އެފްރިކާގެ ޤައުމެއް ކަމަށްވާ ކެންޔާގެ ޖަޒީރާ ރަށްތަކުގެތެރެއިން އެންމެ ބޮޑު ރަށުގެ ޕޭޓު ނަމަކަށް ކިޔާ އަވަށްގަނޑުގެ މީހުން އާމްދަނީ ހޯދުމަށް ބަރޯސާވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކަށެވެ.
އެގޮތުން ކެންޔާގެ ރައްޔިތުން ކިޔާގޮތުން ނަމަ ޝަންގާ އިޝިކާނީ އަކީ ފަގީރު ހިސާބެކެވެ. އާމްދަނީ ހޯދުމަށް އަންހެންވެރިންނަށް ވެސް ހުރި ފުރުސަތުތައް މަދެވެ.
އެހެންނަމަވެސް މިފަހުން މިވަނީ ކަނޑުތަކުން ނަފާ ލިބޭނެ އިތުރު ދޮރެއް ހުޅުވިފައެވެ. އެރަށުގައި މި މަސައްކަތް ކުރަނީ އަންހެންވެރިންނެވެ.
އެމީހުން ފަށާފައިވަނީ ބޯވަ ހިފާ އެ ވިއްކައިގެން އާމްދަނީ ހޯދުމުގެ ވިޔަފާރިއެވެ. މި އަންހެންވެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މީހާއަކީ އަމީނާ އަހުމަދެވެ. އަމީނާއަށް މިހާރު އުމުރުން 40 އަހަރުވެފައިވާއިރު، އޭނާ އަކީ 5 ކުދިންގެ މަންމައެކެވެ. މީގެކުރިން އަމީނާ ބަރޯސާވާން ޖެހެނީ ފިރިމީހާ މަހަށްގޮސް ލިބޭ އާމްދަނީއަށެވެ.
އެހެންނަމަވެސް މިހާރު އޭނާ އަކީ މަސްވެރި އަންހެނެކެވެ. އޭނާ އަކީ ބޯވަ ހިފުމަށް ކުޅަދާނެ މީހެކެވެ. މިކަމަށް އޭނާ ބޭނުންކުރަނީ ބާލިދީ އަކާއި ކޮޅު ތޫނު ދަނޑިގަނޑެކެވެ.
އެ ރަށުގެ މީހުން ބޯވަ ހިފަނީ އަހަރުގެ ވަކި ދުވަސްވަރެއްގައެވެ. ބޯވަތައް ހެދިބޮޑުވުމަށް އަހަރުގެ ބައެއް ދުވަސްތަކުގައި އެ ސަރަހައްދު ބަންދުކުރެއެވެ.
ބޯވަ ހިފުމުގެ ސީސަން ފެށިގެން އައި އިރު، މިކަމުގައި އެންމެ އިސްކޮށް އުޅެނީ އަމީނާއެވެ. އޭނާ އަކީ އެ ރަށުގެ އަންހެންވެރިންނަށް ބޯވަ ހިފުމާއި އެކަމުން އާމްދަނީއެއް ހޯދުމަށް މަގު ދައްކައިދިން މީހާއެވެ.
އެމީހުން ހިފާ ބޯވަތައް ވިއްކުމަށްޓަކައި ފޮނުވަނީ މޮމްބާސާއަށެވެ. އެތަނުން ބޯވަތައް ދުނިޔޭގެ އެހެން ހިސާބުތަކަށް އެކްސްޕޯޓުކުރެއެވެ.
މިއީ ފައިދާ ހުރި ވިޔަފާރިއަކަށްވާއިރު، ދެމެހެއްޓެނިވި ގޮތެއްގައި ބޯވަ ލިބޭނެ މަގެއް ހޯދުމަށްޓަކައި ފިޔަވަޅުތައް މިހާރުވެސް މިވަނީ އަޅާފައެވެ. އަދި ކުރިމަގުގައިވެސް އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ކަމާއި ގުޅުންހުރި ފަރާތްތަކުން ހާމަކުރެއެވެ.
One Response
ލިބޭ ޢާމްދަނީގެ މިންވަރު ނޭންގި ޚަބަރު ނިންމާލަންޖެހުނީމަ ވަރަށް ފޫހި ޚަބަރަކަށްވީ !
Comments are closed.