މަސްވެރިކަމާއި ގުޅޭ

Fuvahmulah_Dive_School_Tiger_Shark1_200218_195433

ރާއްޖޭގައި ލޭނު މަސްވެރިކަން ފެށުމާއި ނިމުން (ދެވަނަ ބައި)

ޖީ. ޕީ. އެސް ހޯދުން 

ލޭނު މަސްވެރިކަމުގެ ތެރެއިން ދިވެހިންނަށް ތަޢާރަފުވެގެންއައި އެކައްޗަކީ ޖީ. ޕީ. އެސް އެވެ. މީގެ ސަބަބުން ދަތުރުފަތުރު ކުރުމުގައި އެތައް ފަސޭހަތަކެއް ލިބުނެވެ. ބޭނުންކުރުމުގައި ބަހުގެ މައްސަލަ ކުރިމަތިވި ކަމުގައިވިޔަސް، އިސާހިތަކު ހުރިހާ މަސްވެރިންނަށްވެސް ފަސޭހަކަމާއިއެކު ބޭނުން ކޮށްލެވޭ އެއްޗަކަށް ޖީ. ޕީ. އެސް ވިއެވެ. 

ޖީ ޕީ އެސް ލިބުމާއެކު ދިޔަވަރާއި އޮއިވަރަށް އަންނަ ބަދަލު އެނގުނެވެ. އޮޑި ދަށްކުރާވަރާއި ދަތުރުކުރި މިސްރާބުވެސް އެނގެއެވެ. ދާންވީ ތަނަކަށް ދެވޭނެ ވަގުތު އިސްކިރީންނުން ފެނެއެވެ. ޖީ. ޕީ. އެސްގެ އެހީގައި ކުދި އޮޑިފަހަރުގައި ޖެހިލުމެއްނެތި، މަކުނުދޫ ފަރުން 130 މޭލާއި 150 މޭލަށް ނުކުމެ އިތުރު ހިތްވަރާއެކު ލޭނު މަސްވެރިކަން ކުރިއަށް ޖެއްސިއެވެ. ލޭނު މަސްވެރިކަމުގެ އޮޑިފަހަރުގައި އާންމުކޮށް މަސައްކަތްކޮށް އުޅެނީ 4 މީހުންނާއި 5 މީހުންނެވެ. 

މިޔަރު ގަންނަ ފަރާތްތައް 

ލޭނު މަސްވެރިކަން ރަނގަޅަށް ހިނގައިގަތުމުން ވަރަށް ގިނަ ބަޔަކު މިޔަރު ގަތުމުގެ މަސައްކަތް ފަށައިގަތެވެ. މަސްވެރިންގެ އަތުން މިޔަރު ގަތުމުގެ ފޯރިގަދަވެ، އެކިއެކި ފަރާތްތަކުން ގެންނަ މިޔަރުތައް ނީލަމުގައި ގަތެވެ. އެކި ރަށްރަށުން އަންނަ އޮޑިފަހަރު ނެރުމަތީގައި އޮއްވާ، މިޔަރު ގަންނަ ފަރާތްތަކުން ގޮސްއަރައެވެ. މި ރަށުގައި މިޔަރު ގަތުމުގެ މަސައްކަތް އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުންއައީ މުޙައްމަދު ވަޙީދު ދިލާސާ ގެ ކޮމްޕެނީއާއި ޢަބްދުލް ޢަލީމާއި ޢަލީ މަންސޫރުގެ ކޮމްޕެނީންނެވެ. 

