މަސްވެރިކަމާއި ގުޅޭ

Screenshot 2024-06-20 at 19.43.25

ޑީކޯވުމަކީ ކޮބާ؟ ކޮންމެހެން އެނގުން މުހިންމު ކަންކަން!

ޑިކޮމްޕްރެޝަން ސިކްނަސް ނުވަތަ "ޑީކޯވުން" ނިސްބަތްކުރެވެނީ "ވައިގެ ތެރޭގައި ނޫނީ ފެނުގެ ތެރޭގައި ތިބާގެ ވަށައިގެންވާ ޕްރެޝަރު ކުއްލިއަކަށް (އަވަހަށް) ދަށްވުމުގެ ސަބަބުން ކުރިމަތިވާ އަނިޔާ" އަށެވެ.

އާންމު ގޮތެއްގައި ޑިކޮމްޕްރެޝަން ސިކްނަސް ކުރިމަތިވަނީ ސްކޫބާ ޑައިވްކުރާ ނޫނީ ފުނަށް ފީނާ މީހުންނަށެވެ. ނަމަވެސް މަދުން ނަމަވެސް ވައިގެ ތެރޭގައި ދަތުރުކުރާއިރުވެސް އެ ކަމާ ކުރިމަތިލާން ޖެހެއެވެ.

ޑިކޮމްޕްރެޝަން ސިކްނަސް ކުރިމަތިވަނީ ކުއްލިއަކަށް ވަށައިގެންވާ ޕްރެޝަރު ދަށްވުމުން (ފީނުމަށް ފަހު މައްޗަށް އެރުން، އުސްތަނަކަށް އެރުން، ހައިޕާބެރިކް ޗެމްބާ އިން ނެގުން ފަދަ ކަންކަމުގެ ތެރޭގައި) ކުރިން ހަށިގަނޑުގެ ލޭގައި ނޫނީ ސެލޯށިތަކާ އެކުވެފައިވޭ ގޭސް ލޭހޮޅިތަކުގެ ތެރޭގައި ވައިބޮކިތަކެއް އުފެދޭގޮތް ވުމުންނެވެ.

ޑީކޯވުމުން އާންމު ގޮތެއްގައި ކުރިމަތިވާ އަލާމާތްތަކުގެ ތެރޭގައި ތަދާއި ރިހުންތައް، އަދި ނާރުތަކާއި ގުޅުންހުރި ކަންތައްތައް ހިމެނެއެވެ. ޑީކޯވުމަކީ ބައެއް ފަހަރު ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި ދެވޭ ފަރުވާ އަކީ "ރިކޮމްޕްރެޝަން ތެރަޕީ" ނޫނީ ވަކި ކަހަލަ މެޝިނަކަށް ލައިގެންދެވޭ ފަރުވާ އެކެވެ.

ޑީކޯވާގޮތް:

ފީނުމަށްފަހު މައްޗަށްއަރާއިރު، ވަށައިގެންވާ ޕްރެޝަރު ދަށްވުމުން، ނައިޓްރޯޖަން ވައިބޮކިތައް އުފެދޭގޮތް ވެއެވެ. ހަށިގަނޑުގެ ކޮންމެ ސެލޯށިއެއްގައި ވެސް މިނިވަން ވައިބޮކިތައް އިތުރުވެދާނެއެވެ. އަދި އެވައިބޮކިތައް އިތުރުވިތަނަކާ ގުޅިގެން އަލާމާތްތައް ފެނިދާނެ އެވެ. ނޫނީ އުފެދޭ ވައިބޮކިތައް ލޭގެ ތެރެއިން ހަށިގަނޑުގެ އެކި ގުނަވަންތަކާ ހަމައަށް ފޯރައިފާނެ އެވެ. ނައިޓްރޯޖަން ވައިބޮކިތައް އުފެދުމުން ތަފާތު އަލާމާތްތައް ކުރިމަތިވުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޭހޮޅިތައް ބެދުން، ލޭހޮޅިތައް ފެޅުން، ސެލޯށިތައް ފިތުން، ލޭހޮޅީގެ އެތެރޭ ބަތާނަށަށް ގެއްލުންވުން، ލޭގައި ހިމެނޭ ޕްލާޒްމާ ލީކުވުން، ލޭގަނޑުވުމުގެ މަސައްކަތް ހީވާގިވުން، އަދި ލޭހޮޅީގެ ތެރޭގައި އިންފްލެމޭޝަން އުފެދުން ފަދަ ކަންތައްތައް ހިމެނެއެވެ.

