Kulhudhuffushi MPs

ކުޅުދުއްފުށި ޒުވާނުން ބޭނުންވާ ގޮތަށް ވަދު ކަނދުފައްޗެއް އަޅަން ނިންމައިފި

ކުޅުދުއްފުށީ ސިޓީ ޒުވާނުން ބޭނުންވާ ގޮތަށް ވަދު މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗެއް އަޅައިދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ މިއަދު ފިޝަރީޒް މިނިސްޓަރު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ފިޝަރީޒް މިނިސްޓްރީގައި އިއްޔެ ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ކުޅުދުއްފުށި ސިޓީގެ އުތުރު ދާއިރާގެ މެމްބަރުން މުހައްމަދު ދާއޫދު ވަނީ ސިޓީގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދެއްވުމަށްވެސް އެދިވަޑައިގަތެވެ. މީގެ އިތުރުން ނާގޮށި ބޮއި ކަނޑައިގެން ގޮސްފައިވާތީ ވީހާވެސް އަވަހަކަށް މަސްވެރިންނަށް އެ ތަނުގައި އައު ކަނދުފައްޗެއް ގާއިމްކޮށްދޭންވެސް އޭނާ ވަނީ އެދިވަޑައިގެންފައެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ޝިޔާމް ވިދާޅުވީ ރާއްޖޭގެ ގިނަ ރަށްތަކުން މިހާރުވެސް ވަދު ކަނދުފަތި އަޅައިދިނުމަށް އެދިފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ އެންމެ އަވަހަށް ވުޒާރާއިން ކަނދުފަތިތައް އަޅައިދިނުމަށް އުތުރަށް ކުރާ ދަތުރުގެ ތެރެއިން ކުޅުދުއްފުށީގެ ޒުވާނުން ބޭނުންވާ ސަރަހައްދެއްގައި ވަދު ކަނދުފައްޗެއް އަޅައިދެއްވާނެކަމަށެވެ.

އޭގެ އިތުރުންވެސް ދާއޫދު ވަނީ 2000 ކުރީގައި ކުޅުދުއްފުށީގެ 70 ޕަސަންޓު ރައްޔިތުންނަކީ މިޔަރު މަސްވެރިކަމުން އާމްދަނީ ހޯދަމުން އައި ބައެއްކަން ފާހަގަކުރައްވައި މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ކުޅުދުއްފުށި ސިޓީގެ ރައްޔިތުން އެދެމުން އަންނަކަން ހާމަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ފަރުހަތު މުހައްމަދު ވިދާޅުވީ ސިޓީގައި މަސް ރައްކާކުރުމުގެ ފެސިލިޓީއެއް ގާއިމް ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އެ ސަރަހައްދުގެ މަސްވެރިންނަށް މަސްކިރުމުގެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގައި ވުޒާރާއިން އެހީތެރިކަށް ފޯރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޝިޔާމްވަނީ ކުޅުދުއްފުށި ސިޓީއަށް މިނިސްޓްރީން ކޮށްދެމުން އަންނަ ކަންކަމާއި ކޮށްދޭން ރާވާފައިވާ ކަންކަމުގެ ތަފްސީލް ދެއްވައިފައެވެ. އެގޮތުން އައިސް ޕްލާންޓުގެ މަސައްކަތް ކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެ މިނިސްޓްރީގެ މައިގަނޑު ވިސްނުމަކީ ދެމެހެއްޓެނި ގޮތެއްގައި ކުރެވޭ ތަފާތު މަސްވެރިކަމަށް ހުޅުވާލުން ކަމަށާއި އެގޮތުން މިޔަރުގެ މަސްވެރިކަމާ ގުޅޭ ގޮތުންވެސް ދިރާސާއެއް ކުރަމުން ގެންދާކަމަށާއި އަދި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒަކީ ސްޓޯރޭޖާއި ޕްރޮސެސިން ކެޕޭސިޓީ ކުރިއަށް އޮތް ދެ އަހަރު ތެރޭ ބޮޑުކޮށް ގަނޑުކުރި މަހުގެ ގޮތުގައި ކަޅުބިލަމަސް ބޭރު ކުރުން ހުއްޓައިލުމަށް މަސައްކަތް ކުރުންކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ގަނޑުކުރި ކަނޑުމަސް ބޭރުކުރުން ނިމުކަމަށް ގެނައުމުން މަސްވެރިންނަށާއި މަސްވެރި ސިނާއަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. މަސްވެރި ސިނާއަތުން ސަރުކާރުގެ ދައުރު ކުޑަކޮށް އަމިއްލަ ވިޔަފާރިތައް ތަރައްގީކޮށް ބޭރުގެ އިންވެސްޓަރުން މަސްވެރި ސިނާއަތަށް އިންވެސްޓްކުރުމަށް ފުރުސަތު ފަހިކޮށްދިނުމަކީވެސް އަމާޒެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!