މީހަކު ރަހީނުކޮށްގެން ގެންގުޅު މައްސަލައިގައި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބަންގްލަދޭޝް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލޭދޭޝްގެ ޝަމީމް މިއާ ނަމަކަށް ކިއާ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ. މީނާ މަސައްކަތް ކުރާ ތަނުގައި ރަހީނުކޮށްގެން ގެންގުޅުނީވެސް ބަންގްލަދޭޝް ފިރިހެނެކެވެ.
އޭނާ ހައްޔަރުކޮށް އެންމެ ފުރަތަމަ ބަންދަށް15 ދުވަސް ވަނީ ޖަހާފައެވެ. ނަމަވެސް އެ މުއްދަތު ހަމަވެގެން ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މިއަދު ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ބަންދު އަމުރުގައިވާ ގޮތުން ޝަމީމް މިއާ ރާއްޖެ އައީ ބާރ ޓެންޑަރ އެއްގެ ގޮތުގައެވެ. އެކަމަކު މިހާރު އޭނާ ކުރަމުންދަނީ ހުއްދަ ދީފައިވާ މަސައްކަތެއް ނޫން ކަމަށްވެސް އަމުރުގައިވެއެވެ.
އެގޮތުން ޝަމީމް މަސައްކަތް ކުރާ ތަނުގައި މީހަކު ރަހީނުކޮށްގެން ގެންގުޅުނު ކަމަށް، ރަހީނުކޮށް އަނިޔާ ލިބުނު މީހާ ބުނެފައިވާ ކަމަށްވެސް އަމުރުގައިވެއެވެ. އަދި މި މީހާ އަށް އަނިޔާވެސް ކޮށްފައިވާ ކަމަށް އަމުރުގައިވަނީ ބަޔާން ކޮށްފައެވެ.
މީގެ އިތުރުން ޝަމީމް މިއާ މި އަމަލު ކޮށްފައިވަނީ އިތުރު ބަޔަކާ ބައިވެރިވެގެން ކަމަށް ބެލެވޭތީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާނެ ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.
ޝަމީމް މިއާގެ ސްޕޮންސަރ އަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށާއި ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި މެދު އަމަލުކުރާ އުސޫލަށް ރިއާޔަތްކުރުމަށް ކޯޓުން ވަނީ އަންގާފައެވެ.