އާންމު ގޮތެއްގައި ''ކޮމްޕްރެސްޑް އެއާ" ބޭނުންކޮށްގެން ޑައިވްކުރާއިރު/ފީނާއިރު، ހަށިގަނޑުން އޮކްސިޖަން އާއި ނައިޓްރޯޖަން އިތުރަށް ނަގާނެ އެވެ. ހަށިގަނޑުން އޮކްސިޖަންގެ ބޭނުން ހިފާނެއެވެ. ނަމަވެސް ނައިޓްރޯޖަން ލެޔާއި އެކުވެގެންދެއެވެ. އަދި ޑައިވްކުރާ ނުވަތަ ފީނާ ގަޑީގައި(ވަގުތުގައި) ނައިޓްރޯޖަން ހުންނާނީ ލެޔާއި އެކުވެ، ލޭގެ ތެރޭގައެވެ. ފުނަށް ފީނުމަށްފަހު އެނބުރި މައްޗަށް އަރާއިރު، ވަށައިގެންވާ ފެނުގެ ޕްރެޝަރު ދަށްވާނެއެވެ.

ފީނުމަށްފަހު މާއަވަސް އަވަހަށް މައްޗަށް އަރަން އުޅެފިނަމަ، ލޭގެ ތެރޭގައި ހުންނަ ނައިޓްރޯޖަންއަށް ލެއިން ސާފުވުމަށް (ބޭރުވުމަށް) ވަގުތެއް ނުލިބެއެވެ. އަދި ލެއިން ވަކިވެ، ލޭގެ ތެރޭގައި ނޫނީ ހަށިގަނޑުގެ ސިލޯށިތަކުގައި ނައިޓްރޯޖަން ވައިބޮކިތައް (bubbles) އުފެދޭގޮތްވެ އެވެ. ޑީކޯވުން ކުރިމަތިވާ މައިގަނޑު މަޞްދަރަކީ މި ނައިޓްރޯޖަން ވައިބޮކިތަކެވެ. ލޭގެ ތެރޭގައި ނައިޓްރޯޖަން ވައިބޮކިތައް އުފެދުމުން ލޭހޮޅިތަކާއި ލޭނާރުތަކަށް ގެއްލުންވެ، ލޭހިނގުމަށް ނޫނީ ލޭ ދައުރުވުމަށް ހުރަސްއަޅައެވެ.

ޑީކޯވުމުން ހަށިގަނޑަށް އަންނަ ބަދަލު އެންމެ ވައްތަރުވާނީ ކާބޮނޭޓެޑް ބުއިމެއް އެކުލެވޭ ދަޅެއް ނޫނީ ފުޅިއެއް ހުޅުވުމުން ވާގޮތާއެވެ. ދަޅެއް ނޫނީ ފުޅިއެއް ހުޅުވާލުމުން އޭގައި ހުރި ބުއިމުގެ ވަށައިގެންވާ ޕްރެޝަރު ދަށްވެގެންދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެބުއިމުގެ ތެރެއިން ގޭސްތައް ވައިބޮކިތަކެއްގެ ސިފައިގައި ނުކުމެއެވެ.

ޑީކޯވުމަށް މަގުފަހިކުރާ ކަންތައްތައް:

އަމިއްލަ ހިތްހަމަޖެހުމަށް ނުވަތަ މަސައްކަތުގެ ގޮތުން ފީނާ އުޅޭ މީހުންގެ ތެރެއިން ކޮންމެ 10 ހާހަކުން 4-2 މީހުންނަށް ޑީކޯވުމުގެ މައްސަލަ ކުރިމަތިވުމަކީ ވެދާނެ ގޮތެކެވެ. އާންމު ގޮތެއްގައި ޑީކޯވުމުގެ ހިރާސް އިތުރުކުރާ ނޫނީ ޑީކޯވުމަށް މަގުފަހިވާ ކަންތައްތަކެއް ހުރެއެވެ. އެގޮތުން ފާހަގަވާ ބައެއް ކަންތައްތައް ތިރީގައި މިވަނީ އެވެ.

