މިފްކޯއިން މަސްވެރިންނަށް ދާއިމީކޮށް ފައިސާ ދެވޭނެ އިންތިޒާމުތައް ސަރުކާރުން ކުރިއަށް ގެންދާ ގޮތްތަކާ ގުޅޭގޮތުން ތިނަދޫ ސިޓީގެ މަޖިލިސް މެންބަރުން ވަޒީރު އަޙްމަދު ޝިޔާމްއާ މަޝްވަރާކޮށްފިއެވެ.
މިކަމާ މަޝްވަރާ ކުރައްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސަޢުދުﷲ ޙީލްމީ ވަނީ ތިނަދޫއަކީ މަސްވެރި ރަށަކަށްވެފައި މަސްވެރި އާއިލާތަކަށް ލިބެމުންދާ ދަތިތައް ހިއްސާކުރައްވައި އެކަމަށް ދާއިމީ ހައްލެއް ގެނެސްދިނުމަށް ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތައް އޮޅުންފިލުއްވާ، މަސްވެރިންނަށް ދާއިމީ ގޮތެއްގައި ފައިސާ ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން ތިނަދޫގެ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް އަވަސް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައްވެސް އޮޅުން ފިލުއްވިއެވެ.
މިކަމާ ގުޅިގެން ވަޒީރު ޝިޔާމް ވަނީ މަސްވެރިންނަށް މި ސަރުކާރުން މިހާތަނަށް ދައްކާފައިވާ ފައިސާ އާއި ސަބްސިޑީގެ ތަފްސީލްތައް ދެއްވައިފައެވެ. އަދި މަސްވެރިންނަށް ނުދެވިވާ ފައިސާ ދެއްކުމަށް މިފްކޯއާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރައްވާކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިހާރު މަސްވެރިންނަށް ނުދެވިހުރި ފައިސާ ވީހާވެސް އަވަހަށް ދެއްކުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
ޝިޔާމް ވިދާޅުވީ މިހާރުގެ މަސް ރައްކާކުރެވޭ މިންވަރު އިތުރު ނުކުރެވޭ ކަމަށް ވަނީނަމަ ރޯ މަހުގެ ގޮތުގައި ބޭރުކުރުން ނުހުއްޓުވޭނެ ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މަސްރައްކާ ކުރުމުގެ ވަސީލަތްތައް ގާއިމުކުރުން ކަމަށެވެ. އަދި ޕްރޮސެސިން އިތުރުކޮށް މިފްކޯއަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށް ވިދާޅުވިއެވެ.