ފުވައްމުލަކުގެ ކަނދުފަތިތައް އަޅައިދިނުމާ ގުޅޭގޮޮތުން ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަލީ ފަޒާދު، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމްއާ މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އިއްޔެގެ ވަގުތެއްގައެވެ.
ފުވައްމުލަކުގެ އިރުމަށްޗާއި ދެކުނުގައި އަޅާފައިވާ މަސްކަނދުފަތިތައް ކަނޑައިގެން ގޮސްފައިވާތީ އެ ކަނދުފަތިތައް ވީހާވެސް އަވަހަކަށް އަޅައިދިނުމަށް މެންބަރު ފަޒާދު އެދިވަޑައިގަތެވެ. މީގެ އިތުރުން މިފްކޯއިން އަޅަމުންދާ ސްޓޯރޭޖްގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް މި ބައްދަލުވުމުގައި މެންބަރު ފަޒާދު އެދިވަޑައިގެންނެވިއެވެ. މަސްވެރިކަމުގެ ސިނާއަތުގައި ހުރި މައްސަލައަށް ރިއާޔަތްކުރައްވާ މަސްވެރިންނަށް ދާއިމީކޮށް ފައިސާ ދެވޭނެ ގޮތްތަކެއް ހޯއްދެވުމަކީވެސް މުހިންމު ކަމެއްކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކަނދުފަތި އެޅުމަށް ފުވައްމުލަކު މަސްވެރިންގެ މަޝްވަރާއާއެކު ބޭނުންވާ ސަރަހައްދު އެނގޭގޮތަށް ކައުންސިލް މެދުވެރިކޮށް ވުޒާރާއަށް ހުށަހެޅުމުން ވީހާވެސް އަވަހަކަށް ފުވައްމުލަކުގެ މަސްވެރިންނަށް ވަދު ކަނދުފަތިތައް އަޅުއްވައި ދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުވައްމުލަކު މަސްވެރިންނަކީ ގިނައިން ވަދު މަސްވެރިކަން ކުރާ ބައެކެވެ. އެހެންކަމުން އެ ރަށުގެ މަސްވެރިންނަށް ޚާއްސަ ކަނދުފަތިތައް ރަށާއި ކައިރީގައި އަޅައިދިނުމަކީ މަސްވެރިންނަށް ވަރަށް ބޭނުންތެރި ކަމެކެވެ. ފުވައްމުލަކުގެ ކުދި ދޯނިތައް ކަނޑުމަހުގެ ދޮށިގެ މަސްވެރިކަން ނުކުރާތީ އެ ރަށުގެ މަސްވެރިންނަށް ޚާއްސަ ވަދު ކަނދުފަތިތައް ގާއިމުކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.