ހަރުދަނާ ފިޔަވޅުތަކާއި އެކު ފެނަކައަށް އުއްމީދީ ކުރިއެރުންތަކެއް ދަނީ ލިބެމުންނެވެ.
މިކަން ހާމަކޮށް އެކުންފުނިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން އޮޕަރޭޝަނަލް ޕްރޮފިޓަބިލިޓީ %117 ގެ ކުރިއެރުމެއް 2023 ވަނަ އަހަރު ފަހު ކުއާޓާއާ ބަލާއިރު ވަނީ ހޯދިފައެވެ. އަދި ހިންގުމުގެ ހަރަދު %4 ވަނީ ކުޑަ ކުރެވިފައިކަންވާކަން އެކުންފުނިން ފާހަގަކުރެއެވެ.
މީގެއިތުރުން، ސީ.އެސް.އާރް އަށް ކުރަމުން އައި ބޮޑެތި ހަރަދުތައް 2023 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާކިއާއިރު %96 ވަނީ ކުޑަކުރެވިފައެވެ.
އަދި ކުންފުނިން ހިދުމަތް އިތުރަށް ހަރުދަނާކޮށް ކުރަމުން އަންނަ ބައެއް ހަރަދުތައް، އަގު ހެޔޮކޮށް ކުރެވޭނެ ގޮތްތައް ހޯދުމަށް ކުރެވުނު މަސައްކަތުގެ ދަށުން، ސަޕްލައި ކުރާ ދޯނި ވަކި ވަކިން ކޮންމެ ދަތުރަކަށް ކުއްޔަށް ބޮޑު އަގުގައި ނެގުން ހުއްޓުވާ، އިޢުލާން ކުރެވިގެން ދޯންޔެއް އަދި ލޭންޑިންގ ކްރާފްޓްއެއް ގަތުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ފެނަކައިން ހާމަކުރެއެވެ.
އަދި، ކުންފުނީގެ މެޝިނަރީޒް ސާވިސް ކުރުމަށް ކުރެވޭ ހަރަދުތައް ކުޑަކުރުމަށް، ސެންޓްރަލް ސާވިސް ސެންޓަރެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވެމުންނެވެ. މި ސެންޓަރު ޤާއިމު ކުރެވެމުން ކުންފުނީގެ އެސެޓްތައް، އޮޕަރޭޝަންއަށް ބުރުނާރާނެ ގޮތައް އަގުހެޔޮކޮށް ސާވިސް ކުރެވޭނެ މަގު ފަހިވެގެން ދާނެކަމަށް ފެނަކައިން ދެކެއެވެ.
ހަރަދުތައް ކުޑަ ކުރުމުގެ އިތުރުން، ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ނުހުއްޓި، އަދި އިތުރަށް ރަނގަޅު ކުރުމަށް، ފުރަތަމަ ކުއާޓާގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައި، މިގޮތުން ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ 20 ރަށެއްގައި އިތުރުކޮށް، ޖުމްލަ 10.7 މެގަވޯޓް ވަނީ ފެނަކައިގެ ކެޕޭސިޓީއަށް އިތުރުކުރެވިފައެވެ.
ދިވެހިރާއްޖޭގެ 157 ރަށެއްގައި އަސާސީ ޙިދުމަތްތައް ފޯރުކޮށްދެމުން އަންނަ ފެނަކަ، އާ އުއްމީދަކާއި އެކު މަސައްކަތްތައް ބައްޓަން ކުރެވި، މިއަދު މިދަނީ، ރައްޔިތުން ބަލައިގަންނާނެ ފަދަ ޙިދުމަތެއް ފޯރުކޮށްދޭނެ ކުންފުންޏަކަށް ބަދަލު ވަމުންކަން ފެނަކައިން ފާހަގަކުރެއެވެ.