އުފެދުމުގައި ހިތުގައި ޢައިބުހުރުން : މިސާލަކަށް އުފެދުމުގައި ހިތުގައި ލޯވަޅެއްހުރުން
އުމުރުން 30 އަހަރަށްވުރެ މަތިވުން ނޫނީ އުމުރުން ދުވަސްވުން
އާދަޔާ ޚިލާފަށް ބަރުހެލިވެ، ފަލަވުން (އޮބޭސިޓީ)
އަންހެނަކަށްވުން
މާފުނަށް ފީނުން
މާގިނައިރު ވަންދެން (ދިގުމުއްދަތަކަށް) ފީނުން
ފީނުމަށްފަހު މާއަވަހަށް މައްޗަށްއެރުން
ހިތާއި ލޭހޮޅިތަކުގެ ދުޅަހެޔޮކަން ދަށްވުން
ހަށިގަނޑުގައި ސަރުބީ(ފެޓް) ގެ ނިސްބަތް(މިންވަރު/އިންސައްތަ) މަތިވުން
ބަނގުއާވި ބުއިން ނުވަތަ ދުންފަތުގެ އިސްތިއުމާލުކުރުން
ވާޅުވެ ވަރުބަލިވުން ކުރިމަތިވުން
ނުނިދާހުރެ ފީނުން
އެއްވެސް ކަހަލަ ޖިސްމާނީ އަނިޔާއެއް ލިބިފައިވުން
ފިނީގައި ނޫނީ ފިނި ފެނުގެ ތެރޭގައި ފީނުން (ކޯލްޑ ޓެމްޕަރޭޗަރ ޑައިވްސް)
ހަށީގަނޑުން ފެނާއި ލޮނުގެބައި މަދުވުން
ފުއްޕާމޭގެ ބައްޔެއް ހުރުން
ފީނުމަށްފަހު ކަސްރަތުކުރުން
ފީނުމަށްފަހު މަތިން ދަތުރުކުރުން
ގުދުރަތީ ގޮތުން ހިތުގެ ކަނާތް ފަރާތުން ވާތްފަރާތަށް "ޝަންޓް" ހެދިފައިހުރުން

އާންމު ގޮތެއްގައި ކޮންމެ ފީނުމަކަށްފަހު ހަށިގަނޑުގައި އިތުރުވާ ނައިޓްރޯޖަން ހަށިގަނޑުގެ ސެލޯށިތަކުގައި 12 ގަޑިއިރުވަންދެން ހުރެއެވެ. އެހެންކަމުން ދުވާލެއްގެ މައްޗަށް ތަކުރާރުކޮށް ފީނުމަކީ ޑީކޯވުމުގެ ހިރާސް އިތުރުވާނެ ކަމެކެވެ.

ޑީކޯވުން ބެހިގެންވާ ވައްތަރުތައް:

އާންމު ގޮތެއްގައި ޑީކޯވުން ބެހިގެންވަނީ 2 ބަޔަކަށެވެ.

(ހ) ފުރަތަމަ ވައްތަރު (type 1): މިއީ އާދައިގެ ވަރަކަށް އަލާމާތްތައް ފެންނަ ވައްތަރެވެ. މިއީ ފުރާނަޔަށް ނުރައްކާވާ ވައްތަރެއް ނޫނެވެ. މިވައްތަރުގައި އާންމު ގޮތެއްގައި އަސަރު ފޯރަނީ ހަށިގަނޑުގައިވް ލިމްފް ގޮށްތަކާއި، ހަމާއި، ހުޅުތަކަށެވެ.

(ށ) ދެވަނަ ވައްތަރު (type 2) : މިއީ ހަށިގަނޑުގެ ގިނަ ގުނަވަންތަކަށް (ޚާއްޞަކޮށް ސިކުނޑިއާއި ނާރުތަކަށް، އަދި ހިތާއި ފުއްޕާމެޔަށް) އެކަމުގެ ސަބަބުން އަސަރުފޯރައި، އުދަނގޫތައް ކުރިމަތިކުރުވާ، އަދި ފުރާނަޔަށްވެސް ނުރައްކާވާ ވައްތަރެވެ. ނާރުތަކާއި، ހިތާއި، ފުއްޕާމެޔާއި، ނޭވާލާ ނިޒާމަށް މިވައްތަރުގެ ސަބަބުން އަސަރުކުރާގޮތް ވެއެވެ.

