އެމްއޭސީއެލްގެ މުވައްޒަފަކާ ގުޅިގެން، ދެމަފިރިއަކު އިސްވެ، މާލޭގައި ހިންގަމުންދާ ވަގު ވެހިކަލްގެ ބޮޑު ނެޓުވޯކެއް ފުލުހުން ހޯދައިފިއެވެ.
ފުލުހުން، ބުނީ، އެ ދެމަފިރިންގެ ނަމުގައި 100 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 86 ހަތަރު ފުރޮޅުލީ އުޅަނދުވެސް ހިމެނެއެވެ.
ފުލުހުން ބުނީ، އެ ނެޓުވޯކު ފަޅާއެރީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ސެކިއުރިޓީ ހުއްދައަކާ އެކު މެނުވީ ނުވަދެވޭ ސަރަހައްދައްގައި އޮއްވައި ވަގަށް ގެންދިޔަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ ވެހިކަލް ހޯދައި ބެލިބެލުމުން ކަމަށެވެ.
އެ މައްސަލައިގައި ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ އަހްމަދު ނިޒާމް, 43, މ. މޮޑަން ކޮމެޓް އަދި އެމްއޭސީއެލްގެ ސްޓާފެއް ކަމަށްވާ މުހައްމަދު ހައިޝަމް, 42, މ. ސީނިއަސުރުމާގެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވީ، އެމްއޭސީއެލްގެ އެމްޑީގެ ވެހިކަލް ހ. އީރަމްގޭގެ ގްރައުންޑް ފްލޯގައި ހުރި ގަރާޖަކަށް ވެއްދި ކަމަށާއި އެއީ ނިޒާމަށް ކުއްޔަށް ދޫކޮށްފައި ހުރި ގަރާޖެއް ކަމަށެވެ.
އޭނާގެ ހާޒިރުގައި ގަރާޖު ބެލި އިރު އެ ވޭނާއި އިމިގްރޭޝަނުން ގެއްލިގެން ހޯދަމުންދިޔަ ހަތަރު ފުރޮޅުލީ ވެހިކަލެއް ވެސް ފެނުނު ކަމަށް ދާވޫދު ވިދާޅުވިއެވެ.
"100 ވެހިކަލް މި ދެންނެވި ގަރާޖު ހިންގާ ފަރާތުގެ ނަމުގައި, އޭގެ ތެރޭގައި ހަތަރު ފުރޮޅުލީ 86 ވެހިކަލެއް ރަޖިސްޓްރީކޮށްފައި އޮތްކަން. 86 ވެހިކަލް ބަހާލާފައިވަނީ ނިޒާމްގެ އަނބިކަނބަލުންގެ ނަމުގައި 42 ވެހިކަލެއް, ބާކީ ވެހިކަލް އޭނާގެ ނަމުގައި," ދާވޫދު ވިދާޅުވިއެވެ.
ދާވޫދު އިތުރަށް ވިދާޅުވީ، އެ ގަރާޖުގައި ވެހިކަލްތަކުގެ އަސްލު އޮޅުވާލުމަށް މަސައްކަތް ކޮށް، އޭގެ އިންޖީނު ނަންބަރާއި ޗޭސިސް ނަންބަރު ކަހާލުމަށް ފަހު ފުޅާ ދާއިރާއެއްގައި އެ ވިޔަފާރި ކުރަމުންދާ ކަމަށެވެ.



