މަސްވެރިކަމާއި ގުޅޭ

kanneli masverin

ރާއްޖޭގައި ލޭނު މަސްވެރިކަން ފެށުމާއި ނިމުން (ފުރަތަމަ ބައި)

ރާއްޖޭގެ ކަނޑުތަކުގައި ކުރަމުންއައި މަސްވެރިކަމުގެ ބާވަތްތަކުގެ ތެރެއިން މިޔަރުގެ މަސްވެރިކަމަކީ ޒަމާންވީ މަސްވެރިކަމެކެވެ. މި މަސްވެރިކަން ރާއްޖޭގައި އެކި ގޮތްގޮތަށް ކުރަމުންއައިސް ރާއްޖެއިން މިޔަރު ބޭރުކުރެވެން ފެށީ 1970 ގެ ފަހުކޮޅުގައެވެ. އެއަށްފަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިޔަރުގެ މަސްވެރިކަން ފެތުރެމުން ފުޅާވަމުންއައިސް 12 އަތޮޅެއްގައި މި މަސްވެރިކަން ކުރެވުނެވެ.

ރާއްޖޭގައި ތިންބާވަތެއްގެ މިޔަރު މަސްވެރިކަން ކޮށްއުޅުނެވެ. އެއީ ކަށިމިޔަރު މަސްވެރިކަމާއި، އަތޮޅުތަކުގެ ދުނިން ބޭރު ކަނޑުތަކުގައި އަޅާ ކަނޑުލޭނާއި، ފަރުތަކުގެ އެތެރެއިން އެތެރެވަރީގައި އަޅާ އެތެރެ ލޭނެވެ. ބައެއްފަހަރު ފަރުތެރޭގައިވެސް މި ލޭނު އަޅައެވެ.

ފެށުނު ގޮތް

ލޭނުގެ މަސައްކަތް ފެށުނީ ކަށިމިޔަރުގެ މަސްވެރިކަން ނިމުމަށްފަހު، 1988 ވަނަ އަހަރުއެވެ. ދުވަސްވަރަކީ ކަނޑުމަހުގެ މަސްވެރިކަންވެސް ދަށްވެ، މަސްވެރިކަން ހުއްޓިފައިއޮތް ދުވަސްވަރެކެވެ. އޭރު މަސްވެރިން ކޮށްއުޅުނު މަސްވެރިކަމަކީ ފަރުމަސްވެރިކަމެވެ. ލޭނު މަސްވެރިކަން މި ރަށުގައި (ށ.ކަނޑިތީމު) ފެށެން ދިމާވީ އޮޔާ ލައްވި ލޭނުބައެއް ހޮވުމާއި ގުޅިގެންނެވެ.

އަޖުމަ ބަލައިލުމުގެގޮތުން ފުރަތަމަ ރޭ ލޭނުއެޅީ، ށ.ގޮއިދޫ ބަޅުވިކޮޅާ ދިމާ ބޭރުގައެވެ. ހަވީރު ފަސްކޮޅު އެޅުމަށްފަހު ލޭނު ނެގުމަށްޓަކައި ފަތިހުފަތިހާ ދިޔައިރު ކޮންމެ ކޮޅަކު މިޔަރު ގަނެފައި ހުއްޓެވެ. މި ކޮޅުތަކުގައި އެންމެ ބޮޑުބައިގެ ތިން އޮޅުފައްޗާއި މެދުސައިޒުގެ މަޑިމިޔަރެއް ހުއްޓެވެ. އެއްކޮޅު ހަލާކުކޮށްލާފައި އޮތެވެ. ހީކުރިވަރަށްވުރެ މަސްވެރިކަން މާރަނގަޅެވެ.

ފަށައިގަތުން

ލޭނު މަސްވެރިކަމަކީ ކުރެވިދާނެ ކަމެއްތޯ ބެލުމުގެ ޝައުޤުވެރިކަން އެ ހިސާބުން އުފެދުނެވެ. އެހެންކަމުން ލޭނުކޮޅުތައް އިތުރުކޮށް މަސްވެރިކަން ފަށައިގަތެވެ. އަޖުމަބެލުމުގެގޮތުން މަސައްކަތް ފެށި، އިބުރާހީމް ޙާމިދު ފަރެސް އާއި އަބްދުލް ކަރީމު ކަރިސްމާ ވަކިވެ، އަމިއްލައަށް މަސްވެރިކަން ފަށައިގަތެވެ. އިސާހިތަކު ރަށުގެ އެހެން އޮޑިފަހަރުތައްވެސް މި މަސްވެރިކަން ކުރަންފެށިއެވެ. މިއާއިއެކު ކައިރި ރަށްތަކުގައިވެސް ލޭނު މަސްވެރިކަމުގެ ފޯރިހިފިއެވެ.

