އެކުވެރިން މަހަށް ދާތަން ފެނި، މަސްވެރިކަމަށް ލޯބިޖެހުނު ނާއިލް މިހާރު އެކަމަށް "ދެވިހިފާފައި"

viber_image_2024-07-05_17-04-40-580

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާން ފެށި ރިޟްވާން ނާއިލް އަކީ އދ. ކުނބުރުދޫ ސްކޫލުގެ ޕްރިންޓަރގެ ވަޒީފާ އަދާކުރާ ޒުވާނެކެވެ. އޮފީސް ވަޒީފާ އަދާކުރަމުން، ލިބޭ ހުސްވަ ގުތުގައި ރައްޓެހިންނާއެކު ސްޕޯޓްސް ފިޝިންއަށް ދާ ންފެށީ އެ މީހުން މަސްވެރިކަމުގައި އުޅޭތީއެވެ. ރައްޓެހިން ކިޔާވަރުން އެއް ދުވަހަކު މަހަށް ދިޔައީއެވެ. އޭރު މަސްވެރިކަމާބެހޭ މާ ގިނަ މައުލޫމާތެއް އޭނާއަށް ނޭނގެއެވެ.

އޭރު ރައްޓެހިން ކިޔާނީ ޖިގު ޖައްސަން ދާ ވާހަކަ އާއި މަސްބުރިއެއްގެ ވާހަކައެވެ. ނަމަވެސް އެއީ ކޮން އެއްޗެއްޗެސް ކަމެއްވެސް އޭރު ނާއިލް އަކަށް ނޭނގެއެވެ. އެންމެ ފުރަތަމަ ނާއިލް ޖިގު ޖެއްސީވެސް ރެއްސަކު ލާފައެވެ. އަދި ރައްޓެހިން ކިޔައިދޭ ގޮތްގޮތަށް ހަދައި މަސް ބޭނޭތޯ ބަލަނީއެވެ. ފުރަތަމަ ގަތީ ގިޔޮޅެކެވެ.

ފުރަތަމަ މަހަށް ދާން ފެށީ އެހެން މީހުންގެ ދޮށި ހިފައިގެންނެވެ. ރައްޓެހިންގެ ގުރޫޕާއެކު މަހަށް ދަނީ އެންމެން އޮފީސް ނިމި، ހަވީރު ވުމުންނެވެ. އޭރު މީހުން ކިޔާތީ އިވެނީ، މަސްބުރި ލައި އުކައިގެން ބޭނޭނެ އެންމެ ސަޅި މަހަކީ މުޑަހަނދި ކަމަށެވެ. އެއީ މޫދުގައި އެންމެ ވަރުގަދަ ފައިޓެއް ދޭނީ މުޑަހަނދި ކަމަށް ވާތީއެއެވެ. އެހެން އުޅެމުންގޮސް ނާއިލްއަށް މުޑަހަންޖެއް ބޭނުމީ މި އަހަރުގެ ކުރީކޮޅުގައެވެ.

މަސްވެރިކަމުގައި ހޭދަވާ ދުވަސް އިތުރުވާ ވަރަކަށް ނާއިލް ދިޔައީ އާ ކަންކަން ދަސްކުރަމުންނެވެ. އަދި އިތުރަށް މަސްވެރިކަމަށް ހިތް ޖެހެމުން ދިޔައެވެ. މަހަށް ދާ ގްރޫޕުގަނޑުގެ ފޯރި ގަދަވެ، އިންސްޓަގްރާމް ޕޭޖެއްވެސް ހަދާފައިވެއެވެ. 'ވިލު ހިކާ' ގެ ނަމުގައި ހަދާފައިވާ މި ޕޭޖަށް ނާއިލްމެންގެ މަސްވެރިކަމުގެ ދަތުރުތަކުގެ އަޕްޑޭޓްތައް ލައެވެ. އެ ގްރޫޕުން ވަނީ ޖަރޒީބައެއްވެސް ގެނެސްފައެވެ. ފިޝް ޓެއިލްސް އާއި ބުޅިކަންވާރުން އެއްޗެހި ގަންނަން ފެށުމުން ވިލު ހިކާއަށް ހާއްސަ ޑިސްކައުންޓްވެސް ލިބެން ފެށިއެވެ. ވިލު ކިހާގައި ފަސް ވަރަކަށް މީހުންގެ ގްރޫޕެއް އޮވެއެވެ.

