GRO6f0QaUAA7adv

މަސްފެކްޓްރީ އެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޑޮންފަންގުގެ ޓީމެއް ނިލަންދޫއަށް

ފ.ނިލަންދޫގައި މަސްފެކްޓަރީ އެޅުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރު ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޗައިނާގެ ޑޮންފަންގް ކުންފުނީގެ ޓެކްނިކަލް ބޭފުޅުން މިއަދު ނިލަންދޫއަށް ވަޑައިގެންފިއެވެ.

މިދަތުރުގައި ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ފާޠިމަތު ސަޢުދާ ބައިވެރިވެ ވަޑައިގެންފައިވެއެވެ.

މި ދަތުރުގެ މައިގަނޑު ބޭނުމަކީ މަސްފެކްޓަރީ އެޅުމަށްޓަކައި ހަދަންޖެހޭ ޓެކްނިކަލް ޕްރޮޕޯސަލް ތައްޔާރުކުރުމާއި ޑިޒައިނިން މަސައްކަތްތައް ކުރުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.

ދިވެހިރާއްޖެއިން ބާނާ މަސް ދިވެހިރާއްޖޭގައި ޕްރޮސެސް ކުރުމަށްޓަކައި، ތިން ރަށެއްގައި މަސް ޕްރޮސެސިންގް ޕްލާންޓް ގާއިމު ކުރަން ޗައިނާގެ ޑޮންފަންގް ކުންފުންޏާއެކު އެމްއޯޔޫގައި ސޮއިކޮށްފައިވަނީ 14 އެޕްރީލް 2024ވަނަ ދުވަހުގައެވެ. ނިލަންދޫގެ އިތުރުން ދެން މަސް ފެކްޓަރީތައް އަޅަނީ ޅ.ފެލިވަރު އަދި ގދ. ފިޔޯރީގައެވެ.

މިނިސްޓްރީން ބުނީ މިޕްރޮޖެކްޓްތައް ނިމުމުން ދިވެހިރާއްޖޭގައި 81 ހާސް ޓަނުގެ މަސް ދަޅުގައާއި ޕައުޗްގައި ބަންދުކުރެވޭނެ ކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއަށް މަހާއި މަހުގެ އުފެއްދުންތަކުން ކުރެވޭ ވިޔަފާރިތަކުން، އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ފުރަތަމަ ފިޔަވަޅަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!