ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހޯދަމުންދިޔަ ދެވަނަ މީހާ ހައްޔަރުކޮށް ބަންދަށް 10 ދުވަސް ޖަހައިފިއެވެ.
ހޮނިހިރު ދުވަހުގެރޭ ފަތިހު، ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށެވެ. އެކަމަކު އެ ސަރަހއްދުގައި ތިބި ބަޔަކު ކާރަކަށް އަރައިގެން ދިޔުމުން ކާރު ހުއްޓުވަން މަސައްކަތް ކުރި ފުލުސް މީހާގެ ގައިގައި ކާރުން ޖެއްސުމަށްފަހު ވަނީ ފިލާފައެވެ.
މި މައްސަލައިގައި ފިލި ދެ މީހުންގެ ތެރެއިން އެކަކު އޭގެ އެއް ދުވަސް ފަހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައެވެ.
އޭގެ ފަހުން ދެވަނަ މީހާ އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ.
އަނިޔާވި ފުލުސް މީހާ އަށް ހުޅުމާލޭ ހޮސޕްިޓަލުގައި ވަނީ ފަރުވާދީފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