ޑީކޯވުމުގެ ސަބަބުން ފުރާނަޔަށް ނުރައްކާވުމުގެ ފުރުޞަތު ބޮޑުވަނީ ސިކުނޑިއާއި، ސްޕައިނަލް ކޯޑު، ނޭވާލާ ނިޒާމާއި، ހިތާއި ލޭދައުރުކުރާ ނިޒާމަށް އަސަރުކޮށްފި ނަމަ އެވެ.

ޑީކޯވުމުގެ އަލާމާތްތައް:

ފީނުމަށްފަހު ފެންމައްޗަށް އަރާތާ ދެތިން މިނިޓްގެ ތެރޭގައި ބައެއް މީހުންނަށް އަލާމާތްތައް ފެންނަށް ފަށައިފާނެ އެވެ. ގިނަ މީހުންނަށް އަލާމާތްތައް ފެންނަށް ފަށަނީ ލަސްލަހުން، މަޑުމަޑުންނެވެ. ބައެއް ފަހަރު ބޮލުގައި ރިހުން، ވާޅުވުން، ކާހިތްނުވުން، އަދި ނުތަނަވަސްވުން ފަދަ ކަންކަމާއެކު އަލާމާތްތައް ފެށިގެން ހިނގައިދާނެ އެވެ. އާންމު ގޮތެއްގައި ފީނުމަށްފަހު މައްޗަށްއަރާތާ ގަޑިއެއްހާއިރުގެ ތެރޭގައި %50 މީހުންނަށް އަލާމާތްތައް ފެންނަށް ފަށައެވެ. އަދި ފީނުމަށްފަހު މައްޗަށްއަރާތާ 6 ގަޑިއިރުގެ ތެރޭގައި %90 މީހުންނަށް އަލާމާތްތައް ފެންނަށް ފަށައެވެ. ބައެއް ފަހަރު ފީނުމަށްފަހު 2-1 ދުވަހުގެ ތެރޭގައި އަލާމާތްތައް ފެނިދާނެ އެވެ. ގިނަ ފަހަރު މިގޮތަށް ފެންނަނީ ފީނުމަށްފަހު މަޑުނުކޮށް ވައިގެ އުދުހުން ފަދަ ކަމެއް ކުރާނަމަ އެވެ.

ފުރަތަމަ ވައްތަރުގެ ޑީކޯވުން (Type 1 decompression sickness): އާންމު ގޮތެއްގައި މިވައްތަރުގައި ހުޅުތަކުގައި ރިހުން ( އުޅަބޮށި، ކޮނޑު)، އަދި މަސްތަކުގައި ރިހުން އިތުރުވަމުން އަންނާނެ އެވެ. އާންމު ގޮތެއްގައި ހަރަކާތްކުރުމަކުން މިތަދު އިތުރަށް ގޯހެއް ނުވާނެ އެވެ. މިތަދު ސިފަކުރެވެނީ "ފުން"، "ފޫހި" ތަދެއްގެ ގޮތުގައެވެ. މީގެ އިތުރުން ހަށިގަނޑުގައިވާ ލިމްފް ގްލޭންޑްތައް ދުޅަވެ، ގޮށްލުން، ހަމުގައި ބިއްސާއި، ލައްތަކެއް ނަގައި، ކަހައި ހިރުވުން ހިމެނެއެވެ.

ދެވަނަ ވައްތަރުގެ ޑީކޯވުން (Type 2 decompression sickness): އާންމު ގޮތެއްގައި މިވައްތަރުގެ ޑީކޯވުމުގެ ސަބަބުން ނާރުތަކާއި، ސިކުނޑިއާއި، ހިތާއި ފުއްޕާމެޔާއި ގުޅުންހުރި އަލާމާތްތަކާއި އުނދަގޫތައް ބަލިމީހާއަށް ކުރިމަތިވާނެ އެވެ. މިވައްތަރުގެ ސަބަބުން ފެންނާނެ އަލާމާތްތަކުގެ ތެރޭގައި :

