މަސްވެރިން، ނުކުމެ އައްޑޫ މަސްފެކްޓަރީގެ އެކޮމޮޑޭޝަން ބްލޮކުން ކަރަންޓު ކަނޑާލުމުން މުވައްޒަފުން ރޭ ނިދީ ބޭރުގައި ސަތަރި އަޅައިގެން ކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯގައި މަސްވެރިން ކުރަމުންދާ މުޒާހަރާއާ ގުޅޭގޮތުން މިިފްކޯއިން ބުނީ، މަސްވެރިންގެ މުޒާހަރާ ކުރިއަށް ދާތީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު 4 ގެ ފަހުން އޭއެފްސީ އިން މުވައްޒަފުން ނެރެ އޮޑިވެރިންނާއި މަސްވެރިންގެ ބެލުމުގެ ދަށަށް ސައިޓް ގެންނާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްވެސް މިފްކޯއިން ބުންޏެވެ.
މިފްކޯއިން ބުނީ، ފުލުހުން ލައްވައި މުޒާހަރާއަށް ހުރަސްއެޅުމުގެ ވިސްނުމެއްް މިފްކޯގެ ނެތް ކަމަށާއި ނަމަވެސް، މުޒާހަރާ ކުރިއަށް ދާނަމަ އޭއެފްސީ އޮޕަރޭޝަން ކުރިއަށް ގެންދަން ކުންފުންޏަށް ދަތިވުމުގެ ސަބަބުން އޭއެފްސީ އޮޕަރޭޝަން އަލުން ފަށާނެ ވަގުތެއް ބުނަން ދަތި ކަމަށެވެ.
މިފްކޯއިން ބުނީ މުޒާހާގެ ބައިވެރިންގެ އަމަލުތަކުގެ ސަބަބުން މުވައްޒަފުންގެ ޒަރޫރީ ބޭނުންތައް ނުފުދިވާ ކަމަށެވެ.
"އިއްޔެގެ މުޒާހަރާގައި މަސްވެރިން ވަނީ ސްޓާފް ކެންޓީން ލޮކް ކޮށްފައި ހުއްޓާ ކުޑަދޮރުން ވަދެ، ތަނުގައި ހުރި ފޫޑް ސަޕްލައި ބޭނުން ކޮށްފައި، އަދި އެކޮމޮޑޭޝަން ބްލޮކްގެ ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން އޭއެފްސީ މުވައްޒަފުން ނިދަނީ ބޭރުގައި ސަތަރި އަޅައިގެން. އަދި މުވައްޒަފުންގެ ކެއިން ބުއިމާއި ފާހާނާ ކުރުން ފަދަ ޒަރޫރީ ބޭނުންތައް ވަނީ ނުފުއްދިފައި" މިފްކޯއިން ބުންޏެވެ.
ރޭ ފުލުހުންގެ އެންގުމަށް އޭއެފްސީއަށް ކަރަންޓު ދިނުމުން މަސްލަހަތު ގެއްލި، ތަނާއި، މުދަލަށާއި ތަނުގެ ސްޓާފުންނަށް އެކަމުގެ ސަބަބުން ގެއްލުން ލިބިދާނެ ފަދަ ހާލަތަށް ހިނގައިދާނެ ކަމަށް ކުންފުންޏަށް ގަބޫލު ކުރެވުމުން، ފަހުން ކަރަންޓު ކަނޑާލަން ޖެހުނު ކަމަށް މިފްކޯއިން ބުންޏެވެ.
މަސްވެރިންގެ ޑިމާންޑަކީ، އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް، ކެފެޓީރިޔާއިން ކަރަންޓު ކަނޑާލާފައި ބެހެއްޓުން ކަމަށް މިފްކޯއިން ބުންޏެވެ.



