މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީގެ، 2023ވަނަ އަހަރުގެ އަހަރީ އާންމު ހަލްސާ މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެމްޓީސީސީއިން ބުނީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 17ވާ ބުދަ ދުވަހުގެ ރޭ 20:30ގައި ކުރުނބާ މޯލްޑިވްސްގެ ބޯގަންވިލާ މާލަމުގައި ކަމަށެވެ.
މި ޖަލްސާގައި ހިއްސާދާރުންނަށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕްސިޓަރީގެ އޮންލައިން ވެބް އެޕްލިކޭޝަން "ފަހިވޯޓް" މެދުވެރިކޮށް ނުވަތަ ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.
މި ޖަލްސާގައި ބައިވެރިވެވޭނީ ޖޫން 23ގެ ނިލަށް އެ ކުންފުނީގެ ހިއްސާދާރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
އަހަރީ އާންމު ޖަލްސާގައި 2023 ވަނަ އަހަރުގެ ފައިދާއިން ޙިއްޞާދާރުންނަށް ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން ހުށަހަޅާފައިވާ ޢަދަދު ފާސްކުރުން އޮންނާނެއެވެ. އަދި މި އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމާއި، ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުންގެ ބޯޑަށް އައްޔަނުކުރުންވެސް އޮންނާނެއެވެ.



