IMG_7509

ހުޅުމާލޭ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލީ ރާއްޖޭގައި ގައު ހުދުވުމުގެ މައްސަލަ އިތުރުވުމުގެ ސަބަބުން ބިން ހިއްކުމުގެ މަޝްރޫޢުތައް މަޑުޖައްސާލުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން އެންގުމުގެ ސަބަބުންނެއެވެ.

މި މަސައްކަތް މަޑުޖައްސާލިއިރު، "ސައިޓް ބީ"އިން 16 ހެކްޓަރާއި "ސައިޓް ސީ"ގައި ހިމެނޭ 24 ހެކްޓަރުގެ ބިން ހިއްކާ ނުނިމޭކަމަށް އެޗްޑީސީން ބުންޏެވެ. މި ސައިޓްތަކުގެ މަސައްކަތް މިހާރު މި ވަނީ ފެށިފައެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެޗް.ޑީ.ސީން ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހުއެވެ. 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރަނީ 3 އޭރިއާއަކަށް ބަހާލައިގެންނެވެ. އެގޮތުން "ސައިޓް އޭ"ގައި ހިއްކަން ހަމަޖެހިފައިވާ 10 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކާ ނިންމާފައެވެ. އަދި "ސައިޓް ބީ"ގައި ހިއްކަން ހަމަޖެހިފައިވާ 29 ހެކްޓަރުގެ ތެރެއިން 13 ހެކްޓަރު ބިން ހިއްކާ މިހާރު ވަނީ ނިންމާފައެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ސީއެމްސީއިންނެވެ. ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!