އައްސިވުން
އައްސިވާހެން ހީވުން
ކަށިހަރާހެން ހީވުން
ކުޑަކަމުދާން ދަތިވުން
ބޭއިޚްތިޔާރުގައި ބޮޑުކަމުދެވުން / ބޮޑުކަމުދިއުން ކޮންޓްރޯލްނުވުން
ބޭއިޚްތިޔާރުގައި ކުޑަކަމުދެވުން / ކުޑަކަމުދިއުން ކޮންޓްރޯލްނުވުން
ބޮލުގައި ރިހުން
ވާޅުވުން
ކަންފަތުން އަޑުގޮވުން، ބޯއެނބުރުން، ބީރުވުން ( ކަންފަތުގެ އެންމެ އެތެރެއަށް އަސަރުކުރުމުން)
އަތްފައިގެ ބާރު ދޫވެ، ހަށިގަނޑުގެ ވާގިނެތުން ނުވަތަ ވާގިދޫވުން
އެންމެ ނުރައްކާތެރި ހާލަތުގައި (ސިކުނޑިއަށް އަސަރުކުރުމުން) ދިމާވެދާނެ އަލާމާތްތަކުގެ ތެރޭގައި :-
ފިޓު ޖެހުން
ވާހަކަދައްކަން އުނދަގޫވުން
ލޮނުގެ ފެނުން ގެއްލުން / ލޯކަނުވުން
ވާގިދޫވުން ، ވާގިނެތުން
ވާނުވާނޭގުން
އެކައްޗެއް ތަކުރާރުކޮށް (ޑަބަލްކޮށް) ފެނުން
މަރުވުން

ރެސްޕިރޭޓަރީ ޑިކޮމްޕްރެޝަން ސިކްނަސް (Respiratory decompression sickness): މިއީ ވަރަށް މަދުން ދިމާވެދާނެ ނަމަވެސް ޑީކޯވުމުގެ ވަރަށް ނުރައްކާތެރި ވައްތަރެކެވެ. ސަބަބަކީ މިވައްތަރުގައި ޑީކޯވުމުގެ ސަބަބުން ފުއްޕާމެޔާއި ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވާތީ އެވެ. މިވައްތަރުގައި ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :

ނޭވާލާން އުދަނގޫވުން
ކެއްސުން
މޭގައި ރިހުން

ބަޔާންކުރެވުނު ކަންތައްތައް ކުރިމަތިވަނީ ފުއްޕާމޭ ދުޅަވެ ފޮއްސިވުން (pulmonary edema)ކުރިމަތިވުމުންނެވެ. މީގެ އިތުރުން ފުއްޕާމޭގެ ލޭހޮޅިތަކުގެ ތެރޭގައި ނައިޓްރޯޖަން ވައިބޮކިތައް ހަރުލައި،"އެމްބޮލިޒަމް" އުފެދިއްޖެނަމަ، ލޭދައުރުވުން ހުއްޓި، ފުރާނަޔަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެކެވެ.

ޑިސްބެރިކް އޮސްޓިއޯނެކްރޯސިސް (Dysbaric Osteonecrosis): މިއީ ޑިކޮމްޕްރެޝަން ސިކްނަސްގައި ތަންކޮޅެއް ފަހުން ދިމާވެދާނެ ހާލަތެކެވެ. އާންމުކޮށް މިކަން ކުރިމަތިވަނީ ކުރިން ބަޔާންކުރެވިދިޔަ އަލާމާތްތައް ނޫނީ އުދަނގޫތައް ދިމާވުކާ ނުލައެވެ. މިއީ ކޮމްޕްރެޝްޑ އެއަރ ގައި މަސައްކަތްކުރާ މީހުންނަށް ނޫނީ ފުނަށް ފީނައިއުޅޭ މީހުންނަށް ތަކުރާރުކޮށް ނޫނީ ދިގުމުއްދަތަށް މަތީ ޕްރެޝަރަށް ހުށަހެޅުމުން ކުރިމަތިވާ "އޮސްޓިއޯނެކްރޯސިސް" ކިޔާ ކަށީގެ ބައްޔެކެވެ. އާންމު ގޮތެއްގައި އޮސްޓީއޯ ނެކްރޯސިސް ކުރިމަތިވަނީ ހުޅުގެ ކަށިތަކަށް ލޭލިބުން ދަށްވުމުގެ ސަބަބުންނެވެ. ކޮނޑުހުޅާއި، އުކުޅުވަޅު ހުޅުގެ ސަތަހައަށް އަންނަ ބަދަލުގެ ސަބަބުން ތަދާއި ރިހުން ނުފިލައި ހުރުމަކީ ވެދާނެ ގޮތެކެވެ. އަދި އެކަމުގެ ސަބަބުން ނުކުޅެދުންތެރިކަމެއް ވެސް މެދުވެރިވެދާނެ އެވެ.

