މަސްވެރިންގެ ފައިސާގެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ގއ. ނިލަންދޫ ކައުންސިލަރުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް ގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ނިލަންދޫގައި އައިސް ޕްލާންޓެ ގާއިމުކުރުމަށް ކައުންސިލުން އެދުނު ކަމަށް މިނިސްޓްރީން ބުންޏެވެ.
އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝަހީންވެސް ބައިވެރިވި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ދެން ވާހަކަ ދެކެވުނީ މަސްވެރިންނަށް މިފްކޯ މެދުވެރިކޮށް ދޭން ޖެހޭ ފައިސާގެ ވާހަކައާއި މިފްކޯ ހަރުދަނާ ކުރުމުގެ ވާހަކަ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، މަސްވެރިން ތަމްރީނުކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ހުވަދު އަތޮޅުގެ އައިސް ޕްލާންޓްތައް ނުހުއްޓި މަސްވެރިންނަށް އައިސް ފޯރުކޮށް ދިނުމަށް މިފްކޯއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށް ވަޒީރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ނިލަންދޫ ކައުންސިލުން އެދުނު ގޮތަށް، ނިލަންދޫގައި އައިސްޕްލާންޓް އެޅުމަށް މަސައްކަތް ކުރާނެ ވާހަކަވެސް ވަޒީރު ވިދާޅުވި ކަމަށް މިނިސްޓްރީން ބުންޏެވެ.
މަސްވެރިންގެ ޝަކުވާތައް ވަރަށް ގާތުން އަޑުއައްސަވައި އެ ޝަކުވާތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަރަށް ހާއްސަ އަހަމިއްޔަތުކަމެއް ދެއްވާކަން ވަޒީރު ފާހަގަ ކުރެއްވިކަމަށްވެސް މިނިސްޓްރީން ބުންޏެވެ.




One Response
ފުރަތަމަ ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން އަންނަނީ މިހާރު 7 މަސް މިވަނީ އަދިވެސް އަދިވެސް މަސައްކަތް 5 އަހަރު ނިމެންދެން މަސައްކަތް ކުރާތި މިނިސްތަރު ސިޔާމު ޖަކޮޔާ ކިހިނެތިޔަހަދަނީ ؟؟؟