ބާޒާރުގައި ނެތް އަގަށް މާ ބޮޑު އަގުގައި މިފްކޯއަށް މަސް ގަތުމުން ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް މިހެން ވިދާޅުވީ ނޫސްވެރިންނާއެކު މިއަދު ބޭއްވި ހެނދުނުގެ ނާސްތާ ބައްދަލުވުމެއްގައެވެ.
މި ބައްދަލު ވުމުގައި ކަޅުބިލަމަހުގެ އަގާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް ވަނީ މިފްކޯ ހަރުދަނާ ކޮށް ދެމެހެއްޓެނިވި ގޮތަކަށް މަސްގަތުމަށް ކުރަމުން ދާ މަސައްކަތް ނޫސްވެރިންނާ ހިއްސާ ކުރައްވާފައެވެ. އެގޮތުން ވިދާޅުވީ 2020 ވަނަ އަހަރު 16 ރުގިފާ އަދި 2022 ވަނަ އަހަރު 17 ރުފިޔާއަށް މަސް ގަންނަމުން އައިސް 2023 ސެޕްޓެމްބަރ 16 ގައި 25 ރުފިޔާއަށް އަގު ބޮޑުކުރި ކަމަށެވެ.
"25 ރުފިޔާއަށް 1 އަހަރުވަންދެން މަސް ގަންނަ ކަމަށް ވަންޏާ 1.2 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ދައުލަތުން ހޭދަ ކުރަންޖެހޭ. އަޅުގަނޑުމެން މަސައްކަތް ކުރީ 20 ރުފިޔާއަށް އަގު ދަށްކޮށް އެ އަގުގައި ހިފަހައްޓަން، އެހެންނަމަވެސް މިފްކޯގެ ކޭޝްފްލޯއާ ސަރުކާރުގެ މާލީ ހަތަށް ބަލާއިރު ބޮޑު ބުރައެއް އާދޭ. 20 ރުފިޔާއަށް އަގު ބަހައްޓަން ބޭނުންނަމަ ވަރަށް އަވަހަށް ބޮޑު ބަދަލުތަކަށް ގެންނަން ޖެހޭ. " އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ އުމްރާނީ ގޮތުން މިފްކޯއަށް ދޭ އެހީތެރިކަމަކީ މިވަގުތު މާލީހާލަތު ހުރިގޮތުން ފަސޭހަ ކަމެއް ނޫން ކމަށާއި އެކަމަކު މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމަކީ މަސްވެރިނަށާއި މަސްވެރި އާއިލާތަކަށް ލިބޭ ބޮޑުގެއްލުމެއް ކަމަށެވެ. އަދި ސަރުކާރުން ބާޒާރުގައި ނެތް އަގަށް މާ ބޮޑު އަގުގައި މިފްކޯއަށް މަސް ގަތުމުން ކުދިއަދި މެދު ފަންތީގެ ވިޔަފާރިތަށް ލިބޭ ގެއްލުން މާ ބޮޑު ކަމަށްވެސް ވިދާޅުވިއެވެ.
އަމިއްލަ ކުންފުނިތަކަށް މިހާރު މިފްކޯއަށް މަސް ގަންނަމުން ދާ ދިއުމުން ވަރަށް ބޮޑު ގެއްލުމެލިބޭ ކަމަށާއި ބައެއް ކުންފުނިތަކުގެ އޮޕަރޭޝަން ހުއްޓާލާ ބައެއް ކުންފުނިތަކުން އޮޕަރޭޝަންގެ ކެޕޭސިޓީ މަދުކޮށްފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މަސްވެރި ސިނާއަތް ތަރައްގީ ކުރެވުން އޮތީ އަމިއްލަ ކުންފުނިތައްވެސް ދެމިއޮވެގެން ކަމަށާއި އެހެންކަމުން މަސްގަންނަ އަގު ކުޑަ ކުރުމަކީ ދައުލަތުން މަސްވެރިންނާއި މަސްވެރި ސިނާއަތް ދެމެހެއްޓުމަށް އެޅި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް ވިދާޅުވިއެވެ.
