އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހުޅުމީދޫގައި މަސްވެރިން ކުރަމުންދާ އިހުތިޖާޖާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ މަސްވެރިން ކުރަމުންގެންދާ އިހުތިޖާޖު، ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުރުސަތު ދަނީ ދެމުން ކަމަށެވެ.
މި އިހުތިޖާޖާ ގުޅިގެން މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް ހުރަސްއެޅިފައިވުމާއެކު އޮޕަރޭޝަންތައް އަލުން ފެށޭނެ މާހައުލެއް އުފެއްދުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.
އަދި ފުލުހުން އަމަން ގާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުންވެސް އެއްބާރުލުންދީ ގާނޫނާއި ގަވާއިދާ ހިލާފު އަމަލެއް ނުކުރުމަށް މަސްވެރިންގެ ކިބައިގެން ފުލުހުންވަނީ އެދިފައެވެ.
އިހުތިޖާޖު ކުރުމުގައާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާއި އަދި އެހެނިގެން ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން މަސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގައި ފުލުހުންގެ ފަރާތުން ސެކިއުރިޓީ ލައިން ގާއިމްކޮށް މަސްވެރިންނަށް ދޭންޖެހޭ އެއްބާރުލުން ދޭނެކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިގޮތަށް ކުރިއަށް ގެންދާ އިހުތިޖާޖުތަކުގައި ގާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި އާންމު މަސްލަހަތު އިސްކުރުމަށް ދިވެހިންގެ ފުލުހުންގެ ހިދުމަތުންވަނީ އިލްތިމާސްކޮށްފައެވެ.
މަސްވެރިން އިހުތިޖާޖު ކުރަމުންދަނީ މިފްކޯއަށް މަސް ކިރުވުމަށްފަހު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީ ހުރުމުންނެވެ.
މިކަމާއި ގުޅިގެން މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވެފައިވަނީ މަސްވެރިންގެ ކަންބޮޑުވުންތައް ވަރަށް ގާތުން އަޑު އައްސަވަމުންދާ ކަމަށެވެ. އަދި އެކަމަށް ހައްލުތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ.