މިދިޔަ ފިޠުރު ޢީދެކޭ އެއްގޮތަށް އަޟްޙާ ޢީދު ނަމާދުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަށާނީ ހެނދުނު 7:00 ޖަހާއިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ޢީދު ނަމާދު ކުރާ ގަޑި ހެނދުނު 07:00 އަށް ބަދަލުކުރީ، އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީކަމަށް މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން މިނިސްޓްރީން ބުނީ، ގަޑި ބަދަލު ކޮށްފައި ވަނީ، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އެފަރާތްތަކަށް އުފުލަން ޖެހޭތީ، ކަމަށެވެ.
މި ބަދަލު ގެނައީ، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.



