މަސްވެރިކަމާއި ގުޅޭ

މީރާއިން ހިދުމަތްދެނީ، ފޮޓޯ: މީރާ
މީރާއިން ހިދުމަތްދެނީ، ފޮޓޯ: މީރާ

މެއިމަހު މީރާއަށް 1.66 ބިލިއަން ރުފިޔާ ބަލައިގަނެފި

މެއިމަހު މީރާއަށް 1.66 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މީރާއިން މައުލޫމާތުދީފިއެވެ.
މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %4.8 ދަށް އަދަދެކެވެ. އަދި މޭ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %0.8 ގިނަ އަދަދެކެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މޭ 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2024 ގައި ލިބިފައިވާ އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކުހާއި، ޖީ.ޖީ.އެސް.ޓީ، އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން، އެ އަހަރުގެ މޭ މަހު ގިނަ ފަރާތްތަކުން ދައްކައިފައިވާތީ، މޭ 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މޭ 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށް ވެފައެވެ. މި ގޮތުން، މޭ 2024 ގައި ލިބިފައިވަނީ، އާމްދަނީން ނަގާ ޓެކުހުގެ ކުރީގެ ސުންގަޑިތަކުގައި ދައްކައިފައިނުވާ ފައިސާއެވެ. މޭ މަހުގެ އާމްދަނީ ދަށް ވުމުގެ އިތުރު ސަބަބަކީ، ޖީ.އެސް.ޓީގެ ސުންގަޑިއަށް ބައެއް ފަރާތްތަކުން ޖީ.އެސް.ޓީ ދައްކައިފައިނުވާތީކަމަށް މީރާއިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން އޭޕްރީލް 2023 އާއި އަޅައިބަލާއިރު އޭޕްރީލް 2024 ގައި ދަތުރުވެރިން ފުރާފައިވާ އިންސައްތަ 0.9%ދަށްވެފައިވާތީ، އެއަރޕޯޓް ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވެފައިވާކަމަށް މީރާ އިން މައުލޫމާތު ދެއެވެ.
މޭ 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓޫރިޒަމް ލޭންޑް ރެންޓް އިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ. މީގެ ސަބަބަކީ، މުވާސަލާތީ ދާއިރާއިން ރިޕޯޓްކޮށް އަދި ފައިސާ ދައްކައިފައިވާ އަދަދު އިތުރުވެފައިވާތީ، އަދި، ޓޫރިޒަމް ލޭންޑް ރެންޓުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ފައިސާ ދައްކައިފައިވާތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މޭ 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީ.އެސް.ޓީއެވެ. އެއީ 66.19% ނުވަތަ 1.10 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 9.0% ނުވަތަ 149.35މިލިއަން ރުފިޔާއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ ގެ ގޮތުގައި 96.55 މިލިއަން ރުފިޔާ (5.83%)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 93.68 މިލިއަން ރުފިޔާ (5.66%)، ގްރީން ޓެކުހުގެ ގޮތުގައި 25.85 މިލިއަން ރުފިޔާ (5.15%)، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 135.30 މިލިއަން ރުފިޔާ (%8.17) ލިބިފައިވެއެވެ.
މޭ 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!