ތ. އަތޮޅުގެ މަސްވެރިންގެ ކަންބޮޑުވުންތައް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރާ ހިއްސާކޮށްފިއެވެ.
މަސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި ތިމަރަފުށީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަހުމަދު ރިޔާޟްއެވެ.
އެގޮތުން ތ. އަތޮޅުގައި ފުނައްޑޫ މަސް ފެކްޓަރީ ހިންގުމަށް މީގެ ކުރިން ކޮށްފައިވާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުއްވާ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން އެ އަތޮޅަކީ މަހުގެ އުފެއްދުންތައް ތައްޔާރުކޮށް އެއިން އާމްދަނީ ހޯދާ ގިނަ ފަރާތްތަކެއް ދިރިއުޅޭ އަތޮޅަކަށްވުމުން އެ ފަރާތްތަކަށް ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލު ކުރެއްވުމުގައި މެމްބަރު ރިޔާޒް ވަނީ ތ. ތިމަރަފުށީގެ ޒުވާނުންނަށް ވަދު ކަނދުފައްޗެއް އަޅައިދިނުމާ ގުޅެ ގޮތުންވެސް މަޝްވަރާ ކޮށްފައެވެ. އަދި ތިމަރަފުއްޓަށް މަސްވެރިކަމުގެ ދާއިރާއާ ގުޅުންހުރި އިންވެސްޓްމަންޓް ގެނައުމަކީވެސް މުހިންމުކަމެއް ކަމަށާއި އެކަމުން ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މިކަމަށް އަލި އަޅުވާލަމުން ވަޒީރު ޝިޔާމް ވިދާޅުވީ ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށް މީގެ ކުރިން މިފްކޯއިން މަސައްކަތް ކުރިކަމަށެވެ. އެހެންނަމަވެސް އެކަމަށް ވަރަށް ބޮޑު ޚަރަދެއް ކުރަންޖެހޭތީވެ އެ މަސައްކަތްވަނީ ހުއްޓިފައިކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ މީހުން ދިރުއުޅޭ ރަށްރަށުގައި މަސް ކާރުޚާނާތައް އެޅުން ކަމަށާއި އޭގެ ސަބަބުން ދިވެހިންނަށް ވަޒީފާއަށް ދެވޭނެ މަގު ފަހި ކުރެވިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ވަދު ކަނދިފަތި އެޅުމަށް ގިނަ ހުށަހެޅުންތަކެއް ލިބިފައިވާކަމަށާއި ވަދު ކަނދުފަތިތައް އިތުރު ކުރުމަށް އެ މިނިސްޓްރީ އިން ކުރިއަށް ގެންދާ މަސައްކަތްތައްވެސް ހިއްސާކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތް ތަރައްގީ ކުރުމަށް ދައުލަތަށް ވީހާވެސް ލުއި ގޮތްތަކެއް ހޯދުމަކީ މި ސަރުކާރުގެ އަމާޒެއްކަމަށާއި މި ވަގުތު އެންމެ އިސްކަމެއް ދެއްވަނީވެސް މިނިސްޓްރީއަށް މަތިކޮށްފައިވާ މެނިފެސްޓޯ ތަންފީޒުކުރުމުގެ މަސައްކަތްކަމަށް ވިދާޅުވެފައެވެ.