"ހޯޕް އައިލެންޑް" ގާއިމްކުރައްވާނީ ކުރިން މީހުން ދިރިއުޅޭ، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.
މިކަރުދާހުގައި ހުށަހަޅާފައިވާ ގޮތަށް ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިންނާއި އެކި ސަބަބުތަކަށްޓަކައި ކުށަށް އަރައިގަންނަން މެދުވެރިވާ ކުޑަކުދިންނަށް ބޭނުންވާ ފަރުވާއާ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ބަޔާންކުރާ "ލޯންގް ޓާރމް ރެސިޑެންޝަލް ކެއަރ ފެސިލިޓީ" މީހުން ދިރިނޫޅޭ ވަކި ރަށެއްގައި (ކުރިން މީހުން ދިރިއުޅެފައި، އުމްރާނީ ތަރައްގީގެ ކަންކަން ހަމަޖެހިފައިވާ ރަށެއްގައި) ގާއިމުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އެފަދަ މަރުކަޒެއްގައި ހުންނާނެ ފެސިލިޓީތަކާއި މަރުކަޒުގައި ހިންގާނެ ޕްރޮގްރާމުތަކުގެ ތަފުސީލުތައް އެ ކަރުދާހުގައި ހިމަނާފައިވެއެވެ.
ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް"ގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައިވަނީ މެއި މަހުގެ 12ވަނަ ދުވަހުއެވެ.
ދާހިލީ ސަލާމަތާއި ފަންނިންޔަތާ ބެހޭ ވަޒީރު އަލީ އިހުސާނު ވިދާޅުވީ، ފުލުހުންގެ ޓްރެއިނިންގ ފެސިލިޓީތަކުގައި މީގެ ޕްރޮގްރާމްތައް ޕައިލެޓް ކުރާނެ ކަމަށެވެ.
ހޯޕް އައިލެންޑަށް ގެންދާ އެކުދިންނަށް ރަނގަޅު ވަޒީފާތަކާއި ފައިނޭންޝަލް ސިސްޓަމްގައި ކުދިންނަށް ލިބެންޖެހޭ ފަރުވާ ދިނުމުން މިކަމުގަ ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ހޯޕް އައިލެންޑްގައި އުޅޭ ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެ ކަމަށެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސިފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެ ކަމަށެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދޭނެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ ޖިނާޢީ ކުށެއް ކޮށްގެން ކުޑަކުދިން ޒިންމާވާންޖެހޭ ޢުމުރު ކުޑަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.
ޖިނާޢީ ކުށެއްގެ ޒިންމާ ކުޑަކުއްޖަކު މިހާރު ނަގަންޖެހޭ ޢުމުރަކީ 15 އަހަރެވެ. ނަމަވެސް ޒިންމާ ނަގަންޖެހޭ ޢުމުރު 12 އަހަރަށް ކުޑަކުރަންޖެހޭ ކަމަށް މީގެ ކުރިން ވަޒީރު ވިދާޅުވެފައިވެއެވެ.