ޑީކޯވުމުން ދިމާވާ އަލާމާތްތައް: އާންމު ނަޒަރަކުން

ހުޅުތަކުގައި ރިހުން
ބޯއެނބުރުން
ބޮލުގައި ރިހުން
ރަނގަޅަށް ވިސްނަން އުދަނގޫވުން
އާދަޔާ ޚިލާފަށް ވާޅުވެ، ވަރުބަލިވުން
އައްސިވުން، ނޫނީ ކަށިހަރާހެން ހީވުން
އަތްފައިގެ ބާރުދޫވުން
ހަށިގަނޑުގައި ބިހިތަކެއް ނެގުން

ޑީކޯވުން ދެނެގަތުން:

ޑީކޯވުން ދެނެގަންނަނީ ކުރިމަތިވެފައިވާ އަލާމާތްތަކާއި، ފީނާފައިވޭތޯ ބަލައި ޔަގީންކޮށް، ފެންނަ ކަންކަމަށް ރިއާޔަތްކޮށްގެންނެވެ. އާންމު ގޮތެއްގައި ޑީކޯވުން ދެނެގަންނަނީ "ކްލިނިކަލް އިވެލުއޭޝަން"(clinical evaluation) އެއް ހަދައިގެން ކަމަށްވާތީ މިއީ "ކްލިނިކަލް" ގޮތުން ބަލާބެލުންތަކުގެ މައްޗަށް ދެނެގަނެވޭނެ ހާލަތެކެވެ. ޑީކޯވުމާ އެއްގޮތް އަލާމާތްތައް ހުންނަ އެހެނިހެން ބަލިތައް (މިސާލަކަށް އިސްކިމިކް ސްޓްރޯކް، ސިކުނޑިއަށް ލޭއެޅުން، މައިބަދައިގެ ދެކަށިކޮޅުގެ ދެމެދުގައި އިންނަ ޑިސްކު ފުއްޕައި ބޭރަށްނިކުތުން) ދެނެގަތުމަށްޓަކައި ނޫނީ އެފަދަ ކަމެއްތޯ ޔަގީންކުރުމަށްޓަކައި ބައެއް ފަހަރު ސީޓީ ސްކޭން، އެމްއާރުއައި ފަދަ ޓެސްޓުތައް ހަދަން ޖެހިދާނެ އެވެ.

ފަރުވާ:

އާންމު ގޮތެއްގައި ދެވޭ ފަރުވާ:

%100 އޮކްސިޖަން ފޯރުކޮށްދިނުން
ރިކޮމްޕްރެޝަން ތެރަޕީ
ފުލުއިޑް ތެރަޕީ

އާންމު ގޮތެއްގައި ޑީކޯވާ މީހުންގެ ތެރެއިން %80 މީހުން އެއްކޮށް ރަނގަޅު ވެއެވެ. ޑީކޯވުމަށްފަހު އެންމެ ފުރަތަމަ މަތީ މިންވަރަކަށް %100 ގައި އޮކްސިޖަން ފޯރުކޮށްދީގެން ލޭގައި ހުންނަ ނައިޓްރޯޖަންތައް ބޭރުކޮށްލުމަށް އެހީތެރިވެދެއެވެ. މިގޮތަށއޮކްސިޖަން ދިނުމުން ފުއްޕާމެޔާއި، ލެޔާއި ދެމެދުގައި ހުންނަ "ނައިޓްރޯޖަން ޕްރެޝަރ ގްރޭޑިއެންޓް" ފުޅާވެ، ނޫނީ ތަނަވަސްވެގެންދެއެވެ. އަދި ނައިޓްރޯޖަން ވައިބޮކިތައް ހިނދި، ދިޔާއެއްޗިއްސަށް ބަދަލުވެގެންދެއެވެ. ނޫނީ ލޭގެ ތެރެއަށް ހިނދި، ދެމިގެންދެއެވެ.

