މަސްވެރިކަމާއި ގުޅޭ

ދިވެހި ޒުވާން މަސްވެރިއާ ސާޖިން، ސާޖިން އަކީ ދިވެހި މަސްވެރިކަން ކުރިއަރުވައި ޒުވާނުންނަށް މި ދާއިރާއިން ނަމޫނާ ދައްކަމުންދާ ޒުވާނެއް
ދިވެހި ޒުވާން މަސްވެރިއާ ސާޖިން، ސާޖިން އަކީ ދިވެހި މަސްވެރިކަން ކުރިއަރުވައި ޒުވާނުންނަށް މި ދާއިރާއިން ނަމޫނާ ދައްކަމުންދާ ޒުވާނެއް

ސަޤާފީ ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަން ގުޅުވާލެވިދާނެބާ!

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ކުރިއެރުވުމަށްޓަކައި ސަޤާފީ ފަތުރުވެރިކަން ފުޅާކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. މިކަމާ ގުޅޭ މުހިންމު މަޝްވަރާތަކެއްވެސް މިވަނީ ބާއްވާފައެވެ. މިއީ ދިވެހި ސަޤާފަތް ދިރުވުމާއެކު ރާއްޖޭގެ އިޤްތިޞާދަށްވެސް ފައިދާ ކުރާނެ ކަމެކެވެ.

ކޮންމެއަކަސް ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރުގެ ގޮތުގައި ސިފަކުރެވެމުން އަންނަ މަސްވެރިކަމަކީވެސް ސަޤާފީ ފަތުރުވެރިކަމާއިއެކު ކުރިއެރުވިދާނެ ކަމެކެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ދިވެހި މަސް ދޯނިފަހަރުގައި ދިވެހި މަސްވެރިންނާއެކު މަސްވެރިކަން ކޮށް ތަޖުރިބާ ހޯދުމުގެ ފުރުޞަތު ލިބިއްޖެނަމަ އެ ފުރުޞަތުގެ ބޭނުން ނުހިފާނެތޯ މީ އުފެދޭ ސުވާލެކެވެ. ދިވެހިން ކަޅުބިލަ މަހުގެ މަސްވެރިކަން ކުރާގޮތް "އެކަތިން އެކަތިން ކަޅުބިލަ މަސް ބޭނުން" ނުވަތަ "ވަން ބައި ވަން ޓޫނާ ފިޝިންގް" އަކީ ގިނަ ބަޔަކު ޝައުޤުވެރިކަން ހުންނަ ކަމެއްކަން ޔޫޓިއުބާއި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ވީޑިއޯތަކަށް ބޭރުގެ ޤައުމުތަކުގެ މީހުން ފާޅުކުރާ ޚިޔާލުތަކާއި ހުންނަ ޝައުޤުވެރިކަން ދައްކުވައިދެއެވެ.

އެހެންކަމުން ރާއްޖޭގެ ރަށްތަކަށް ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނައިރު، ފަތުރުވެރިންނަށް މިފަދަ ތަޖުރިބާތައް ކުރުމުގެ ފުރުޞަތު ފަހިވުމަކީ ދިވެހި މަސްވެރި އާއިލާތަކަށް އިތުރު ހިތްވަރެއްލިބި އިތުރު ފައިދާއެއްވެސް ކުރާނެ ކަމެކެވެ. މިކަމުގައި ހިމެނެނީ ހަމަ އެކަނި ފަތުރުވެރިންނަށް މަސްވެރިކަން ތަޖުރިބާކުރުމުގެ ފުރުޞަތު ދިނުން އެކަންޏެއްވެސް ނޫނެވެ. ބޭރުގެ ބައެއް ޤައުމުތަކުގައި ދަނޑުވެރި އާއިލާތަކާއިއެކު ދަނޑުބިންތަކުގައި މަސައްކަތްކޮށް އެމީހުންގެ ދިރިއުޅުން ތަޖުރިބާ ކޮށްލުމުގެ ފުރުޞަތު ފަތުރުވެރިންނަށް އޮންނަހެން ދިވެހި މަސްވެރިންގެ އާއިލާތަކާއެކު ފަތުރުވެރިންނަށް ދިވެހި ސަޤާފަތާއި ދިވެހި ރަހަތަކާއި ދިވެހިންގެ އާދަކާދަތައް ތަޖުރިބާކޮށްލަން ފުރުޞަތު ލިބުމަކީ ދިވެހި ސަޤާފަތް ދިރުވުމަށް ލިބިގެންދާނެ ފުރުޞަތެކެވެ. އަދި ރަށްރަށުގައި ތިބި މަސްވެރި އާއިލާތަކަށްވެސް އިތުރު ފައިދާތަކެއް ލިބި މަސްވެރިކަންވެސް ކުރިއަރައިދާނެ ކަމެއްކަން ޔަޤީނެވެ. މިއީ ދިވެހި މަސްވެރި އުފެއްދުންތައް މާކެޓު ކުރުމާއި އެއިން އިތުރު ނަފާ ލިބުމަށް މަގުފަހިވެގެންދާނެ ކަމެއްކަންވެސް ޔަޤީނެވެ.

ދިވެހި މަސްވެރިންތަކެއް މަސް ބާނަނީ : ފޮޓޯ: ޒުވާން މަސްވެރިޔާ

މިހާރުވެސް ރިސޯޓުތަކަށް އަންނަ ފަތުރުވެރިން "ނައިޓް ފިޝިންގ"އަށް ހުންނަ ޝައުޤުވެރިކަން ކުޑައެއް ނޫނެވެ. ރިސޯޓުތަކުން އާންމުކޮށް ފަތުރުވެރިންނަށް ވިއްކާ ގިނަ ޕެކޭޖުތަކުގައި ނައިޓް ފިޝިން އާއި މަސް ދަތުރު ދިއުން ހިމަނާފައި ހުރެއެވެ. އެހެންކަމުން ދިވެހި މަސް ދޯނިތަކުގައި މަސްވެރިންނާއެކު ދިވެހި މަސްވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފަހިވެއްޖެނަމަ އެއީ ފަތުރުވެރިކަމާއެކު މަސްވެރިކަމަށްވެސް ލިބިގެންދާނެ ކުރިއެރުމެކެވެ. ދިވެހި މަސްވެރިކަމާ ގުޅޭ ވާހަކަތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރި ދިވެހި މަސްވެރިކަން އިތުރަށް މަޝްހޫރުވެސް ވެގެންދާނެ ކަމެކެވެ.

އެހެންކަމުން ސަޤާފީ ފަތުރުވެރިކަން ކުރިއަރުވާއިރު ދިވެހި މަސްވެރިކަމާއި މިކަން ގުޅުވުމަކީ މުހިންމު ކަމެކެވެ. ރަނގަޅު ޕްލޭނަކާއިއެކު ރަނގަޅު އުސޫލެއްގެ ދަށުން ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާއިރު މިއީ ވިސްނާލުން މުހިންމު ދާއިރާއެކެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!