އެތެރެ ލޭނު

އެތެރެ ލޭނަކީ އަތޮޅުގެ އެތެރެވަރީން ފަރުފަރުގެ ދަށްފަރާތުގައްޔާއި ތިލަތަކުގެ އޮއިމަތީގައި އަޅާ ލޭނެވެ. އެތެރެވަރީގެ ލޭނު މަސްވެރިކަމަށް ދިޔުމުގެ ފުރުޞަތެއް އަޅުގަނޑަށްވެސް ލިބުނެވެ. އެ ދަތުރުގައި އެންމަހަކަށް ހޯދީ ފަރުމަހުގެ ބާވަތްތަކެވެ. އެންމަސް ކަނޑައި ލޭނުއަޅަން ފެށީ ހަވީރު ފަހެއްގެ ފަހުންނެވެ. ލޭނު އެޅުމަށްޓަކައި ލޭނު މައިފަށުގެ އެއްކޮޅުގައި ނަގިއްޔެއްޖަހައި މައިފަށުގައި ކޮޅުތައް އަޅުވައެވެ. ކޮންމެ ދިހަކޮޅަކުން ބަރެއް ޖަހައެވެ. ނިންމާލަމުން މައިފަށުގެ ނިމޭކޮޅުގައިވެސް ނަގިއްޔެއްޖަހައި އަޑިއަށް ފައްތައެވެ. އަދި މިނަގިލީގެ ވަލުގައި ލޭނުބޮތްކެއް ދިދައާއިއެކު ޖަހައެވެ. ކަނޑުލޭނެކޭ އެއްފަދައިން މި ލޭނު އެޅުމުގައިވެސް އެތައް ސަތޭކަ ކޮޅެއް އަޅައެވެ.

ލޭނުއެޅުމަށްފަހު ރަށެއްގެ ފަޅެއްގައި މަޑުކޮށް ލޭނުނަގަން ދިއައީ ފަތިހުއެވެ. ލޭނުގައި ބޮޑު ފެމުނަކާއި ކުދި ހައެއްކަ މިޔަރު ހުއްޓެވެ. މި ލޭނުގައި މިޔަރުގެ އިތުރުން ވަރަށް ގިނައިން މަޑި ގަނެފައި ހުރެއެވެ. ހަނދާނަށް އަންނަ އެއްކަމަކީ، މި ހުރިހާ މަޑިތަކުން ބުޅި ނެއްޓުމަށްޓަކައި ބަނޑުފަޅައި މަރާ ހެދިކަމެވެ. މި ގޮތުން 50 މަޑިއާއި 70 މަޑިއާއި ދެމެދުގެ އަދަދަކަށް ދެތިންރޭ މަތިން މަރާލެވުނެވެ. ލޭނު ނެގުމަށްފަހު ދެން ކުރިޔަށްދަނީ ލޭނުއެޅުމަށްޓަކައި އެންމަސް ހޯދުމުގެ މަސައްކަތެވެ.

ކަނޑު ލޭނާ ޚިލާފަށް ބޮޑެތި މިޔަރު ގިނައިން ގަންނަނީ އެތެރެ ލޭނުންނެވެ. ވަރަށް މަދުފަހަރަކު ފިޔަވައި ކާލިގަނޑު މިޔަރާއި، ފެމުނު މިޔަރުގެ އިތުރުން ވޮށިމަސް މިޔަރު ބޭނެނީ އެތެރެވަރީންނެވެ. ރާއްޖޭގެ ކަނޑުތަކުގައި އުޅޭ އެންމެ ބޮޑު މިޔަރަކީ ކާލިގަނޑު މިޔަރުކަން ފާހަގަ ކުރެވެއެވެ. ލޭނުމަސްވެރިކަމުގައި މި ރަށު މަސްވެރިންނަށް ބެވުނު އެންމެ ބޮޑު ކާލިގަނޑު މިޔަރުގައި ހުރީ 13.6 ފޫޓެވެ.

ކަނޑު ލޭނު

ކަނޑު ލޭނަކީ އެތެރެވަރީން ނުކުމެ އަތޮޅުތަކުގެ ދުނިން ބޭރު ކަނޑުތަކުގައި އަޅާލޭނެކެވެ. މި ލޭނަށް ނުކުންނައިރު އެންމަސް ހޯދުމަކީ ދަތި އުނދަގޫ ކަމެކެވެ. އެންދަމައިގެން ކަނޑަށް ނުކުމެ, ބައެއް ދަތުރުތަކުގައި ފަސޭހައިން އެންމަހުގެގޮތުގައި ކަނޑުމަސް ބެވުނެއްކަމަކު އަނެއްބައި ފަހަރު އައިނަކާ ދިމާނުވެދާނެއެވެ. މިކަން ހައްލުކުރުމަށްޓަކައި ކޮންމެ އޮޑިގެއަކު ޑީ ފުރިޖެއް ނުވަތަ ދެފުރިޖް ބަހައްޓާފައި ހުރެއެވެ. މި ފުރިޖުތަކުގައި އަބަދުވެސް އެންމަހަށް ބޭނުންވާ މަސް ފިނިކޮށްފައި ހުރެއެވެ.

