އެ ޔޫނިއަންއިން ބުނީ، ކަންނެލި މަސްވެރިންނަށް ވީ ވައުދު ނުފުއްދާ، ކަންނެލި ހިފަން ލޭނު އަޅަން ހުއްދަ ދިނުމާ ދެކޮޅަށް ކަންނެލި މަސްވެރިން މާދަމާ އިހުތިޖާޖް ކުރަން ތައްޔާރު ވަމުންދާ ކަމަށެވެ. އަދި ކަންނެލި މަސްވެރިންގެ ހައްޤުގައި ސާބިތުވެ ދެމިތިބޭނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.
ބޮޑުކަންނެލީގެ ލޭނު މަސްވެރިކަމާ ދެކޮޅަށް އިހުތިޖާޖު ކުރަން ބީކޭއެމްޔޫއިން ތައްޔާރުވާން ފެށީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
މިިދިޔަ ބުރާސްފަތި ދުވަހު ބީކޭއެމްޔޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ބޮޑުކަންނެލި ބާނަން މަނާކޮށްފައި އޮތް ލޭނު އެޅުން ހުއްދަ ކުރަން ސަރުކާރުން މަސައްކަތް ކުރާ ކަމަށާއި، އެއީ ކަންނެލި މަސްވެރިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
އެގޮތަށް އެކަން ކޮށްފިނަމަ، މަދު ކުންފުނިތަކަކުން ބޭރުގެ އަދި ކުންފުނިތަކުގެ ލޭނު ބޯޓުތައް މެދުވެރިކޮށް ބޭރުކަނޑުން ގިނަ އަދަދެއްގެ ކަންނެލި ހޯދުމާއި، ކަނޑުމަތިން އެއް ބޯޓުން އަނެއް ބޯޓަށް މަސް ގަނެ ވިއްކުމާއި، ކަންނެލި ލިބޭ މިންވަރު އިންތިހާއަށް އިތުރު ވުމުގެ ސަބަބުން ދިވެހި އޮޑިތަކުން ބާނަ ކަންނެލީގެ ޑިމާންށް ދަށްވެ އޭގެ އަގު އިންތިހާއަށް ދަށްވާނެ ކަމަށް އެ ޔޫނިއަންއިން ބުންޏެވެ.
"ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީއާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓް ކޮށްގެން ތިބި އޮޑިވެރިންނާއި، ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓު ވާނެ" އެ ޔޫނިއަންގެ ބަޔާނުގައި ވެއެވެ.
އޭގެ އިތުރުން، ލޭނުގެ މަސްވެރިކަމަށް ހުއްދަ ދީފި ނަމަ، ކަންނެލި މަސްވެރިކަމުން ދިވެހިން ފެޔަށް ޖެހި، ޒަމާންވީ ދިވެހި ދެމެހެއްޓެނިވި މަސްވެރިކަން، ކޯޕަރޭޓް ކުންފުނިތަކުގެ އަތްދަށަށް ބަދަލުވާނެ ކަމަށް އެ ޔޫނިއަންއިން ބުނެއެވެ.
އެ ޔޫނިއަންއިން ބުނީ، ލޭނު އެޅުމާާ ދެކޮޅު ވުމަށާއި، ބޮޑުކަންނެލި މަސްވެރިންނަށް ރައީސް ވެފައިވާ ވައުދުތައް އަވަހަށް ފުއްދުމަށް ޑިމާންޑު ކޮށް، ބޮޑުކަންނެލި މަސްވެރިން މާލެ ސަރަހައްދުގައި އިހުތިޖާޖެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ބީކޭއެމްޔޫއިން ސަރުކާރަށް ގޮވާލާފައި ވަނީ ވީހާވެސް އަވަހަކަށް އެ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަށެވެ.
ލޭނުގެ ބޮޑުކަންނެލި މަސްވެރިކަމަށް ހުޅުވާލުމާމެދު ފިޝަރީޒް މިނިސްޓްރީން ވަނީ ބުދަ ދުވަހު ބީކޭއެމްޔޫ އާއެކު މަޝްވަރާ ކޮށްފައެވެ.
އެ މަޝްވަރާ ބައްދަލުވުމަށްފަހު ބީކޭއެމްޔޫއިން ބުނީ، ލޭނު އަޅައިގެން ބޮޑު ކަންނެލި ބޭނުމަކީ މަސްވެރިންނަށް އެއްވެސް ވަރަކަށް ފައިދާ ކުރާނެ ކަމެއް ނޫން ކަމަށް މިނިސްޓްރީއަށް ދަންނަވާފައި ވާނެ ކަމަށެވެ.