މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން އިސްނަގައިގެން މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ޤާނޫނަށް އަހުލުވެރިކުރުމަށް ބާއްވާ ދެވަނަ ފޯރަމް މިއަދު ބާއްވައިފިއެވެ.
ފެކަލްޓީ އޮފް ހެލްތް ސައިންސަސްގެ އޮޑިޓޯރިއަމްގައި ކުރިއަށް ދިޔަ މި ފޯރަމްގައި ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ ޢަބްދުﷲ ނަޒީރު، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން ކުންފުނީގެ އިސްބޭފުޅުންނާއި އެހެނިހެން ވުޒާރާތަކާއި ސަރުކާރު ކުންފުނިތަކުން ވަނީ ބައިވެރިވެފައެވެ.
މި ފޯރަމްގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ މި ފޯރަމްގެ މަގުސަދަކީ ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުން އެކުގައި މަޝްވަރާކޮށްގެން މަސައްކަތްތެރިންނަށް ރައްކާތެރި މާޙައުލެއް ޤާއިމްކުރުމަށް ކުރެވޭނެ ކަންކަން ދެނެގަނެ އެކަންކަންކުރުމަށް މަސައްކަތްކުރުން ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މަސައްކަތުގެ މާޙައުލުގައި ދިމާވާ މައްސަލަތައް ދެނެގަނެ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތައް ހޭލުންތެރިކުރުމެވެ. އަދި އެމް.އޭ.ސީ.އެލުން އަބަދުވެސް މަސައްކަތްކުރަމުން ދާނީ ކުންފުނީގެ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލެއް ޤާއިމްކޮށްދިނުމަށް ކަމަށްވެސް ސީ.އީ.އޯ ފާހަގަކުރެއްވިއެވެ.
މި ފޯރަމް ޝަރަފުވެރި ކޮށްދެއްވާ ވާހަކަ ދައްކަވަމުން ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ނަޒީރު ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މިގޮތުން ވަޒީފާދޭ ފަރާތްތަކުގެ ޒިންމާ އެފަރާތްތަކުން ފުރިހަމަ ގޮތުގައި އަދާކުރުމަށް އިލްތިމާސް ކުރެއްވިއެވެ.
މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުނުކުރެވުމުން ދިމާވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ސްޓޭޓް މިނިސްޓަރ ވަނީ، މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ސިއްޙީ ރައްކާތެރިކަމުގެ ޤާނޫނަށް އަހުލުވެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
މި ފޯރަމުގައި ދެ މައުޟޫއަކަށް ޕްރެސެންޓޭޝަންތައް ހުށަހަޅާފައިވެއެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މަސައްކަތުގެ މާހައުލެއް ޤާއިމްކުރުމަށް އުފެއްދުންތެރިކަމާއި އެކު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ޕްރެޒެންޓޭޝަނެއް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެންވަޔަރަމެންޓުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. އަދި މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމާއި ދުޅަހެޔޮ ސިއްޙަތުގެ މުހިންމުކަމުގެ މައްޗަށް ޚާއްސަ ޕްރެޒެންޓޭޝަނެއް އެމް.އޭ.ސީ.އެލްގެ ފަރާތުންވަނީ ހުށަހަޅާފައެވެ. އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި ފޯރަމްގެ ތީމަށް ޚާއްސަ ޕެނަލް ޑިސްކަޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ސިސްސިލާގެ ދަށުން ފުރަތަމަ ފޯރަމް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ.