"މިފްކޯގެ ހިންގުން ހަރުދަނާ ކުރެވޭނެ ދާއިރާތަށް ބަލާ ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައި. ސަރުކާރުގެ ވައުދަކީ 20 ރުފިޔާ އެހެންނަމަވެސް މި ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން މި އަގުގައި ނުހިފހެއްޓިދާނެ. މިއަހަރުގެ ފުރަތަމަ ކުއާޓާރާ ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާ ގެއްލުން. މަސްވެރިން ބުނަމުންދަނީ މަސްވެރިން ތަރައްގީ ވާވަރަށް މިފްކޯ ތަރައްގީ ނުވާކަން. ރާއްޖެއަށް އަހަރަކު 128000 ޓަނު ބާނާ އިރު 70000 ވަރަކަށް ޓަނު މިފްކޯއަށް ގަނޭ. މިފްކޯގެ މަސް ރައްކާކުރެވޭ ކެޕޭސިޓީއަކީ 4000 ވަރަކަށް ޓަނު." އޭނާ ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ ބައިނަލް އަގުވާމީ ބާޒާރުގައި ވާދަވެރި އަގެއް ހޯދުމަށް އަބަދުވެސް މިފްކޯއިން މިޖެހެނީ މަސް ރައްކާ ނުކުރެވި ބޭރަށް އޮންނަ އަގަކަށް ބޭރުކުރުން ކަމަށާއި މަހަށް ރަނގަޅު އަގެއް ދެވެން އޮތީ މިފްކޯއިން ގަނޑުރިމަހުގެ ގޮތުގައި ބޭރުކުރާ މަސް ބޭރުކުރުން މަދުކޮށް އަގު އެއްކޮށްގެން މަހުގެ އުފެއްދުންތައް އިތުރުކޮށްގެން ކަމަށެވެ.
ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލަމުން ޝިޔާމް ވިދާޅުވީ އަހަރަކު 80 ހާސް ޓަނު ދަޅުގައި ބަންދުކުރަން މިހާރުވަނީ ފަށާފައި ކަމަށެވެ. އަދި ފ. ނިލަންދޫ އާއި ގދ. ފިޔޯރީގައި އަޅާ ފެކްޓަރީއާއެކު މިއދަދަު އިތުރުވެގެންދާނެ ކަމަށެވެ.
"އެންސިސްގެ 25 ޓަނާއި ހޮރައިޒަންގެ 40 ޓަނު. 90 މިލިއަން ޑޮލަރުގެ އާމްދަނީ 180 މިލިއަން ޑޮލަރަށް ބަދަލުވެގެން ދާނެ - މަސްގަތުމަށް ގެނައި ބަދަލަކީ ހަމަ އެކަނީ މަހަށް ގެނައި ބަދަލެއް ނޫން. މިއި މުޅި މިފްކޯ ރަގަޅުކޮށް މިފްކޯގެ ހަރަދުތައް ކުޑަކޮށް މިފްކޯ "ރައިޓް ސައިޒް" ކުރުން. މިފްކޯގެ ލީކޭޖްތައް މަދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ވަނީ ފަށާފައި. މި ސަރުކާރުން ހަވާލުވިއިރު 250 މިލިއަން ރުފިޔާ ގެ ދަރަނި މަސްވެރިންނަށް ދޭންޖެހޭ. ސްޓޯރޭގްގެ ފުލް ކެޕޭސިޓީ 4000 ޓަނު 20 ރުފިޔާގެ މަގުން ބެލި ނަމަވެސް ލިބޭނީ 80 މިލިއަން." އޭނާ ވިދާޅުވިއެވެ.
