ލޭނު މަސްވެރިކަމާ ދެކޮޅަށް ކަންނެލި މަސްވެރިން އިހުތިޖާޖުކުރަނީ---
ލޭނު މަސްވެރިކަމާ ދެކޮޅަށް ކަންނެލި މަސްވެރިން އިހުތިޖާޖުކުރަނީ---

މުޒާހަރާއާ ގުޅިގެން ޔޫނިޔަންގެ އިސްވެރިންނާ އެބަ މުއާމަލާތު ކުރަން: ވަޒީރު

ލޭނު މަސްވެރިކަމާ ދެކޮޅަށް ކަންނެލި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅިގެން، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)ގެ އިސްވެރިންނާ މުއާމަލާތު ކުރައްވަމުން ގެންދަވާ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، މުޒާހަރާއާ ގުޅިގެން އެމަނިކުފާނު ދެއްކެވި ވާހަކަތަކެއް ކަމަށް ބުނެ ރާއްޖެ އެމްވީގައި ލިޔެފައިވާ ވާހަކަތައް ދޮގު ކުރައްވަމުންނެވެ.

"މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް" މި ސުރުހީގެ ދަށުން ރާއްޖެ އެމްވީއިން ލިޔުނު ހަބަރަކީ ދޮގެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީ އަޅުގަނޑު ދެންނެވި ވާހަކައެއްނޫން. ބޮޑު ކަންނެލި ޔޫނިޔަނުން އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއް. އެއްވެސް ފަރާތަކުން މަސްލަހަތު ގެއްލޭފަދަ ކަންކަން ނުކުރެއްވުން ވަރަށް އެދެން. ޔޫނިޔަންގެ އިސްވެރިންނާ މިދަނީ މުއާމަލާތް ކުރަމުން" މިނިސްޓަރު ވިދާޅުވިއެވެ.

Ahmed Shiyam on X: "މީ އަޅުގަނޑު ދެންނެވި ވާހަކައެއްނޫން. ބޮޑު ކަންނެލި ޔޫނިޔަނުން އިސްނަގައިގެން ބޮޑުކަންނެލި މަސްވެރިން ކުރަމުންދަނީ ވަރަށް ސުލްހަވެރި އިހުތިޖާޖެއް. އެއްވެސް ފަރާތަކުން މަސްލަހަތު ގެއްލޭފަދަ ކަންކަން ނުކުރެއްވުން ވަރަށް އެދެން. ޔޫނިޔަންގެ އިސްވެރިންނާ މިދަނީ މުއާމަލާތް ކުރަމުން." / X

މިހާރު ކުރިއަށްދާ އިހުތިޖާޖު އިންތިޒާމުކުރީ ބީކޭއެމްޔޫ އިންނެވެ. އެނގިފައިވާ ގޮތުގައި އެ އިހުތިޖާޖުގައި 50 އަށް ވުރެ ގިނަ ކަންނެލި ދޯނިން ބައިވެރިވެ އެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ، ލޭނު މަސްވެރިކަމަށް ހުއްދަ ދޭން އުޅެނީ ވަކި ވިޔަފާރިތަކަކަށް މަންފާކުރުމަށް ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެކަމުން ކަންނެލި މަސްވެރިންވާނީ އިތުރަށް ނިކަމެތިކަމަށް އެ މީހުން ބުންޏެވެ.

ކަންނެލި ޔޫނިއަން އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ، ލޭނުއެޅުން ހުއްދަ ކުރުމަކީ އާންމު މަސްވެރިންގެ ބަދަލުގައި މަދު ކުންފުނިތަކަކަށް ފައިދާވާނެ ކަމެއް ކަމަށާއި ދިވެހި އަތުނަނު ކަންނެލި އޮޑިތަކުން ބާނާ ކަންނެލީގެ ޑިމާންޑު ދަށްވެ، އަގު ދަށްވާނެ ކަމަށެވެ.

"ނަތީޖާއެއްގެ ގޮތުން ލިބޭ އާމްދަނީ އާއި ހަރަދާ ނުބައްދަލުވެ، ކަންނެލި މަސްވެރިކަމަށް އިންވެސްޓުކޮށްގެން ތިބި އޮޑިވެރިންނާއި ކަންނެލި މަސްވެރިކަމުން ދިރިއުޅޭ އާއިލާތައް ބަނގުރޫޓުވާނެ އެވެ،" އެ ޔޫނިއަން އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބީކޭއެމްޔޫއިން ޑިމާންޑު ކުރަނީ އިންތިހާބުގެ ތެރޭގައި ސަރުކާރުން ވައުދުވެފައިވާ ގޮތަށް ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކަށް 80ރ. އާއި 100ރ.އަށް މިފްކޯއިން ކަންނެލި ގަންނަން ފެށުމަށް ފަހު ނޫނީ ލޭނު އަޅަން ހުއްދަ ނުދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!