އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމްކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުޢާއުއެވެ. އަދި ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ސާމިޙް އާދަމް އެވެ.
ބީސީސީއިން ބުނީ މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތަށް، ރާއްޖޭގައި ސިނާޢީ ފެންވަރެއްގައި ފެހުމުގެ މަސައްކަތް ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފަހި ކަމެއް ގެނެސްދޭނެ އެއްބަސްވުމެއް ކަމަށެވެ.
އެގޮތުން، މި މަޝްރޫޢާއެކު، ބީސީސީގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ކުޑަކޮށް، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއެކު، ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުވުން ކަމަށާއި ދިވެހި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހި ކުރުމަކީވެސް ބީސީސީގެ އަމާޒެއްކަމަށް އެ ކޯރޕަރޭޝަނުން ބުނެއެވެ.
މީގެއިތުރުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ތަރައްޤީ ކުރެވޭ މި ގާމެންޓް ފެކްޓްރީ އައްޑޫ ސިޓީގައި ޤާއިމް ވެގެން ދިޔުމަކީ އެ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް އެއިން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ބީސީސީއިން ދެކެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން މި ދާއިރާއިން ވިޔަފާރިވެރިން ކުރިއެރުވުމާއެކު، އަދުގެ ސަރުކާރުގެ ސިނާޢީ ތަރައްޤީގެ ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް ވެސް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެ ކަމަށްވެސް ބީސީސީއިން ދެކެއެވެ.



