MIna-Arriv

ހައްޖުން އެނބުރި އައި މީހުންގެ ތެރޭގައި ރޯގާގެ އަލާމާތްތައް ހުރި މީހުން އިތުރުވެއްޖެ

އައިޖީއެމްއެޗްގައި، ހައްޖަށް ދިޔަ މީހުނަށް ހާއްސަކޮށް ހުޅުވި ފްލޫ ކްލިނިކަށް ދައްކާ ފަރާތްތަކުގެ ތެރޭގައި ރޯގާގެ އަލާމާތްތަކާއެކު ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.

އައިޖީއެމްއެޗުގެ ރަސްމީ އެކައުންޓުން މިއަދު 'އެކްސް' ގައި އާއްމުކުރި ބަޔާނެއްގައި ބުނީ، ހައްޖު ކްލިނިކަށް ޑޮކްޓަރަށް ދައްކާ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން އެ ހޮސްޕިޓަލުގެ މުވައްޒަފުންނާއި މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކޮންމެހެން ބޭނުންވާ ހާލަތްތަކުގައި ނޫނީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށާއި ޒިޔާރާތްކުރާއިރު މާސްކު އަޅަން އައިޖީއެމްއެޗުން އިލްތިމާސްކުރެ އެވެ.

"ހާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކު އެޅުމުގެ އިތުރަށް ހޮސްޕިޓަލުގައި އެއްވެ ނޫޅުމަށް އިލްތިމާސްކުރަމެވެ" އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.

ފްލޫ ކްލިނިކް ހުޅުވީ އެ ހޮސްޕިޓަލުގެ ކޮންސަލްޓޭޝަން ރޫމުގެ 10 ވަނަ ނަންބަރުގަ އެވެ. މި ފްލޫ ކްލިނިކްގެ ހިދުމަތް ދެމުން ދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 8:00 ޖަހަން ދެނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!