މެދުކެނޑުމެއްނެތި ދިހަ އަހަރު މި ސަރަހައްދުގައި ލޭނު މަސްވެރިކަން ކުރެވުނެވެ. މި މަސްވެރިކަން ފެށިގެންއައި ދުވަސްވަރު ބައެއް ރޭރޭ 70 އާއި 80 ދެމެދުގެ އަދަދަކަށް މިޔަރު ބޭނިއެވެ. އެއީ ގާތްގަނޑަކަށް 50,000 ރުފިޔާއެވެ. އޭރު ހަތަރު ފަސް ރަށުގެ އޮޑިފަހަރުން މިޔަރު ގަންނަމުން ދެއެވެ. މިޔަރުތައް ގޮނޑުދޮށުގައި އަތުރާލައިފާ ހުންނައިރު ކޮޅާކޮޅު ނުފެންނަ ހިސާބަށް މިޔަރުތައް ހުރެއެވެ. މިޔަރު ކަނޑާ މީހުންނަށް މެންދުރުފަހުން ފެށިގެން އަނެއް ދުވަހުގެ އަލިވިލޭއިރުވެސް މިޔަރު ކަނޑައި ނުނިމެއެވެ. 

މިޔަރުގެ އަގު ކިޔަނީ މިޔަރުގެ އުރަހަ އަށެވެ. މިޔަރުގެ ބޮޑުމިން ކިޔާއުޅެނީ އިންޗިން އުރަހައިގެ ދިގުމިނަށެވެ. އުރަހައާއި ދަތްޕިލައިގެ އިތުރުން މިޔަރު މަސްވެސް ލޮނުމަސް އަޅައިގެން ބޭރުކުރިއެވެ. 

މިޔަރުގެ ބާވަތްތައް 

ދިވެހި ކަނޑުތަކުގައި އުޅޭކަމަށް ފާހަގަ ކުރެވިފައިވަނީ 30 ބާވަތެއްގެ މިޔަރުކަމަށް ވެއެވެ. މިތާ އަޅުގަނޑު މި ހިމަނާލަނީ މަސްވެރިން ބާނާއުޅުނު މިޔަރުގެ 29 ވައްތަރަކާއި މަސްވެރިން މި މިޔަރުތަކަށް ކިޔާއުޅޭ ނަންތަކެވެ. 

އާންމުކޮށް އެތެރެވަރިން ބާނާ އުޅުނު މިޔަރުގެ ބާވަތްތަކަކީ: 

  1. ނިދަންމިޔަރު
  2. ބޯދިގުމިޔަރު
  3. ބޯވަށްމަޑިމިޔަރު
  4. ކާލިގަނޑުމިޔަރު (އެތެރެވަރިންނާއި ކަނޑުލޭނުގައި ގަންނަ ބާވަތެއް)
  5. ކައްޓަފުޅިމިޔަރު
  6. އޮޅުފަތިމިޔަރު
  7. އޮށިކުރި
  8. ވައްބޯމިޔަރު
  9. މަޑިމިޔަރު
  10. މަޑުމިޔަރު
  11. ފާނެއްމަރު
  12. ފެމުނުމިޔަރު (އެތެރެވަރިންނާއި ކަނޑުލޭނުގައި ގަންނަ ބާވަތެއް) 
  13. ފަޅުދޮންމިޔަރު
  14. ދަތްބުޅިމިޔަރު
  15. ދަތްދިގުމިޔަރު
  16. ލޯދަނޑިމިޔަރު

 އާންމުކޮށް ކަނޑުލޭނުން ބާނާއުޅުނު މިޔަރު 

  1. ކަސްމިޔަރު
  2. ކަނޑިނަގޫ މިޔަރު ( މިއީ ބޭނުންނުކޮށް އެއްލާލާ މިޔަރެއް)
  3. އަނދުންމިޔަރު
  4. ވޮށިމަސްމިޔަރު
  5. މެންދާމިޔަރު
  6. މަސްމިޔަރު

ލޭނުގެ އިތުރުން ކަނޑުގެ 900 އެއްހާ ފޫޓް އަޑިން ބާނާ މިޔަރު 

  1. ބެރެބެދިމިޔަރު
  2. ކަށިމިޔަރު
  3. ވެންމިޔަރު
  4. މީދާމިޔަރު
  5. ފާނަމިޔަރު 
  6. ގޯނިމިޔަރު
  7. ހިކަނދިމިޔަރު

