މަސްވެރިންގެ ހައްގުގައި އެ މީހުންނަށް ދޭންވާ ފައިސާ ހޯދުމަށް މަޖިލީހަށް ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެމްޑީޕީ މެމްބަރުން މަޖިލިސް ޖަލްސާ ފެށުނު އިރު މަޖިލީހަކަށް ހާޒިރެއްނުވި އެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކާއި މުޒާހަރާތަކާއި ގުޅިގެން އިއްޔެ އެމްޑިޕީ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ގުރޫޕުގެ ލީޑަރު، އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވީ މަސްވެރިންނަށް ލިބެންޖެހޭ ފައިސާ މަޖިލިސް ތެރެއިން ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އެގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުމަށް އެ ޕާޓީގެ ތެރެއިން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އެހެން ނަމަވެސް މިއަދުގެ ޖަލްސާ ފަށައި ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ނޯޓިސް ދެއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ޖަލްސާގެ އެޖެންޑާގެ ފުރަތަމަ ނަންބަރު ކަމުގައިވާ ކުއްލި މައްސަލަ ހުށަހެޅުމަށް ޖަލްސާއަށް ހާޒިރުވެފައިނުވާތީވެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތް ވަނީ ނުވެފައެވެ.
މީގެ އިތުރުން މަސްވެރިންގެ ހައްގުގައި ކުރެވެންހުރި ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވި ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުވެސް މިއަދުގެ ޖަލްސާ ފެށުނު އިރު މަޖިލީހަށް ހާޒިރުވެވަޑައިގެންފައެއް ނުވެއެވެ.
އައްޑޫ މަސްވެރިން ހުއްޓާ ނުލައި މުޒާހަރާ ކުރަމުންދާތާ ތިން ދުވަސް ވެފައިވާ އިރު، ސަރުކާރުން އެކަށީގެންވާ ހައްލެއް ހޯދައި ނުދިނުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ކަމުން މި މައްސަލައިގައި ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް މަޖިލިސް ތެރެއިން މަސައްކަތް ކުރައްވާޏެ ކަމަށާއި އެގޮތުން މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހެޅުމާމެދު އެ ޕާޓީން މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވިއެވެ.