ދައުލަތުން މިފްކޯ ހިންގަން މިދެނީ މުޅި ރައްޔިތުންގެ ޓެކްސްފައިސާ އިން ކަމަށާއި މިފްކޯގެ މުވައްޒަފުންގެ އަދަދުވެސް މިހާރު ރިވިއުކުރަމުންދާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އަދި މިފްކޯއަށް ތެކެތި ގަނެވޭ އެކި ދިމާވެސް ބަލާ އެ ދާއިރާތަކުންވެސް ހަރަދު ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި ރިޖެކްޓް މަސް މަދުކުރުމަށް މަހުގެ ކޮލިޓީ ޗެކްކުރުން މިހާރަށްވުރެ ބޮޑަށް މިފްކޯއިން ބަލަން ފެށުމާއި ކޮލިޓީދަށް މަސް ގަތުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމަށްވެސް ވަނީ ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާރު މިފްކޯގައި ބޭނުން ކުރާ ކުދި ބޯޓު ފަހަރުތަކަށް ވަރަށް ހަރަދުކުރަންޖެހޭ ކަމާއި އޭގެ ބޯޓަކަށް މަސްދޯންޏެއްގެ މަސް ނުނެގޭ ކަމާއި އެ ކުދި ބޯޓުތައް ހުއްޓާލަންވެސް ދަނީ މަޝްވަރާކުރަމުން ކަމަށެވެ. އަދި ކުންފުން ބޮޑެތި ހޭދަކުރަންޖެހޭ ތަންތަން ކަމުގައިވާ ކަނޑުއޮތް ގިރިއާއި ފުނައްޑޫއަށްވެސް ގޮތެއް ނިންމުމަށް ދަނީ މަޝްވަރާ ކުރަމުން ކަމަށްވެސް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިފްކޯގެ އުފެއްދުންތައް އިސްތިހާރުކުރުމަށް އިތުރު މަސައްކަތް ކުރަމުންދާ ކަމަށާއި ހަމައެކަނި މަހުގެ އަގު ދަށްކުރުމުގެ ބަދަލުގައި މުޅި މިފްކޯގެ ހިންގުން ހަރުދަނާކޮށް ރަގަޅަށް މަސައްކަތްކުރާ ކުންފުންޏަކަށް މިފްކޯ ހެދުން އެއީ އަމާޒު ކަމަށެވެ. ފަސް ވަނަ ޖީލުގެ ދޯނިތައް މަސްވެރިކަމަށް ނެރުމަކީ ރައީސް ޑރ. މުޢިއްޒުގެ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެކަމުގެ މަސައްކަތްވެސް ދަނީ ކުރަމުންދާ ކަމަށޤވެސް ވިދާޅުވިއެވެ.
"ޕްރޮޓޯ ޓައިޕް ވެސަލްއަކަށް ފަންޑްވަނީ ހަމަޖެހިފައި. 2025 ގެ ފަހުކޮޅަށް ނެރެވޭނެ ކަމަށް އުއްމީދުކުރެވޭ. 50 އަހަރުވީއިރު ފެލިވަރަށް އެއްވެސް ތަރައްގީއެއް ގެނެވިފައި ނުވޭ. އަޅުގަނޑުމެން މި ފަށާފައިވައިވަނީ އެ މަސައްކަތް. މިހާރު މިފްކޯއިން މަސްގަންނަން ނިންމާފައިވަނީ އަގު ފްލޯޓުކޮށް ބާޒާރުގެ އަގަށް އަގު ބަދަލުކޮށްގެން. އަދިވެސް މަސް ގަންނަނީ ސްބަސިޑައިޒް ކޮށްގެން ލިބެނީ އެވްރެޖްކޮށް 16-17 އަށް މަސްގަތް ކަމުގައި ވީނަމެސް ފަންސަވީސް ވަރަކަށް މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި." އޭނާ ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މިފްކޯ ހަރުދަނާ ކުރުމަށް ފިނޭންސާއި ގުޅިގެން އެފިޝިއަންސީ ރަގަޅު ކުރުމަށް ކުރެވިދާނެ ކަންކަން ބަލަމުންދާ ކަމަސެވެ. އަދި ހަރަދުތައް މެނޭޖް ކުރެވޭ މިންވަރު މަދުކުރަންވެސް މަސައްކަތްތަކެއް ކރަމުންދާ ކަމަސްވެސް ވިދާޅުވިއެވެ.