އެތެރެވަރީ ލޭނާއި ކަނޑުލޭނުގައި ގަންނަ މިޔަރު ތަފާތެވެ. ކާލިގަނޑުމިޔަރާއި ފެމުނުމިޔަރު ކަނޑު ލޭނުގައި ބެވުނެއްކަމަކު އާންމުކޮށް ކަނޑު ލޭނުގައި ބެވެނީ މި ބާވަތުގެ ކުދި މިޔަރެވެ. އެންމެ ބޮޑެތި މިޔަރު ބާނާއުޅެނީ އެތެރެވަރީންނެވެ. ނަމަވެސް އެންމެ ފުނުން ބާނާ ފާނަމިޔަރަކީ ބޮޑެތިވާ ޒާތުގެ މިޔަރެކެވެ. މި ބާވާތުގެ  15 ވަރަކަށް ފޫޓު ހުރި މިޔަރު ލޭނުގައި ބެވުނެވެ. 

ލޭނު މަސްވެރިކަމުގެ ސަބަބުން ރާއްޖެއިން ވަރަށް ބޮޑަށް މިޔަރު މަދުވިއެވެ. ރެއަކު 70 މިޔަރާއި 80 މިޔަރުން ބޭނި މިޔަރު ރެއަކު ދެ މިޔަރު ތިން މިޔަރަށް މަދުވިއެވެ. ނަމަވެސް މިޔަރު މަސްވެރިކަން ހުއްޓާލުމާ ގުޅިގެން މިއަދުވަނީ މި ސަރަހައްދުގައި އިންތިހާއަށް މިޔަރުގެ އާބާދީ އިތުރުވެފައެވެ. މި ގޮތުން ރަށުގެ ހުޅަނގުކޮޅުގައި އޮންނަ ކުޑަދޫގެ ހުޅަނގު އުތުރު ކަންމަތީގައި ވަރަށް ގިނަ އަދަދަކަށް މިޔަރު ދިރިއުޅެއެވެ. އެ ތަނުގައި ފީނާއިރު ހައެއްކަ އަށެއްކަ ފޫޓްގެ މިޔަރުތައް ބައިހަދާފައި ނެތްއިރެއް ނުދެއެވެ. މި ސަރަހައްދުގައި ގިނައިން އުޅެނީ އޮޅުފަތިމިޔަރާއި ފަޅުދޮންމިޔަރެވެ. އިހުގައި ފަރުމަސްވެރިކަންކުރި ގިނަ ތަންތަނުން، މިއަދު މިޔަރުގެ އުނދަގޫ ބޮޑުކަމުން މަސްވެރިކަންވެސް ކުރެވޭވަރެއް ނޫނެވެ. 

ލޭނު މަސްވެރިކަން ހުއްޓުން 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންއައި ލޭނު މަސްވެރިކަން ހުއްޓުނީ، 2010 ވަނަ އަހަރުއެވެ. ރާއްޖޭގެ އެއްވެސް ސަރަހައްދަކުން މިޔަރަށް ގޯނާކުރުމާއި މިޔަރުގެ މަސްވެރިކަން މަނާކުރުމާ ގުޅިގެންނެވެ. މިޔަރުގެ ވިޔާފާރިކުރުން މަނާކުރެވުނީ ރާއްޖެއިން މިޔަރުގެ ނަސްލު ނެތިގެން ހިނގައިދާނެކަމުގެ ބިރުހީވެފައި ވާތީކަމަށް ބުނެއެވެ. ނަމަވެސް މައިގަނޑު މައްސަލައަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ދިމާވާ މައްސަލަތަކެވެ. މި ސަބަބާހުރެ، މިޔަރު ހިފުން ދެވަނައަށް ހުއްޓާލި ޤައުމަކީ ދިވެހި ރާއްޖެއެވެ. 

ރާއްޖޭގައި ލޭނުމަސްވެރިކަން ފެށުމާއި ނިމުން (ފުރަތަމަ ބައި)

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!