މަސްވެރިކަން ރަގަޅު ދުވަސްވަރު ތ. އަތޮޅުގައި މަސްކިރާނެ ބޯޓެއް ބޭއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން ވަހީދާއި އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ތ. އަތޮޅުގެ މަސްވެރިނަށް ފަސޭހައިން މަސްކިރޭނެ އިންތިޒާމާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް މެމްބަރު ހަސަން ވަހީދު އެދިވަޑައިގެންނެވި.
މިކަމާއި ގުޅޭގޮތުން ވަޒީރު ޝިޔާމު ވިދާޅުވީ މިފްކޯއާ މަޝްވަރާކޮށް މަސްވެރިކަން ރަގަޅު ދުވަސްވަރު ތ. އަތޮޅުގައި މަސްކިރާނެ ބޯޓެއް ބޭއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށެވެ. އަދި އައިސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވުމަށް ވުޒާރާއިން މަސައްކަތްކޮށްދެއްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގެ މަސްވެރިންގެ ކަންބޮޑުވުންތައް ހޯދާ އެކަންކަމަށް ހައްލު ހޯދައިދިނުމަށްޓަކައި މަސްވެރިކަމާއި ބެހޭ ވުޒާރާއި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށަށް ޒިޔާރަތްކުރުމާއި ވުޒާރާގައި ކައުންސިލްތަކުގެ ބޭފުޅުންނާއި މަޖިލިސް މެމްބަރުންނާއި އެކު ބައްދަލުވުންތައް ބޭއްވުން ހިމެނެއެވެ.



