މަސްވެރިކަމުގައި ކަނޑުމަތީގައި އުޅެނިކޮށް އޮޔާ ދަނިކޮށް ފެނުނު ފުޅިއެއް ބޮއެގެން 5 މީހުން މަރުވެފައިވާއިރު، އެ ބޯޓުން ދަތުރު ކުރި މީހުން ތެރެއިން ފުރާނަ ސަލާމަތްވެފައިވަނީ އެންމެ މީހެއްގެއެވެ.
ސްރީ ލަންކާގެ ނޭވީ އިން މިހާރުވަނީ އެ މީހާ އެއްގަމަށް ގެނެސްފައެވެ.
ޑެވޮން 5 ނަމަކަށް ކިޔާ މަސް ބޯޓެއްގައި 6 މަސްވެރިން މަހަށް ނިކުތީ ޖޫން 4ވަނަ ދުވަހުއެވެ. އެމީހުންނަކީ ބޮޑު ދާ ޖަހައިގެން މަސްވެރިކަން ކުރާ ބޯޓެއްގެ މަސްވެރިންނެވެ. އަދި ގިނަ ދުވަސްވަން ދެން ކަނޑުމަތީގައި އުޅެއެވެ.
ކަނޑުމަތިން ފެނުނު ފުޅި މަސްވެރިން ބޮއެފައިވަނީ އެއީ ރާ ކަމަށް ހީކޮށެވެ. އޭތި ބުއިމަށްފަހު އާދީއްތަ ދުވަހާއި ހަމައަށް 4 މީހުން ވަނީ މަރުވެފައެވެ. އަދި ހާލު ދެރަވި 2 މީހުން ސިންގަޕޫރުގެ ބޯޓަކަށް ނަގާފައިވާއިރު، އޭގެތެރެއިން ފުރާނަ ސަލާމަތްވީ އެކަކެވެ.
އަދި އެ ބޯޓުގައި މަރުވި މީހާ އާއި ފުރާނަ ސަލާމަތްވި މީހާ މިހާރު ވަނީ ލަންކާ ނޭވީގެ ފަރާތުން އެއްގަމަށް ގެނެސްފައެވެ.
އަދި ފުރާނަ ސަލާމަތްވި މީހާގެ ހާލު މިހާރު ރަނގަޅު ކަމަށް ނޭވީއިން ވަނީ މައުލޫމާތުދީފައެވެ.
ބޯޓުގައި މަރުވި 4 މީހުން އަދިވެސް ތިބީ އެ ބޯޓުގައެވެ. އަދި އެ ބޯޓުގައި ޓެކްނިކަލް މައްސަލައެއް އުޅޭތީ ކަފު ޖަހައިގެން މިހާރު ދަނީ ލަންކާއަށް ގެނައުމަށް މަސައްކަތްކުރަމުންނެވެ. ބެލެވޭގޮތުގައި އެއްގަމާއި ހަމައަށް ފޯރަން އަދި 2 ދުވަސްވަރު ނަގާނެއެވެ.
އެމީހުންގެ ހަށިތައް ލިބުމުން ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު އާއިލާތަކާއި ހަށިގަނޑުތައް ހަވާލުކުރާނެ ކަމަށް ނޭވީއިން ވަނީ ބުނެފައެވެ.