އުއްމީދަކީ ޗައިނާގެ އިތުރު ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށް، ޗައިނާގެ އިތުރު ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުން ކަމަށާއި ބޮޑެތި ގައުމުތަކުގެ ކުރިއެރުމުން ކުދި ގައުމުތަކަށް ވެސް ފައިދާ ކުރާނެކަން ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަ އެއްބާރުލުމުން ސާބިތުވާކަމަށް ރާއްޖޭގެ އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ބާއްވާ 15 ވަނަ ސަމާ ޑާވޯސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ޗައިނާ އަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ޗައިނާގެ ބެއިޖިންގ ޑެއިލީ އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ ޗައިނާއަކީ އަދިވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށާއި ޗައިނާގެ އިތުރު ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފަތުރުވެރިކަމާއި ވިޔަފާރިއަށް ހެޔޮ ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.
ރާއްޖޭގައި އިންވެސްޓްކޮށް އިމާރާތް ކުރާ ޗައިނާގެ ގިނަ ވިޔަފާރިތަކެއް ވެސް އެބަހުރިކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ރާއްޖެ ފަދަ ކުދި ގިނަ ގައުމުތަކުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ޓަކައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެ ގައުމުތަކުގެ ރެޒިލިއަންސް ހަރުދަނާ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އިން އެހީތެރިވެދޭ ކަމަށެވެ.
ރާއްޖެ ފަދަ ގައުމަކަށް ޗައިނާގެ އެއްބާރުލުމާއި އެހީތެރިކަން ވަރަށް މުހިންމު ކަމަށާއި ރާއްޖެއަކީ ވަރަށް ކުޑަ އިޤްތިޞާދެއް ކަމަށާއި ޗައިނާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް އިޤްތިޞާދުކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ކުޑަ ގައުމަކަށްވީ ނަމަވެސް، އިންޑިއާ ކަނޑުގެ މެދުގައި އޮންނަ ކަނޑުގެ ބާރަކީ ވެސް، އިރުމައްޗާއި ހުޅަނގު ގުޅާލުމުގެ މުހިންމު ރޯލެއް އޮތް، ނުހަނު ފުދުންތެރިކަން ބޮޑު ގައުމެއް ކަމަށެވެ.
ބެއިޖިންއަށް އިޝާރާތް ކުރައްވައި ވަޒީރު ސައީދު ވިދާޅުވީ ބެއިޖިންއަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ގިނަ ފަހަރަށް ލިބިވަޑައިގަންނަވާ ކަމަށާއި އެކުވެރި، ފެހި، ސާފު އަދި ހިތްގައިމު މި ސިޓީ ވަރަށް ކަމުދާ ކަމަށެވެ. ބެއިޖިންއަށް ޒިޔާރަތްކުރާ ކޮންމެ ފަހަރަކު ތަފާތު ރެސްޓޯރެންޓްތަކުން މީރު ކެއުންތަކުގެ ރަހަ ބަލައި، ބެއިޖިންގެ މެހެމާންދާރީގެ އުފާ ލިބިގަތުމުގެ ފުރުސަތު ލިބޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑު އުންމީދު ކުރަން، ތިޔަބޭފުޅުން ރާއްޖެ ވަޑައިގެން، ރާއްޖެއާ ބެހޭ ގޮތުން ވާހަކަތައް ދެއްކެވުމަށް. ރާއްޖެއަށް އިތުރު އެއްބާރުލުމާއި ތަރައްގީ ބޭނުންވާއިރު، އުއްމީދަކީ ޗައިނާގެ އިތުރު ފަތުރުވެރިން ޒިޔާރަތްކޮށް، ޗައިނާގެ އިތުރު ވިޔަފާރިތަކުން ރާއްޖޭގައި އިންވެސްޓް ކުރުން" ބެއިޖިން ޑެއިލިއަށް ދެއްވި މެސެޖުގައި ވަޒީރު ވިދާޅުވިއެވެ.