ލޭހޮޅިތަކުން ބީވެގެންދިޔަ ދިޔާބައި(intravascular volume) އަނބުރާ އިއާދަ ކުރުމަށްޓަކައި ގިނައިން ދިޔާތަކެތި (ހޭވެރިކަން ހުރި މީހުންނަށް) ދެވިދާނެ އެވެ. ހޭވެރިކަން ގެއްލި ޚަބަރު ހުސްވެފައިވާ މީހުންނަށް އައިސޯޓޮނިކް ގުލްކޯޒު ނުހުންނަ އައިވީ ފެން ދެވިދާނެ އެވެ.

ޑީކޯވުމުންދޭ އަވަސްފަރުވާގެ ތެރޭގައި ހިމެނެނީ ލޭގެ ޕްރެޝަރު އެއް ހަމައެއްގައި ހިފެހެއްޓޭތޯ ބެލުމާއި، ހައިފްލޯ އޮކްސިޖަން ބަލިމީހާއަށް ފޯރުކޮށްދިނުމެވެ. ދިޔާތަކެތި ވެސް ދެވިދާނެ އެވެ. ބަލިމީހާ ބާއްވާފައި އޮންނަންވާނީ ވާތް ފަރާތަށް ބުރަވާގޮތަށެވެ. ބަލިމީހާ އޮންނަ އެދުގެ ބޯލާކޮޅު ކުޑަކޮށް ތިރިކޮށްލެވިދާނެ އެވެ. ޑީކޯވުން ކުރިމަތިވާ މީހުންގެ ހާލަތު ކައިރިން ބަލަމުން ގެންދަންވާނެ އެވެ. އެއީ ފުރާނައަށް ނުރައްކާވާފަދަ އެއްވެސް ކަހަލަ ބަދަލެއް އާދޭތޯ އެވެ.

ޑީކޯވުމުން ކުރިމަތިވާ ނުރައްކާތެރި ހާލަތުގައި ބަލިމީހާއަށް ފޯރުކޯށްދެވޭނެ އެންމެ ރަނގަޅު އަދި އެންމެ ބޭނުންތެރި، ހަގީގީ ފަރުވާ އަކީ "ރިކޮމްޕްރެޝަން ތެރަޕީ"(recompression therapy) ނުވަތަ "ހައިޕަބެރިކް އޮކްސިޖަން ޗެމްބަރ"(hyperbaric oxygen chamber) އަށް ލުމެވެ. މި ހައިޕްރެޝަރ ޗެމްބަރ ގައި އޮންނަ އިރު ބަލިމީހާއަށް %100 އޮކްސިޖަން ފޯރުކޮށްދެވޭނެ އެވެ. މިފަރުވާގެ ސަބަބުން ޕްރެޝަރަށް އައި ބަދަލު ރަނގަޅުކޮށްދީ، ވަކިބޮކި ތަކުގެ ސިފައިގައި ހުރި ނައިޓްރޯޖަން ތައް، ދިޔާ އެއްޗިއްސަށް ބަދަލުވެ، ލޭގެ ތެރެއިން މަޑުމަޑުން ނައިޓްރޯޖަން ނެތި ހުސްވެދާނެ އެވެ.

ޑީކޯވުމުން ފުނަށް ފީނައިގެން ޑީކޯވުން ރަނގަޅުކުރުމަށް އަމިއްލައަށް މަސައްކަތްކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަދި މިއީ އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއް ނޫނެވެ. ޑީކޯވުމުން ކުރިމަތިވާ ނުރައްކާތެރި ހާލަތުގައި ވީއެންމެ އަވަހަކަށް ރިކޮމްޕްރެޝަން ތެރަޕީ ދިނުމަށްޓަކައި، އެޚިދުމަތް ލިބެންހުރި ތަނަކަށް ބަލިމީހާ ގެންދިއުމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. ބޭނުމެއްނެތް ޓެސްޓުތައް ހެދުމުގައި ވަގުތުތައް ދުއްވާނުލައި އަވަހަށް ރިކޮމްޕްރެޝަން ތެރަޕީ ފެށުމަށް އިސްކަން ދޭންވާނެ އެވެ. ސަބަބަކީ ރަނގަޅުވުން ބަރޯސާވެފައި ގިނަ ފަހަރު އޮންނަނީ ރިކޮމްޕްރެޝަން ތެރަޕީ ފެށުމަށް ހޭދަވި ވަގުތާއި، ލިބިފައިވާ އަނިޔާގެ ނުރައްކާތެރިކަމުގެ މައްޗަށް ކަމަށްވާތީ އެވެ.

