މަސްވެރިކަމާއި ގުޅޭ

74080fdf-0fdd-4578-b268-61b00db8bc4c

މުވައްޒަފުންގެ އިންސާނީ ކަރާމާތާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރަން މިފްކޯއިން އެދިއްޖެ

އައްޑޫ މަސް ފެކްޓަރީގައި މަސައްކަތްކުރާ މުވައްޒަފުންގެ އިންސާނީ ކަރާމާތާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރަން މިފްކޯއިން އެދިއްޖެއެވެ.

މިފްކޯގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން މިިފްކޯއިން ބުނީ، މަސްވެރިންގެ މުޒާހަރާ ކުރިއަށް ދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު 4 ގެ ފަހުން އޭއެފްސީ އިން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.

"އޭއެފްސީ ކައިރީގަ ފުލުހުން ހަރަކާތްތެރި ވު ނަމަވެސް މުޒާހަރާއަށް އެއްވެސް ހުރަހެއް އެޅުމަށް މިފްކޯއިން ނިންމާފައެއް ނުވޭ" މިފްކޯއިިން ބުންޏެވެ.

އެހެން ނަމަވެސް، މުޒާހަރާ ކުރިއަށް ދާނަމަ އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޭއެފްސީ އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް ބުނަން ދަތި ކަމަށް މިފްކޯއިން ބުންޏެވެ.

"އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ ސްޓާފް ކެންޓީން ލޮކް ކޮށްފައި ހުއްޓާ ކުޑަދޮރުން ވަދެ، ތަނުގައި ހުރި ފޫޑް ސަޕްލައި ބޭނުން ކޮށްފައި، އަދި އެކޮމޮޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން. އަދި މުވައްޒަފުންގެ ކެއިން ބުއިމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވަނީ ނުފުއްދިފައި" މިފްކޯއިން ބުންޏެވެ.

ރޭ ފުލުހުންގެ އެންގުމަށް އޭއެފްސީއަށް ކަރަންޓު ދިނުމުން މަސްލަހަތު ގެއްލި، ތަނާއި، މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލު ކުރެވުމުން، ފަހުން ކަރަންޓު ކަނޑާލަން ޖެހުނު ކަމަށް މިފްކޯއިން ބުންޏެވެ.

މަސްވެރިންގެ ޑިމާންޑަކީ، އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިޔާއިން ކަރަންޓު ކަނޑާލާފައި ބެހެއްޓުން ކަމަށް މިފްކޯއިން ބުނެއެވެ.

މީގެ އިތުރުން މަސްވެރިންގެ ޑިމާންޑަކީ ޕެންޑިންގް ޕޭމެންޓް ވީ އެންމެ އަވަސް މުސްތަގުބަލެއްގަ ތެރޭގައި ދެއްކުން ކަމަށް މިފްކޯއިން ބުނެއެވެ.

މިފްކޯއިން ބުނީ، އީދު ބަންދަށް މިފްކޯއިން ވާނީ 46 މިލިއަން ރުފިޔާ ދޫކޮށްފައި ކަމަށެވެ. އަދި އޭރު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ފަދައިން، ނުދެވި ހުރި ފައިސާ ވީހާވެސް އަވަހަކަށް ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް މިފްކޯއިން ބުންޏެވެ.

ވީހާވެސް ސުލްހަވެރިކަމާއެކު އިހުތިޖާޖު ކުރިއަށް ގެންދިއުން މިފްކޯއިން މަސްވެރިންނަށް އިލްތިމާސް ކުރިއެވެ.

ހާއްސަކޮށް ކުންފުނީގެ މުދަލާއި މުވައްޒަފުންނަށް ލިބިދާނެ ގެއްލުމަކީ މުޅި ސިނާއަތަށްވެސް ލިބިދާނެ ދެރައެއް ކަމަށާއި ހާއްސަކޮށް މުވައްޒަފުންގެ އިންސާނީ ކަރާމާތަށާއި ޒަރޫރީ ބޭނުންތަކަށް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުމަށް މިފްކޯއިން އެދުނެވެ.

މުވައްޒަފުންގެ ހައްގުގައި ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން ގެންދާނެ ކަމަށް މިފްކޯއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!