މަސްކައްކާ ހިއްކުމުގެ މަސައްކަތަށް ތ. މަޑިފުށިން ބިން ކުއްޔަށް ދޫކުރުމަށް ނިންމައިފިއެވެ.
މަޑިފުށި ކައުންސިލުން ބުނީ މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރުމަށް 2500 އަކަފޫޓްގެ 5 ބިން 12 އަހަރަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލްގެ 126ވަނަ ޖަލްސާއިންވަނީ ނިންމާފައި ކަމަށެވެ.
މި ބިންތަކުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ފިޔަވައި އިތުރު މަސައްކަތެއް ނުކެރެވޭނެ ކަމަށާއި، މިބިންތަކުން އެއްފަރާތަކައް ދެބިން ކުއްޔަށް ނުދެވޭނެކަމަށެވެ.
މިބިންތަކައް އެދި ހުށަހެޅޭނީ އެރަށުގެ ރައްޔިތުންގެ ތެރެއިން 18އަހަރު ފުރިފައިވާ އެރަށުގެ ރަޖިސްޓްރީގައި އޮތް މީހުންނަށް އެކަންޏެވެ. އަދި ރަށުގެ، ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށާއި ކުންފުނި ތަކަށްކަމަށް ކައުންސިލުން ބުނެއެވެ.
މިބިންތަކަށް އެދި ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޓީލާ ބީލަމު ޢުޞޫލުންނެވެ. މިގޮތުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި -/500.00ރ (ފަސްސަތޭކަ ރުފިޔާ) މިކައުންސިލަށް ދައްކަންޖެހެއެވެ.
މި ފައިސާ ބިޑް ހުށަހެޅުމުގެ ކުރިން ކައުންޓަރަށް ދައްކާ، ފައިސާ ބެހެއްޓި ޑިޕޮސިޓް ސްލިޕް މި ބިޑް ހުށަހަޅާ ފޯމް ނުވަތަ ސިޓީއާއިއެކު ހުށަހަޅަން ޖެހެއެވެ.
ބިޑް ސެކިއުރިޓީގެ ގޮތުގައި ދައްކާ ފައިސާ ބީލަން ނިމުމުން، ބީލަމުގައި ބައިވެރިވި ފަރާތްތަކަށް ދޫކުރެވޭނެއެވެ. ނަމަވެސް ބީލަން ކާމިޔާބު ވުމަށްފަހު، ބީލަން ދޫކޮށްލާނަމަ އެފަރާތެއްގެ ޑިޕޮސިޓް ފައިސާ އަނބުރާ ނުދެވޭނެ ކަމަށާއި ބިން ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަގުޖެހުމަށްފަހު ސިޓީ ފޮނުވަންވާނީ ކޮންމެ ރަސްމީ ދުވަހަކު ހެނދުނު 8:00އިން 13.30އަށް ކައުންސިލް އިދާރާއަށެވެ.
އަދި ސިޓީއާއިއެކު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީ ގެންނަންޖެހެއެވެ. މެއިލް ކުރައްވާނަމަ info@madifushi.gov.mv މިމެއިލްއަށް ފޮނުއްވާ ލިބުނުކަން ކަށަވަރު ކުރަންޖެހެއެވެ.
ކޮންމެ ބިމެއްވެސް ކުއްޔަށް ދޫކުރުމަށް ފެށޭއަގަކީ އަކަފޫޓެއް 0.30 (ތިރިސް ލާރި) އެވެ. އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު އަކަފޫޓަކަށް 0.02 ( ދެ ލާރި ) އެވެ. އަދި ބީލަން ކާމިޔާބު ކުރެވޭނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ޖެހިޖެހިގެން 3ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ، އެއަގެއް ހުށަހެޅި ފަރާތަކަށެވެ. އަދި އެދުވަހެއްގެ ލިބޭއަގުތައް އެދުވަހުގެ 14.00ގެ ފަހުން ކައުންސިލް އިދާރާގެ ނޯޓިސް ޢާއްމުކުރާ ބޯޑުގައި ޢާއްމުކުރެވޭނެއެވެ. ބީލަން ކާމިޔާބު ކުރާފަރާތްތަކާއެކު ކަނޑައެޅިފައިވާ އެއްބަސްވުމުގެ ދަށުން ބިން ކުއްޔަށް ދޫކުރެވޭނެއެވެ. މިގޮތުން އެއްބަސްވުމުގެ ދަށުން އެޑްވާންސް ޕޭމެންޓްގެ ގޮތުގައި ކުއްޔަށް ހިފާ ފަރާތުން 2މަހުގެ ކުލި ދައްކަންޖެހޭނެކަމަށް ކައުންސިލުން ބުނެއެވެ.



