އައްޑޫ ސިޓިގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ މަރަދޫގައި މާރާމާރީއެއް ހިންގައިގެން ރޭ 10:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި ދެ މީހުންނަށް ފަރުވާދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ދެތިން ދުވަހެއް ކުރިން މާލޭގައި ހިންގި މާރާމާރީއާއި ގުޅިގެން ހައްޔަރުކުރި ދެ މީހަކު ވަނީ ތަހުގީގު ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އަދި އޭގެ ތެރެއިން އައްޑޫސިޓީ ހިތަދު އަށް ނިސްބަތްވާ އުމުރުން24 އަހަރުގެ ފިރިހެނަކު ވަނީ ތަހުގީގު ނިމެންދެން ބަންދު ކުރުމަށްފަހު ތަހުގީގު މަރުހަލާ ނިމުމުން ޝަރީއަތް ނިމެންދެން އަމުރުކޮށްފައެވެ.



