1520088170560

ތައިލޭންޑުން ބޭރުކުރާ ދަޅުމަހުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

ތައިލޭންޑުން ބޭރުކުރާ ދަޅުމަހުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ 5 މަސް ދުވަސްތެރޭ ތައިލޭންޑުން 221092 ޓަނުގެ ދަޅުގައި ބަނދުކުރި މަސް ބޭރުކޮށްފައިވާ ކަމަށް އެގައުމުން ހާމަކުރެއެވެ.

މި އަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު %19.39 އިތުރު އަދަދެކެވެ. އަދި އެކްސްޕޯޓުކޮށްފައިވާ ދަޅުމަހުގެ އަގު 978 މިލިއަން ޑޮލަރަށް އަރައެވެ. މިއީވެސް %13.40ގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުތެރޭ ތައިލޭންޑުން އެކްސްޕޯޓުކޮށްފައިވަނީ 445000 ޓަނުގެ ދަޅުމަހެވެ. މިއީ 2022ވަނަ އަހަރާއި އަޅާ ބަލާއިރު %13.4 ދަށް އަދަދެކެވެ.

މިދިޔަ އަހަރުތެރޭ ތައިލޭންޑުން އެންމެ ގިނަ އަދަދަކަށް ދަޅު މަސް ބޭރުކޮށްފައިވަނީ އެމެރިކާއަށެވެ. އެގޮތުން 482 މިލިއަން ޑޮލަރުގެ ދަޅުމަސް އެމެރިކާއަށް ވަނީ އެކްސްޕޯޓުކޮށްފައެވެ.

ދެވަނައަށް އެންމެ ގިނައިން ދަޅުމަސް ބޭރުކޮށްފައިވަނީ ޖަޕާން، އޮސްޓްރޭލިއާ، ލީބިއާ އަދި ސައުދީ އަރަބިއްޔާއަށެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ތައިލޭންޑަކީ އެންމެ ގިނަ އަދަދަކަށް ދަޅު މަސް ބޭރުކުރާ ޤައުމެވެ. އެގޮތުން އެޤައުމަކީ ރޯމަސް އިމްޕޯޓުކުރުމަށްފަހު ފެކްޓްރީތަކުގައި ދަޅުގައި މަސް ބަންދުކުރުމަށްފަހު ދުނިޔޭގެ އެހެން ހިސާބުތަކަށް ބޭރު ކުރާ ޤައުމެވެ.

 

 

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!