ކަނޑަށް ނުކުންނައިރު އެންމަސް ނުލިބިއްޖެނަމަ ނުވަތަ ގެންދިއަ އެންމަސް ހުސްވެއްޖަނަމަ ކަނޑު ތެރެއިން ގިނަ އަދަދަކަށް ކޯމަސް ހިފައި އެންމަހުގެ ގޮތުގައި ބޭނުން ކުރެއެވެ. މިކަމުގެ ސަބަބުން އެތެރެވަރީގައި އުޅުނު ކޯމަސްތައް ވަގުވެ މި ސަރަހައްދު ދޫކޮށް ދިޔައެވެ. އިހުގައި ރަށުގެ އުރަފަށުން ހެނދުނާ ހަވީރު ކުޅެމުން ފުމެމުންދާ ކޯމަސްތައް ގެއްލި ހުސްވީ މިކަމާ ގުޅިގެންނެވެ.

ކަނޑު ލޭނަށް ނުކުންނައިރު ދިމާވާ އަނެއްކަމަކީ ރޭގަނޑު ކަނުއަނދިރީގައި ލޭނުއެޅި ސަރަހައްދާއި ދޯނި އޮތް މިސްރާބު އޮޅޭގޮތް ވުމެވެ. އޮޔާއި ވަޔާއެކު ދޯނި ގެންދާ މިންވަރު ދެނެގަތުމަކީ ދަތި އުނދަގޫ ކަމެކެވެ. ސަމުގާގެ ބޭނުން ކުރިކަމުގައިވިޔަސް ތަފާތު އެތައް އުނދަގޫތައް މެދުވެރި ވެއެވެ. އެހެންކަމުން މިއަށްވުރެ ފަސޭހަ ގޮތްތަކެއް ފެނޭތޯ މަސްވެރިން ތިބީ ބަލަބަލައެވެ.

ކަނޑު ލޭނަށް އަޅުގަނޑު ދިއަފަހަރު ލޭނުއެޅުނީ އެންމެ ރެއަކުއެވެ. އެރޭ އިންޖީނު ހަލާކުވުމާ ގުޅިގެން އެތައްބައެއްގެ އެހީތެރިކަމާއެކު އޮޑި ރަށަށް ގެނައީ 60 ހަކަށް މޭލު ބޭރުން ކަފުޖަހައިގެންނެވެ.

މި ލޭނުގައިވެސް 200 އާއި 250 ވަރަކަށް ކޮޅު އަޅައެވެ. ކޮންމެ 10 ކޮޅަކުން ލޭނުބޮތްކެއް ޖަހައެވެ. ދިދަޖަހާއުޅެނީ 50 ބޮކިން 50 ބޮކިންނެވެ. ދެދިދަ ދޭތެރޭގައި މޭލެއްގެ ދުރުމިން ހުންނާނެވެ. އެތެރެވަރީ ލޭނާ ޚިލާފަށް ކަނޑުލޭނުގެ އެއްކޮޅު ހިފައިފައި އޮންނާނީ ދޯންޏަށެވެ.

ލޭނު އެޅުމުގެ މަސައްކަތުގައި ކެޔޮޅުންގެ ކުޅަދާނަކަމާއި ހުޝިޔާރުކަން ފެނި އަޅުގަނޑު ވަރަށް ހައިރާންވިއެވެ. ލޭނު އަޅާގަޑި ޖެހުމުން، އެމީހެއްގެ މަސައްކަތަށް އެ މީހަކު ތައްޔާރު ވިއެވެ. ލޭނު ދޫކުރާއިރު މައިފަށް އޮޑި އޮތްދިގަށް ދޯނި ތެރެއިން ދެމެމުން ފަހަތަށް ދެއެވެ. މައިފަށުގައިވާ މަޅިގަނޑެއްގައި ލޭނުކޮޅު އަޅުވާލާއިރު އަނެކަކު ބުޅީގައި އެންގަނޑު އަޅުވާލައެވެ. ދޭތެރެދޭތެރެއިން ލޭނު ބޮތްކެއް ޖަހައެވެ. ދޯނި ދުއްވަނީ 7 މޭލާއި 9 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މި ގޮތަށް ދުއްވާފައި ދާއިރު ގޯހެއް ހިނގައިފިނަމަ ކުއްލިއަކަށް މަޑުކޮށްލުމަކީ ވަރަށް އުނދަގޫ ކަމެކެވެ. 400 ކޮޅުގެ ލޭނެއް ރުވާލަންނެގީ ގާތްގަނޑަކަށް 45 މިނެޓެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!