ސަރުކާރަށް ބަރޯސާވާގޮތަށް ބައްޓަންވެފައި އޮތުމުން މާލީ ދަތިތައް އެބަހުރި ކަމަށާއި ކުންފުނީގެ މިސްރާބު ބަދަލުވާން ޖެހޭ ކަމަށް ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން ބުނެފިއެވެ.
މިފްކޯގެ މާލީ ހާލަތާ ގުޅޭގޮތުން އެ ކުންފުނިން މިއަދު ބުނީ، ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް މިވަގުތަށް ބޭނުންވާ ހަކަތަޔާއި ގާބިލްކަން ކުންފުނީގައި އެބަހުރި ކަމަށާއި އެހެންނަމަވެސް ދަރަނީގައި ކުންފުނި އެތައް އަހަރެއް ވަންދެން ހިންގުމުގެ ސަބަބުންނާއި، ކުންފުނި މާލީގޮތުން ސަރުކާރުގެ އެހީއަށް ބަރޯސާވާންޖެހޭ ގޮތަށް ބައްޓަންކޮށްފައި އޮތުމުގެ ސަބަބުން ކުންފުނި އޮތީ މާލީގޮތުން ބޮޑު ބުރައެއް އުފުލަން ޖެހިފައި ކަމަށެވެ.
އަދި އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކުންފުނީގެ މިސްރާބު ބަދަލުކުރަން ޖެހިފައިވާ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެ އިތުރުން މިފްކޯއިން ބުނީ، ނުއަގުގައި މަސް ގަތުމުގެ ސަބަބުން ވާ ގެއްލުން ފޫބެއްދުމަށްޓަކައި 2015 ވަނަ އަހަރުން ފެށިގެން މިހާތަނަށް މިފްކޯއަށް ސަރުކާރުގެ ބަޖެޓުން ދީފައިވާ ގުރާންޓާއި ލޯނު، އަދި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ހަމަޖައްސައިދީފައިވާ ލޯނުތަކުގެ ޖުމުލަ އަދަދު 2.5 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި މި މުއްދަތުގެކުރިން ސަރުކާރުން ލޯނުގެ ގޮތުގައި ނަގާފައިވާ 576 މިލިއަން ރުފިޔާ 2022 ވަނަ އަހަރު ސަރުކާރުން މާފްކޮށްދީފައިވާ ކަމަށެވެ.
މި އިން އެއްވެސް ފައިސާއަކީ އިންވެސްޓު ކުރުމުގެ ބޭނުމަށް ނެގިފައިވާ ފައިސާއަކަށް ނުވާތީ، މި ފައިސާއިން ކުންފުންޏަށް ފައިދާއެއް ނުލިބުމުގެ އިތުރުން، މީގެތެރެއިން ބައެއް ފައިސާގެ އިންޓަރެސްޓުގެ ގޮތުގައި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކަށް އަހަރަކު 56 މިލިއަން ރުފިޔާ ހޭދަވާ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެއިތުރުން މިފްކޯއިން ބުނީ، 2015 ވަނަ އަހަރުން ފެށިގެން މިފްކޯއަށް 1.3 ބިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.
މީގެ ކުރިން މިފްކޯ، އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއްގެ ގޮތުގައި އޮތް އިރު އެސްޓީއޯއިން މިފްކޯއަށް ކޭޝްފްލޯ ސަޕޯޓު ދިނުމަށްޓަކައި 2022 ވަނަ އަހަރުގެ ނިޔަލަށް 512 މިލިއަން ރުފިޔާގެ ތެޔޮ ދަރަންޏަށް ދޫކޮށްފައިވީ ނަމަވެސް މި ދަރަނީގެ އެއްވެސް ފައިސާއެއް އެސްޓީއޯއަށް މިހާތަނަށް ދެއްކިފައެއް ނުވާކަމަށްވެސް މިފްކޯއިން ފާހަގަ ކުރިއެވެ.
އަދި 2020 ވަނަ އަހަރުން 2022 ގެ ނިޔަލަށް ފަށައިގެން ކޭޝް ފްލޯ ސަޕޯޓު ދިނުމަށް ފައިނޭންޝަލް އިންސްޓިޓިއުޝަންތައް މެދުވެރިކޮށް ވަރކިންގ ކެޕިޓަލްއަށް ހަމަޖެއްސިފައިވާ ފެސިލިޓީތަކުގެ އަދަދު 645 މިލިއަން ރުފިޔާއަށް އަރާ ކަމަށް މިފްކޯއިން ބުންޏެވެ.
މި ފެސިލިޓީތަކުގެ އިންޓަރެސްޓަށް އަހަރަކު 40 މިލިއަން ރުފިޔާ ހޭދަވެއެވެ.
މިފްކޯ ދަރަނީގައި ސަރުކާރުގެ އެހީއަށް ބަރޯސާވެގެން ހިންގަމުން ދާއިރު ދިމާވާ ގޮންޖެހުންތައް ހައްލުކުރެވޭނީ ކުންފުނީގެ ޚަރަދުތައް ރީސްޓްރަކްޗަރކޮށް، އޮޕަރޭޝަނަށާއި ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނެވިގެން ކަމަށާއި އެ މަސައްކަތްތައް ކަމާއިބެހޭ އިދާރާތަކާއި ގުޅިގެން ކުރަމުން ދާ ކަމަށް މިފްކޯއިން ބުންޏެވެ.
މީގެ އިތުރުން، ކުންފުނީގެ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ޕްރޮސެސްކުރުމުގެ ގާބިލްކަން އިތުރުކުރުމަށްޓަކައި އިންވެސްޓުކޮށް، އިތުރު އިންވެސްޓުމަންޓުތައް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރުގެތެރޭގައި މިފްކޯ ތަރައްގީކުރުމަށް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގުމަށް ޕްލޭންކުރެވި ކަމާއިގުޅޭ މަސައްކަތްތައް ހިނގަމުން ދާ ކަމަށް މިފްކޯއިން ބުންޏެވެ.


