މާދަމާއިން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން މިއަދު ބުނެފި އެވެ.
އެ އޮފީހުން ބުނި ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް މިއަދު ކެރީގެ އަސަރު ކުރާނެ އެވެ. އަދި މާދަމާ އާއި ބުރާސްފަތި އަދި ހުކުރު ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށް ބުންޏެވެ.
ކުރިއަށް އޮތް ފަސް ދުވަހު ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8-18 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35-40 މޭލަށެވެ. އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާ ކުރެވެނީ 3-7 ފޫޓާއި ދެމެދުގައެވެ.
މާދަމާ އިން ފެށިގެން މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، އެ ދުވަސްވަރަކީ ގިނަ ބަޔަކު ދަތުރުކުރާނެ ދުވަސްތަކެއް ކަމަށް ބެލެވެއެވެ. އެއީ، އީދު ބަންދަށް ގިނަ ބަޔަކު އަތޮޅުތެރެޔަށް ގޮސްފައިވާއިރު، އަންނަ އާދިއްތައިގައި ސަރުކާރާއި ސްކޫލްތައް ހުޅުވޭނެތީއެވެ.


