދޫ ކައުންސިލް އިދާރާގައި 12 ޖޫންވާ ބުދަ ދުވަހުގެ ހެނދުނު 10 ޖަހާއިރުއެވެ. އަންދާސީހިސާބު ހުށަހެޅުން އޮންނާނީ ވެލިދޫ ކައުންސިލް އިދާރާގައި ޖޫން 23ވަނަ ދުވަހުގެ ހެނދުނު 11 ޖަހާއިރުއެވެ.
މި މަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކަވާ އޮތް ފަރާތަކަށް ވެގެންނުވާނެކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީ ހުށަހަޅަންޖެހެއެވެ.
އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.



