ދެން ޖަލުގައި މަރުވާ ކޮންމެ ގައިދީއެއްގެ ހަށިގަނޑު އާއިލާއާ ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ށ. ފުނަދޫ، މުހައްމަދު ޖަމީލު ނިޔާވި މައްސަލާގައި އޭނާގެ ހަށިގަނޑުގައި ހުރި ނިޝާންތަކަކީ ބަޔަކު ގަސްދުގައި ދީފައިވާ އަނިޔާތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުވަމުންދާ ވަގުތެއްގައެވެ.
އިސްކަންދަރު ބިލްޑިންގގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނިޔާވެފައިވާ ޖަމީލުގެ ހަށިގަނޑު ބެލި ޑޮކްޓަރުން އޭނާގެ މަރުގެ ސަބަބެއް ކަމަށް ނިންމާފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުންވެސް އަދި އިންޓަރނަލް އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަން ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މީގެ ފަހުން ޖަލުގައި އެއްވެސް މީހަކު ނިޔާވެއްޖެނަމަ، އެމީހެއްގެ އާއިލާއަށް ހަށިގަނޑު ހަވާލުކުރާނީ ޕޯސްޓްމޯޓަމް ހަދައި ރިޕޯޓުތައް ލިބި، މުއައްސަސާތަކަށް ފުރިހަމައަށް ޖަވާބުދާރީވެވޭނެ ހާލަތުގައި ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ ޖަމީލުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްވެސް އާއިލާގައި އެދުނު ނަމަވެސް އެ މީހުން އެގޮތް ބޭނުންނުވީ ކަމަށެވެ.
ގައިދީއަކު އެހާ ގިނައިރު ހަރަކާތެއް ނެތި އޮތްކަން ނޭނގުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރ ވަނީ މިއަދުން ފެށިގެން ކަރެކްޝަނަލް ސާވިސްއިން ކޮންމެ ގަޑިއިރަކު ގައިދީންގެ ކަންކަން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ދައުރުވަމުންދާ ފޮޓޯތަކަކީ ޖަމީލު ނިޔާވިތާ ގިނަ އިރުތަކެއްވުމަށްފަހު އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހަށިގަނޑު އާއިލާ އާއި ހަވާލުވިފަހުން ސަހަރާގައި ނަގާފައިވާ ފޮޓޯތަކެއް ކަމަށެވެ.
ފޮޓޯތައް ދައުރުކުރަން ފެށުމާއެކު އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި އެމުއައްސަސާއާ މެދު ޝައްކު އުފެއްދުމަށް ޖާގަ ނުދިނުމުގެ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އޮޓޯޕްސީ ހެދުމަށް އަލުން ހަށިގަނޑު ފުލުހުންނާއި ޙަވާލުކުރުމަށް އެދިފައިވާ ކަމަށެވެ.
އެހެންނަމަވެސް ތަކުރާރުކޮށް ފުލުހުންނާއި ވަޒީރު އަމިއްލަފުޅަށް އެދުމުންވެސް އެގޮތަށް ޢަމަލުކުރަން އާއިލާއިން ދެކޮޅު ހަދާފައިވާކަން ފުލުހުން ފާހަގަކުރެއްވިއެވެ.
ފުލުހުން ވަނީ ޖަމީލް ގޮޅިގައި ހޭދަކުރި ފަހު ވަގުތުތައް ފެންނަ ސީސީޓީވީ ފުޓޭޖްވެސް ނޫސްވެރިންނަށް ދައްކާފައެވެ. އަދި މައްޔިތާގެ ޙުރުމަތް ކެނޑޭގޮތަށް ޚަބަރާއި މަޢުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.