ރައްކާތެރިވުން:

ފީނުމުގެ ތެރޭގައި ޑީކޯވުމުގެ ފުރުޞަތު ކުޑަކޮށް، ޑީކޯވުމުން ރައްކާތެރިވުމަށްޓަކައި އަންނަނިވި ކަންތައްތަކަށް ސަމާލުކަން ދެވިދާނެ އެވެ.

ފުނަށް ފީނާއިރު، އަދި އަނބުރާ ފެން މައްޗަށްއަރާއިރު ލަސްލަހުން އެރުން
އެންމެ ފުނުގައި ކަނޑައެޅިފައިވާ ވަގުތަށްވުރެ ގިނައިރު ހޭދަނުކުރުން : އާންމު ގޮތެއްގައި ފުނަށް ފީނާ މީހުން، އަޑީގައި ހޭދަކުރެވޭނީ ކިހާ ވަގުތެއްކަން ވަކި އުސޫލަކުން ކަނޑައަޅައިގެން ބޭނުންކުރާ ޖަދުވަލުތައް ގެންގުޅެއެވެ.
ފީނުމަށްފަހު 24 ގަޑިއިރު ނުވަނީސް ވައިގެ ދަތުރުފަތުރު ނުކުރުން
ފީނުމުގެ ކުރިން ބަނގުއާވި ބޭނުން ނުކުރުން
ފީނުމަށްފަހު މަޑުކުރުމެއްނެތި ހޫނު ފެނުން ފެންނުވެރުން
ފުނަށް ފީނަށް ފެށުމުގެ ކުރިން އެކަށޭނަވަރަށް ނިދުން
ފުނަށް ފީނުމުގެ ކުރިން އެކަށޭނަ ވަރަށް ދިޔާތަކެތި ބޭނުންކުރުން
ނުރައްކާތެރި ބައްޔެއް، އޮޕަރޭޝަނެއްކުރުން، ނޫނީ ބޮޑު އަނިޔާއެއް ލިބިފައިވާނަމަ ފީނުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކޮށް ލަފާހޯދުން

ބައެއް މީހުންގެ ހުރެދާނެ ނޫނީ ހުންނަ ބަލިތަކަށް ބަލާފައި ފުނަށް ފީނުމަކީ އެއްގޮތަކަށް ވެސް އެދެވިގެންވާ ކަމެއް ނޫނެވެ. ނޫނީ ރައްކާތެރި ކަމެއް ނޫނެވެ. މިސާލަކަށް އުފެދުމުގައި ހިތުގައި ޢައިބު ހުންނަ މީހުން ފުނަށް ފީނުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ނޭވާހިއްލުމާއި، ފުއްޕާމޭގެ ބޮޑެތި ބަލިތައް ހުންނަ މީހުން ފުނަށް ފީނުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކޮށް ގޮތެއް ނިންމުމަކީ މުހިއްމު ކަމެކެވެ. ހަކުރު ބައްޔަށް އިންސިއުލިން ބޭނުންކުރާ މީހުންނަށް ފުނަށް ފީނުމުގެ ތެރޭގައި ލޭގެ ހަކުރުގެ މިންވަރަށް ވަރަށް ބޮޑަށް ބަދަލު އަތުވެދާނެތީ، ފުނަށް ފީނުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރުން ބުއްދިވެރި އެވެ. އުކުޅުވަޅު ގައި ހާނިޔާހުރެ، އޮޕަރޭޝަން ނުކޮށްތިބޭ މީހުން ވެސް ފުނަށް ފީނުމުގެ ކުރިން ޑޮކްޓަރަކާ މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ.

 

ނޯޓް: މި ލިޔުމަކީ މެޑިކަލް ޑޮކްޓަރެއްކަމުގައިވާ ޑރ. ޢަބުދުލް ޢަޒީޒު ޙަމީދުގެ ބްލޮގުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!