އާއްމުގޮތެއްގައި ކުދި މަސް ކެއުމުގައި ބޭނުންކުރާ އަންހެނުންނަށް ކެންސަރު ބަލި ޖެހޭ މިންވަރު ދަށް ކަމަށް ޖަޕާނުގައި ކުރިއަށްގެންދިޔަ ދިރާސާއަކުން ދައްކައިފިއެވެ.
ޖަޕާނުގެ ނަގޯޔާ ޔުނިވަރސިޓީގެ ސްކޫލް އޮފް މެޑިސިންއިން ކުރިއަށްގެންދިޔަ މި ދިރާސާގައި މައިގަނޑުގޮތެއްގައި ބަލާފައިވަނީ އާއްމުކޮށް ކުދި މަސް ކެއުމުގައި ބޭނުންކުރާ ފަރާތްތަކަށް ލިބޭ ސިއްޚީ ފައިދާތަކާއި ގުޅޭގޮތުންނެވެ.
ޖަޕާނު މީހުންނަކީ އާއްމުކޮށްވެސް ކެއުމުގައި ކުދިމަސް ބޭނުންކުރާ ބައެކެވެ. އެގޮތުން ވައިޓުބެއިޓު، އެޓްލާންޓިކް ކެޕްލިން، ޖަޕަނީސް ސްމެލްޓު އަދި ހިއްކާފައި ހުންނަ ކުދި ސާޑިންސް ކައިއުޅެއެވެ.
އަދި މިހެން ކައި އުޅޭއިރު، މުޅި މަސް އެއްކޮށް ހަފައިގެން ކާނެއެވެ. ކުދި މަހުގައި މައިކްރޯ ނިއުޓްރިއެންޓްސް ގިނަވުމުން، ކެލްސިއަމް އަދި ވިޓަވިމް އޭ ފަދަ މާއްދާތައް ހިމެނެއެވެ.
ޔުނިވަރސިޓީގެ ދިރާސާގައި 80802 މީހުން ބައިވެރިވެފައިވެއެވެ. އެއީ އުމުރުން 35 އަހަރާއި 69 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނެވެ.
އަދި އެމީހުން ކެއުމުގައި ކުދި މަސް ބޭނުންކުރާ މިންވަރުވަނީ 9 އަހަރުވަންދެން ބަލާފައެވެ. މި މުއްދަތުގައި ދިރާސާގައި ބައިވެރިވި 2482 މީހުންވަނީ މަރުވެފައެވެ. މީގެތެރެއިން ގާތްގަނޑަކަށް 1495 މީހުން މަރުވެފައިވަނީ ކެންސަރު ބަލީގައެވެ.
ކުދި މަސް ކެއުމަށް ބޭނުންކުރަން ލިބުމަކީ ކަނޑުގެ އައްސޭރިފަށުގައި އުޅޭ މީހުންނަށް ފަސޭހަކަމަކަށްވާނެ ކަމަށް މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޓަކަޝީ ޓަމުރާ ބުނެފައިވެއެވެ.
މި ދިރާސާއިން ދައްކާގޮތުގައި އާއްމުކޮށް ކެއުމުގައި ކުދިމަސް ބޭނުންކުރާ އަންހެނުންގެ އުމުރު ދިގުވެއެވެ. އަދި އެކި ކަހަލަ ކެންސަރުތަކާއި ދުރުކޮށްދެއެވެ.
އެގޮތުން މަހަކު 1-3 ފަހަރު އަދި ހަފްތާއަކު 1-2 ފަހަރު އަދި ހަފްތާއަކު 3 ފަހަރަށްވުރެ ގިނައިން ކުދި މަސް ކާ މީހުން އެހެން މީހުންނާއި އަޅާ ބަލާއިރު ކެންސަރު ޖެހޭ މިންވަރު ކުޑަ ކަމަށް ދިރާސާއިން ދައްކައެވެ.
މި ދިރާސާގައި ފިރިހެނުންވެސް ބައިވެރިވެފައިވާއިރު، އެމީހުންނާއި ގުޅޭ ގޮތުން އެދެވޭ މިންވަރަށް ތަފާސްހިސާބުތައް އެއް ކުރެވިފައިނުވާކަމަށް ޔުނިވަރސިޓީއިން ހާމަކުރެއެވެ.
މީގެ މައިގަނޑު ސަބަބުތަކަކީ ފިރިހެނުން ދިރާސާ ބައިވެރިވެފައިވާ މިންވަރު މަދުވުމާއި، ކެއުމަށް ބޭނުންކުރާ މިންވަރުގައި ތަފާތުތަކެއް ހުރުމާއި، އަންހެނުން އަދި ފިރިހެނުންނަށް ޖެހޭ ކެންސަރުގެ ބަލިތަކުގައި ތަފާތު ކަމެއް ހުރުން ކަމަށް ދިރާސާއިން ދައްކައެވެ.
މި ދިރާސީއިން މުހިއްމު ހޯދުންތަކެއް ހޯދިފައިވާއިރު، މިއީ އަދި ފެށުމެއްގެގޮތުގައި ޔުނިވަރސިޓީއިން ދެކެއެވެ. އެގޮތުން ދިރާސާ އިތުރަށް ފުޅާކޮށް، ހޯދުންތައް ވަރުގަދަކުރުމަށް ޔުނިވަރސިޓީއިން ޓީމުން ދަނީ މަސައްކަތްކުރަމުންނެވެ.