Masveringe Adu

މަސްވެރިންނަށް ނުދެވި ހުރި ފައިސާ މާދަމާ ދޫކުރާނެ: މިފްކޯ

މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް މިހާތަނަށް ދައްކަންޖެހިފައިވާ ފައިސާ ސަރުކާރާއި މިފްކޯއާއި ގުޅިގެން ކުރެވުނު މަސައްކަތުން 1 ޖުލައިގައި ދެވިގެންދާނެއެވެ.

މިފްކޯއިން ބައިނަލްއަގްވާމީ ބާޒާރުގައި މަސްވިއްކުމަށްފަހު ލިބޭ އާމްދަނީއަށްވުރެ މަސްވެރިންގެ އަތުން ގަންނަ މަހަށް ދައްކަންޖެހޭ ފައިސާއާއި މަސް ގަނެ، ޕްރޮސެސްކޮށް، ވިއްކުމަށް ހިނގާ ޚަރަދު ބޮޑުތަނުން އިތުރުވާތީ ކުންފުންޏަށް އިތުރަށް ބޭނުންވާ ފައިސާ މިހާތަނަށް ހަމަޖައްސާފައިވަނީ ލޯނު ނަގައިގެންނާއި ސަރުކާރުގެ އެހީގައެވެ.

މިފްކޯއިން ބުނީ 1 ޖުލައިގައި ދޫކުރާ ފައިސާ ހިމަނައިގެން މިއަހަރުގެ މިހާތަނަށް އައިއިރު ސަރުކާރުން 353 މިލިއަން ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ. މީގެ އިތުރުން، މިފްކޯއަށް ލިބިފައިވާ އާމްދަނީއިން މަސްވެރިން ކިރުވާފައިވާ މަހަށް އިތުރު 389 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިގޮތުން ތެލާއި އައިސްއަށް ދީފައިވާ ކުރެޑިޓު ހިމެނޭހެން 831 މިލިއަން ރުފިޔާ މިއަހަރު ވަނީ މަސް ދޯނިފަހަރަށް ދޫކުރެވިފައެވެ. މިހާރު މަސް ގަންނަމުންދާގޮތަށް މާކެޓު އަގަށް ރިއާޔަތްނުކޮށް މަސްވެރިންގެ އަތުން މަސްގަނެ ޕްރޮސެސްކޮށް އެކްސްޕޯޓުކުރަމުން ދިއުމަކީ މާލީގޮތުން ދެމެހެއްޓެނިވި ކަމެއްނޫނަކަން މިފްކޯއިން ފާހަގަކުރެއެވެ.

އެހެންކަމުން މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަމުންދާނީ ބައިނަލްއަޤްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގައްގައިކަމަށް އެކުންފުނިން ހާމަކުރެއެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް މިފްކޯއިން އިޢުލާންކުރަމުންގެންދާނެއެވެ. މީގެ އިތުރުން، މިފްކޯގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރުގޮތް ގޮތް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާއި ގުޅިގެން އަޅަމުންދާނެއެވެ. މިކަމުގެ ތަފްސީލްތައް މީޑިއާއާއި ގަވާއިދުން ހިއްސާކުރަމުންދާނެ ވާހަކަ ދެންނެވީމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!