މިފްކޯއަށް މަސްވެރިން ކިރުވި މަހަށް ނުދެވި ހުރި، 52 މިލިއަން ރުފިޔާ މިއަދު ދޫކުރަން ސަރުކާރުން މަސައްކަތް ފަށައިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މިފްކޯގެ މީޑިއާ ގްރޫޕަށް އެ ކުންފުނީގެ މީޑިއާ އޮފިޝަލު އިބްރާހިމް ސައީދު (ކޭޑު) ފޮނުވި މެސެޖެއްގައި ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި 52 މިލިއަން ރުފިޔާ މިއަދު ދެއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ނަމަވެސް، ރަސްމީ ޖަވާބެއް މިވަގުތާ ހަމައަށްވެސް ނުލިބޭ ކަމަށެވެ.
"ބެލެވޭ ގޮތުގައި ސަރުކާރުން އެނައުންސް ކުރުންވެސް އެކަށީގެންވޭ" ކޭޑު ވިދާޅުވިއެވެ.
މަސްވެރިންނަށް ފައިސާ ނުދޭ ކަމަށް ބުނެ، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ހައެއްކަ ދުވަސް ވެއްޖެއެވެ. މަސްވެރިންގެ ޑިމާންޑަކީ ވަގުތުން ފައިސާ ދޫކުރުމަށާއި ކުރިއަށް އޮތްތަނުގައި ކޮންމެ 15 ދުވަހަކުން ފައިސާ ދޫކުރަން ސަރުކާރުން އެއްބަސްވުމެވެ.
މަސްވެރިން ވަނީ، އައްޑޫ ކޮމްޕްލެކްސްގެ އޮޕަރޭޝަން އެއްކޮށް ހުއްޓުމަކަށް ގެނެސްފައެވެ. އަދި، އެ ސައިޓުން ކަރަންޓު ކަނޑާލައި، މުވައްޒަފުން މަގުމަތިވެސް ކުރިއެވެ. ނަމަވެސް ފުލުހުންގެ އެެހީތެރިކަމާއެކު، މިހާރު ސައިޓަށް ކަރަންޓު އަލުން ދީފައިވީނަމަވެސް ސައިޓުގެ އޮޕަރޭޝަން އަދިވެސް އޮތީ ހުއްޓިފައެވެ.



