ދިވެހި ހައްޖާޖީއަކަށް ހާޓް އެޓޭކެއް ޖެހި ފަރުވާދެމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ހައްޖުގެ މަތިވެރި އަޅުކަމަށް ފުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި، މިނިސްޓަރު ވިދާޅުވީ މީގެ ދެތިން އަހަރަކުރިން ބޮޑެތި ބަލިތަކުގައި އުޅެމުންދާ ފަރާތްތަކަށް ހާއްސަ ކޯޓާތަކެއް ދޫކޮށް އެ މީހުން ހައްޖުގެ މަތިވެރިކަން އަދާ ކުރުމަށް ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.
އެގޮތުގެ މަތިން މިފަހަރު ހައްޖުގެ އަޅުކަމަށް ދިޔަ އެ ފަދަ ފަރާތަކަށް ހާޓްއެޓޭކެއް ޖެހި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
"މިވަގުތާއި ހަމައަށް ލިބިފައި ހުރި ހަބަރުތަކަށް ބަލާއިރުގައި އިރާދަކުރެއްވިއްޔާ ރަނގަޅު، އަޅުގަނޑު ވާނީ އެ ބޭފުޅާގެ އާއިލާ މީހުންނަށް ގުޅާފައި، ރާއްޖޭގައި އެބޭފުޅާގެ އާއިލާ މީހުންނަށް ގުޅާ ހާލު އެ ބޭފުޅުންނަށް ފޯރުކޮށްދީފައި". ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ، ބަލި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ވަކި ހާއްސަ ޑޮކްޓަރުންގެ ޓީމެއް ހައްޖު ކޯޕަރޭޝަނާއި ހައްޖު މިޝަންގައިވެސް ތިބޭކަމަށެވެ. އަދި ހައްޖުވެރިން ތިބި ހޮޓެލްގައި ކްލިނިކެއްވެސް ގާއިމް ކުރެވިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.