ފިނި ކޮޓަރީގައި، އަރާމު ގޮނޑީގައި ވަޒީފާ އަދާކުރާ ނާއިލް ބުނާ ގޮތުންނަަމަ، ރަތްދައްކާ އަވީގައި މަސްވެރިކަން ކުރުމުން މާ ހިތްހަމަޖެހެއެވެ. ފަތުރުވެރިކަން ފަދަ ކަމެއް އޮތް ރަށެއްގައި ނަމަ ސްޕޯޓްސް ފިޝިންގްއަށް ހުސްވެގެން ހުއްޓަސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށް ނާއިލް ބުނެއެވެ. ނަމަވެސް ރަށުގައި އެފަދަ ފުރުސަތުތައް މަދުކަމުން ނާއިލް މަހަށް ދަނީ މުނިފޫހިފިލުވާލުމަށެވެ. އެފަދަ ފުރުސަތެއް އޮތްނަމަ މަސްވެރިކަމަށް ހުސްވެގެން ހުރުމުގެ ވިސްނުން ގެންގުޅޭނެ ކަމަށް ނާއިލް ބުނެއެވެ.

މަހަށް ގޮސްގެން ބޭނޭ މަސް މީގެ ކުރިން ރިސޯޓަކަށްވެސް ވިއްކިއެވެ. ބައެއް ފަހަރަށް ރަށު މީހުންނަށް ވިއްކާލައެވެ. ނަމަވެސް ގިނައިން ގެންދަނީ ގޭގައި ލައިގެންކާނެ އެއްޗެއްގެ ގޮތުގައެވެ. މަސް ވިއްކައިފިނަމަ އޭގެން ލިބޭ ފައިސާއިން ޕެޓްރޯލް ގަތުމަށްފަހު، އަނެއްދުވަހު މަހަށް ގޮސް އުޅޭއިރު ކާލަން އެއްޗެހި ގަންނަނީއެވެ. އެހެންކަމުން މަސްވެރިކަން ކުރަނީ އާމްދަނީ ހޯދަން ނޫންކަމަށް ނާއިލް ބުނެއެވެ.

ނާއިލް ބުނާ ގޮތުގައި، ރާއްޖެ ފަދަ ވަށައިގެން ކަނޑު އޮންނަ ގައުމެއްގައި މަސްވެރިކަމަކީ އެންމެ ރަނގަޅު އެއް ހޮބީއެވެ. އަދި އެންމެ ސަޅި ވެސް ހޮބީއެވެ. މަހުގައި އަތްލާން ނުކެރޭ މީހާވެސް އޭނާގެ އަތުން މަހެއް ގަނެފިނަމަ އުފާވާ ކަމަށާއި، އެހެންކަމުން މަސްވެރިކަމުގައި ހަރަކާތްތެރިވާން ފަށައިފިނަމަ މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް، އަމިއްލަ ތަޖުރިބާގައި ނާއިލް ބުނެއެވެ.

ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާން ފެށި ފަހުން، މަސްވެރިކަމާ ގުޅޭ ވަރަށް ގިނަ ކަންކަން ނާއިލް ވަނީ ދަސްކޮށްފައެވެ. އަދި މިކަމުގައި އުޅޭ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަޝްހޫރު، މޮޅެތި މީހުންގެ މަސައްކަތްތައް ހޯދާ ބަލައި ދަސްކުރެއެވެ.

ނާއިލް ބުނާ ގޮތުންނަމަ މިއީ 'އަގު ބޮޑު ހޮބީ' އެކެވެ. ސަބަބަކީ މަސްވެރިކަމުގެ ތެރެއަށް ވަދެވުމުން، ފަސޭހައިން މަސް ގަންނަ ތަކެތި އަބަދު ގަނެވޭތީއެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަހަށް ބަލާއިރު، ސްޕޯޓްސް ފިޝިންއަށް ބޭނުންވާ،50 ހާސް ރުފިޔާގެ ތަކެތި ގަނެވިފައި ހުންނާނެ ކަމަށް ނާއިލް ބުނެއެވެ. އެހެންކަމުން، ސްޕޯޓްސް ފިޝިންއަކީ އެކަނި ހޮބީއެއްގެ ގޮތަށް ކުރާނަމަ އަގުބޮޑު، އެހެން ނަމަވެސް ވިޔަފާރިއެއް ގޮތަށް ކުރާނަމަ ވަރަށް ފައިދާ ކުރާނެ ކަމެއް ކަމަށް ނާއިލް ބުނެއެވެ.

މީހެއްގެ ދޮއްޓެއް ހިފައިގެން، އޭގައި ރެއްސެސް ލައިގެން މަހަށް ދާންފެށި ނާއިލް، މިހާރު ވަނީ މަސްވެރިކަމުގައި ހަރަކާތްތެރިވާން އަމިއްލަ ތަކެތި ގަނެ ހަމަކޮށްފައެވެ. ދޮއްޓާއި، މަސްބުރިއާއި ޖިގާއި މިފަދަ ތަކެތި ގަތުމަކީ މިހާރު ނާއިލް މަރުދޭ ކަމެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