ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ ޢީދުގެ އުފާވެރި ޖައްވުން އަބަދުވެސް ގިނަބައެއްގެ ސަމާލުކަންހުއްޓޭ ހަރަކާތެއް ކަމަށެވެ.
ސަރުކާރުތަކުގެ ބައެއް ސިޔާސަތަައް ފާޑުކިޔުމާއި ވަޢުދުތައް ހަނދާންކޮށްދޭ ފުޅަނދުތައް އަޅުގަނޑު ދެކެނީ ބިނާކުރުވަނިވި ފާޑުކިޔުން އަދި މެސެޖުތަކެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
ކުޅުދުއްފުށި މަށިމާލި ޕެރޭޑެކީ ކޮންމެ އަހަރެއްގެވެސް އީދާއި ދިމާކޮށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގައި އެ ދުވަސްވަރެއްގެ އެންމެ ބޮޑަށް އާންމުންގެ ސަމާލުކަން ހުއްޓޭ، އަދި އެކަމަކަށް ފާޑުކިޔުން އަމާޒުވެ އެންމެ ހޫނުވެގެންދާ ބައެއް ކަންކަމާ ގުޅުން ހުންނަ ކަންކަން ދައްކާދެއެވެ.
މަޖާގޮދަކަށް މެސެޖްތައް ގެނެސްދޭއިރު، މިއީ ކޮންމެ އަހަރެއްގައިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ހަރަކާތެކެވެ.
މި ފަހަރުގެ ޕެރޭޑުގައި އެންމެ ފާހަގަކޮށްލެވޭ ފުޅަނދުގެ ތެރޭގައި މި ސަރުކާރުން މަސްވެރިންނަށް ވީ ވައުދާއި، މިޔަރުގެ ހަމަލާގެ ވާހަކަތަކާއި، ހޫނު މޫސުމަށް ވުރެ ފިނި މޫސުމުގައި ކަރަންޓް ބިލު ބޮޑުވި މައްސަލަ ފާހަގަ ކޮށްލެވެއެވެ. ހަމައެއާއެކު ޓޫރިޒަމް މިނިސްޓަރަށާއި ރައްޔިތުން މަޖިލީހުގެ ރައީސަށް "ޖޯކު ޖަހައި" ޝުއޫރުތައް ފާޅުކޮށްފައި ހުރި ލިޔުން ހިފައިގެން މި ޕެރޭޑްގައި ވަނީ ހިނގާފައެވެ.



