މަސްވެރިން ކިރުވި މަހަށް މިފްކޯއިން ދޭންޖެހޭ ފައިސާގެ މައްސަލައިގައި ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދީފިނަމަ ހުޅުމީދޫގައި ހުންނަ މަސް ފެކްޓްރީގެ މަސައްކަތް ހުއްޓުވާނެ ކަމުގެ އިންޒާރު މަސްވެރިން ދީފިއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ އިއްޔެ މެންދުރު ފަހުން ފެށިގެން އައްޑޫގެ މަސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ.
ފުލުހުން ބުނީ، ސަރުކާރުން އެކަށީގެންވާ ޖަވާބެއް ނުދީފިނަމަ، މަސްފެކްޓްރީގައި މަސައްކަތް ކުރާ އިސް މީހުން އެތަނުން ބޭރުކޮށް ބަދިގޭގައި ކައްކަންވެސް ހުރަސް އަޅާނެ ކަމުގެ އިންޒާރު ބައެއް މަސްވެރިން ދީފައިވާ ކަމަށެވެ.
ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ މަސްވެރިންނަށް ނުދީ ހުރީ 80 މިލިއަން ރުފިޔާ ކަމަށެވެ. އަދި އޭގެ ތެރެއިން 46 މިލިއަން ރުފިޔާ މި މަހުގެ 13 ވަނަ ދުވަހު ވަނީ މަސްވެރިންނަށް ޖަމާކޮށްފައެވެ.